މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ކެމްޕޭން ކުރައްވާ ކަމަށްބުނެ، މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފަށައިފިއެވެ.

ޕީޕީއެމްގެ އިސްތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ ރަމީޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ނޭނގޭ ކަމަށެވެ.

"މައްސަލައެއް ހުށަހަޅާފައި. ދެން އަޅުގަނޑަށް އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވޭނީ ސުލޫކީ ކޮމިޓީން އެ މައުލޫމާތެއް ހާމަކުރީމަ،" ހީނާ ވިދާޅުވިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ރަމީޒާ ދެކޮޅަށް ހުށަހަޅާފައިވަނީ، މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ކެމްޕޭންކުރައްވާ ކަމަށްބުނާ މައްސަލައެކެވެ.

ރަމީޒުގެ މައްސަލައެއް ބަލަން ފަށާފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށްތޯ ސުވާލުކުރުމުން ހީނާ ވިދާޅުވީ ރަމީޒުގެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުންތޯ އަދި ނޭނގޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު، ރަމީޒާ ދެކޮޅަށް ހެކިބަސް ދޭން ނިންމަވާފައިވާ ކަމަށް ވެސް ވާހަކަތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެބޭފުޅުންނަށް "ވަން" އިން ގުޅުމުން ވިދާޅުވީ، ރަމީޒާ ދެކޮލަށް ހެކިބަސް ދޭން ނިންމަވާފައިވާ ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެކަމާ ގުޅިގެން ރަމީޒުގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.