މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި މާލޭ ސިޓީ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް އެ ކޯލިޝަންގެ ބައެއް މެމްބަރުން ކެމްޕޭން ކުރަމުންދާ ކަމަށް ކޯލިޝަންގެ ސެނެޓް މެމްބަރުންތަކެއް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ބައެއް ސެނެޓަރުން "ވަން" އަށް މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ތާއީދުކުރުމުގެ ވާހަކަތަކެއް މިހާރު ކޮންމެވެސް ވަރަކަށް ދެކެވެން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަމުގެ މަޝްވަރާތަކެއް ރަސްމީކޮށް ފަށާފައިނުވާ ކަމަށެވެ.
"ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އައިސްފިނަމަ ދެން އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މިހާރު އެބަ ވާހަކަ ދެކެވޭ. ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި މިހާރު ނުރަސްމީކޮށް އެ ވާހަކަ ދައްކާ، ޑރ. މުހައްމަދު މުއިއްޒުގެ ނަން ކޮމިޓީގައި އެބައޮވޭ. އެކަމަކު އަދި ހަމަ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް މި ބަލަނީ،" ސެނެޓަރަކު ވިދާޅުވިއެވެ.
އެހެން ސެނެޓަރަކު ވިދާޅުވީ ޕީޕީއެމް އޮފީސް ތެރޭގައިވެސް މިހާރު ޑރ. މުއިއްޒަށް ތާއިދުކޮށް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
"މިހާރު އެބައޮތް ތިކަހަލަ ވާހަކަތަކެއް، ޕީޕީއެމް އޮފީސް ތެރޭގައި، ވާހަކަވެސް ދައްކާ ހަދާ އެގޮތަށް،" އެ މެމްބަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން "ވަން" އަށް މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި އެކަހަލަ ވާހަކަތަކެއް ދެކެވެމުން ނުދާ ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ޔާމީނަށް ވާދަނުކުރެއްވޭ ހާލަތަކަށް ވިސްނަން ބޭނުންނުވާ ކަމަށެވެ.
"ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދެއްވާފައި. އަޅުގަނޑު ގަބޫލުކުރަނީ ޔާމީން މިނިވަންވެވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް. ރިޔާސީ އިންތިހާބުގައި ވާދަކުރަން ވިސްނާފައެއްވެސް ނުވާނެ. ހައި ކޯޓުން މިނިވަންވެވަޑައިގެން ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އޭނާއަކީވެސް ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅެއް ކަމަށާއި ޔާމީން ފޮނުއްވާ ނޯޓުތަކާއި ސިޓީތައް ފެންނަ ކަމަށެވެ. އަދި އޭގައިވާ ކަމަކާ ގުޅިގެން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒުގެ މައްސަލައެއް ބަލަމުންނުދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ރަމީޒު އޭނާއަށް ރިޔާސީ ކެންޑިޑޭޓު ހޯއްދަވައިދިނުމަށް މަސައްކަތް ކުރައްވާފައިނުވާ ކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި މުއިއްޒަށް ކެމްޕޭންކުރާ ކަމަށް ބައެއް ސެނެޓަރުން ވިދާޅުވާ އިރު، އެހެން ސެނެޓަރުން ވިދާޅުވާ ގޮތުގައި އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް އެ ސެނެޓަރުން ވިދާޅުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު