ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ބަޔާން މިއުނިކާ އެއްވަރުކޮށް، މެންޗެސްޓާ ސިޓީން ސެމީ ފައިނަލް ޔަގީންކުރި އިރު، ބެންފިކާ ކައިރިން ކުރި ހޯދައި، އިންޓަ މިލާނުންވެސް ސެމީއަށް ދަތުރުކޮށްފިއެވެ.
ބަޔާން އާއި ސިޓީން ރޭ ބަޔާން ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ސިޓީ ސެމީއަށް ދިޔައީ އެގްރިގޭޓް 4-1 ގެ ނަތީޖާއަކުންނެވެ. ބެންފިކާ އާއި އިންޓައިން ފުރަތަމަ ޕޯޗުގަލްގައި ކުޅުނު މެޗުން އިންޓަ 2-0 އިން މޮޅުވެފައި އޮތް އިރު، އެގްރިގޭޓް 5-3 އިން އެޓީމު ސެމީއަށް ދިޔައީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރުވުމުންނެވެ.
ރޭގެ މެޗަށް ބަޔާން ނުކުތީވެސް "މިރަކަލްއެއް ހާސިލްކުރަން" ޖެހި ފައި އޮވެގެން ކަމަށް ދާދިފަހުން ޓީމާ ހަވާލުވި ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފައެވެ. އެޓީމުން އެކަން ހާސިލުކުރުމަށް ފުރަތަމަ ހާފުގައި ރަނގަޅަށް ސިޓީގެ އެޓޭކް ހިފަހައްޓާލި ނަމަވެސް، ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
މެޗުގެ ކުރީކޮޅުގައި ލެރޮއި ސާނޭއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، އޭނާގެ ހިލޭ ޖެހުމާއި ފަހުން ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަވެސް މަތަކޮށް ބޭރުކޮށްލީ ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ. ފުރަތަމަ ހާފުގައި ސިޓީއަށް ލިބުނު ޕެނަލްޓީގައި އާލިން ހާލަންޑް ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.
ހާލަންޑް ފުރަތަމަ ހާފުގައި ޕެނަލްޓީ ނާކާމިޔާބު ކޮށްލި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ސިޓީއަށް ލީޑު ނަގައިދިނެވެ. ޑަޔޮޓް އުޕަމެކާނޯ ކައިރިން ފަސޭހަކަމާއެކު ދެމި ގަނެ، ގޯލު ޖެހީ ހާލަންޑެވެ. އެއީ ސީޒަނުގައި ހާލަންޑް ޖެހި 48 ވަނަ ގޯލެވެ.
މެޗުގައި ބަޔާނުން ޖެހި ހަމައެކަނި ގޯލަކީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ޖޯޝުއާ ކިމިކް ޖެހި ގޯލެކެވެ. އެ ގޯލާއެކު މާޔޫސްކަމުގައި ބަޔާނުން މެޗު ނިންމާލި އިރު، ކޯޗު ޓުޗެލްއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.
ސިޓީން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީގައިވެސް ރެއާލްއާ ދެކޮޅަށް ނުކުމެފައިވާ އިރު، އެ ދެ ލެގު ފެނުނީ ފޯރިގަދަ ކޮށެވެ. ގިނަ ގޯލުތަކެއް ދެ ލެގުގައި ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ލެގު އިތުރު ވަގުތަށް ގޮސް ރެއާލްއިން ސިޓީގެ މައްޗަށް ކުރި ހޯދީ އެގްރިގޭޓް 6-5 ގެ ނަތީޖާއަކުންނެވެ.
ރޭ އިންޓައިން ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ނިކޮލަ ބަރޭލާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު އިންޓައިން އެގްރިގޭޓް ނަތީޖާ އިތުރަށް ފުޅާކުރި ނަމަވެސް ހާފު ނިމުމުގެ ކުރިން ބެންފިކާގެ ފްރެޑްރިކް އޯސްނެސް ބޮލުން ޖެހި ގޯލުން އެޓީމަށް އުންމީދެއް ލިބުނެވެ.
އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ލައުޓާރޯ މާޓިނޭޒާއި ޖޮކުއިން ކޮރެއާ ޖެހި ގޯލުތަކުން އިންޓާއިން ސެމީ ޔަގީންކުރިއެވެ. ބެންފިކާއިން މެޗުގައި ޖެހި އަނެއް ދެ ގޯލަކީ އެންޓޯނިއޯ ސިލްވާއާއި ޕީޓާ މޫސާ މެޗުގެ ފަހު ކޮޅުގައި ޖެހި ދެ ގޯލެވެ.
މިއީ 2010 ވަނަ އަހަރަށްފަހު އިންޓައިން ޗެމްޕިއަންސް ލީގު ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އަހަރު އިންޓައިން ކޯޗު ޖޯސޭ މޮރީނިއޯއާއެކު ޓްރެބަލް ކާމިޔާބުކުރި އިރު، ރޭގެ ނަތީޖާއާއެކު ސިމޯން އިންޒާގީއަށްވެސް ވަނީ ހާއްސަ ޝަރަފެއް ލިބިފައެވެ. އިންޓަގެ ކޯޗު އިންޒާގީ ވެފައި ވަނީ 1980-81 ވަނަ އަހަރުގެ ސީޒަނުގައި އިއުގޭނިއޯ ބާސެލިނީއަށްފަހު އިންޓަ ގޮވައިގެން ޗެމްޕިއަންސް ލީގު ސެމީއަށް ދިޔަ އިޓަލީގެ ފުރަތަމަ ކޯޗަށެވެ.
ރޭގެ މެޗަށްފަހު އިންޒާގީ ބުނީ އޭސީ މިލާނާ ދެކޮޅަށް ސެމީގައި ކުޅެން ޖެހުމަކީ ހާއްސަ ކަމަކަށްވާނެ ކަމަށާއި، ޖެހިލުންނުވެ، ކްލަބުގެ ތާރީހަށްޓަކައި ފައިނަލަށް ދާން ވަރުގަދަ އަޒުމެއްގައި ހުރި ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު