މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަކީ ވަރަށް ހާއްސަ އަދި މުހިންމު އިންތިހާބެކެވެ. މިއީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ވަރުގަދަ ކެންޑިޑޭޓެއް މިނެކިރައިލުމަށް އޮތް ފުރަތަމަ އިމްތިހާނެވެ. އެ ގޮނޑިއަކީ ނަތީޖާ ނެރުން އެންމެނަށްވެސް ވަރަށް މުހިންމު ގޮނޑިއަކަށް އޮތީވެފައެވެ. ހާއްސަކޮށް، ދެވަނަ ދައުރަކަށް ނުކުންނަވަން ނިންމަވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އިންތިހާބު ކާމިޔާބު ކުރެއްވުން ވަކީން މުހިންމެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބު އެމްޑީޕީން ފުރަތަމަ ފަހަރަށް މިވަނީ ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ޕީޕީއެމްގެ މެންބަރަކު ހުންނެވި، އެ ދާއިރާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކުރެއްވީ 50 ޕަސެންޓް ވޯޓުންނެވެ. އެއީ 1346 ވޯޓެވެ. އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސެއިން ރިޒާ އާދަމަށް 1226 ވޯޓު (45.5 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ 4.5 ޕަސެންޓް ވޯޓެވެ.

ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑިއަކީ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ނަން ލިޔެފައިވާ ގޮނޑިއެކެވެ. ޕީޕީއެމްގެ "ރަސްކަން" ހިނގާ ގުރައިދޫ ދާއިރާގެ ގޮނޑި އެހެން ބަޔަކަށް ކާމިޔާބު ކުރުން އޮތީ އުނދަގޫ ކަމަކަށް ވެފައެވެ. މި ގޮނޑިއަކީ އެމްޑީޕީއަށް މީގެ ކުރިން ކާމިޔާބު ކުރެވިފައިވާ ނުވާ ގޮނޑިއެކެވެ. އެހެންކަމުން މި ގޮނޑި ކާމިޔާބު ކުރެވިގެން ދިއުމަކީ ތާރީހު ބަދަލުކޮށްލެވިގެންދިއުން ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ގަބޫލުކުރައްވައެވެ.

"މިއީ ތާރީހު ބަދަލުކޮށްލި ކާމިޔާބީއެއް. އެ ދާއިރާގެވެސް ގިނަ ބަޔަކު ގަބޫލު ކުރަމުންދިޔައީ އެއީ ހަމައެކަނި ޕީޕީއެމަށް ނިސްބަތްވާ ދާއިރާއެއް ކަމަށް. ކުރީގެ ނަތީޖާތަކަށް ބަލާއިރުވެސް އެދާއިރާއަކީ ޕީޕީއެމްގެ ސަޕޯޓަރުން ގިނަކަން ފާހަގަ ކުރެވިފައިވާ ދާއިރާއެއް،" ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް "ވަން" އަށް ވިދާޅުވިއެވެ.

ނިޔާޒް ފާހަގަކުރެއްވި ގޮތުގައި މި ކާމިޔާބީގެ ބޮޑު ސިއްރަކީ ރައީސް ސޯލިހް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ގެންގުޅުއްވި ސިޔާސަތުތަކެވެ. އެއީ އެއްވެސް ރަށެއް ބާކީ ނުކޮށް، ތަރައްގީ ގެނެސްދެއްވުމުގެ ސިޔާސަތެވެ. އެކަން މިއަދު ގުރައިދޫ ދާއިރާގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށް ނިޔާޒް ގަބޫލުކުރައްވައެވެ. އަދި އެކަން މި އިންތިހާބުން އެ ދާއިރާގެ ރައްޔިތުން ސާބިތުކޮށްދީފި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ގޮނޑި އެމްޑީޕީއަށް ހާއްސަވެގެންދާ އަނެއް ސަބަބަކީ އެމްޑީޕީ އެތެރެ ބައިބައިވެ، ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހްގެ ފެކްޝަންގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދިމާވި އިންތިހާބަކަށްވުމާއި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިބި ޖޭޕީން، ސަރުކާރާ ދެކޮޅުގައި އޮތުމެވެ. ޕާޓީގައި ދެ ފިކުރެއް އުފެދިފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި އިންތިހާބަކަށްވުމުން، ޕާޓީ އެކަތިގަނޑަކަށް ހަދަން އޮތް ފުރަތަމަ އިމްތިހާނަކަށްވެސް ވެފައިވަނީ މި އިންތިހާބެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އިސްވެރިން ގަބޫލުކުރައްވާ ގޮތުގައި ޕާޓީގެ ތެރޭގައި ބައިބައިވުމެއް ނެތެވެ. އެންމެންގެ ފިކުރަކީވެސް އެއް ފިކުރެއް ކަމެވެ. އަދި އެންމެންވެސް ބޭނުންވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމެވެ. އެކަން މި އިންތިހާބުން ސާފުވެގެން ގޮސްފައިވާ ކަމަށް ނިޔާޒް ގަބޫލުކުރައްވައެވެ.

"ޕާޓީގެ ބައިބައިވުމަށްވުރެ ބޮޑަށް އިސްކޮށްތިބި ބައެއް މީހުންގެ ހިޔާލުތަފާތުވުންތައް އޮތްތަން ފެނިގެން މިދިޔައީ. އެކަން ޕާޓީގެ މެންބަރުންނާ ހަމައަށް ފޯރާފައި އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އަދި މެންބަރުންވެސް ގަބޫލެއް ނުކުރޭ. މެންބަރުންވެސް ގަބޫލުކުރަނީ ޕާޓީއާއެކު ހުރިހާ މެންބަރުންވެސް ތިބެން ޖެހޭނެ ކަމަށް، ހާއްސަކޮށް ބޮޑެތި އިންތިހާބުތަކުގަ،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒްގެ އިތުރުން ޝާޒްގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ޖައިޝް އިބްރާހިމް ގަބޫލުކުރައްވާ ގޮތުގައިވެސް ޕާޓީގެ އެތެރޭގެ ގޮންޖެހުންތަކާ އެކުވެސް އެމްޑީޕީއަށް ކާމިޔާބު ލިބުމަކީ ލިބުނު ފުރިހަމަ މޮޅެއް ކަމަށެވެ. ހާއްސަކޮށް މި ސަރުކާރު ބަލައިގެންފައިވާ މިންވަރާއި ކުރިން ތާއީދު ނެތް ދާއިރާތަކުންވެސް ރައީސް ސޯލިހްގެ ސިޔާސަތުތަކަށް ފުރިހަމައަށް އިތުބާރު ކުރާކަން މި އިންތިހާބުން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

އެމްޑީޕީން އަބަދުވެސް ދެކެމުން އައީ ރައީސް ނަޝީދަކީ އެޕާޓީގެ "ބައްޕަ" ގެ ގޮތުގައެވެ. ސަބަބުތައްވެސް ވަރަށް ގިނައެވެ. އެހެން ނަމަވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މިވަނީ މަންޒަރު މުޅީންހެން ބަދަލުވެފައެވެ. އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށްވުރެ ރައީސް ސޯލިހަށް އޮތް ތާއީދު ބޮޑުވެފައިވާ މަންޒަރު ދިޔައީ ހުރިހާ އިންތިހާބުތަކުންވެސް ފެންނަމުންނެވެ. ރައީސް ނަޝީދުގެ ފޮޓޯ ޖަހައިގެން ނޫނީ އިންތިހާބުތައް ކާމިޔާބު ނުކުރެވޭނެ ކަމަށް ދެއްކި މަންޒަރުތައް މިއަދު މިވަނީ ބަދަލުވެފައެވެ.

ގުރައިދޫ ދާއިރާގެ އިންތިހާބަކީ ރައީސް ސޯލިހުގެ ތާއީދު މިނެކިރާލުމަށް އޮތް ފުރަތަމަ އިންތިހާބެކެވެ. ރައީސް ނަޝީދާ ނުލައި، ވާދަވެރި، އަދި މީގެ ކުރިން ރައީސާއި ނަޝީދުގެ ބައިވެރިވުމާ އެކުވެސް ކާމިޔާބު ކުރެވިފައި ނުވާ ގޮނޑިއެއް ކާމިޔާބުކުރައްވައި، ރައީސަށް އޮތް ތާއީދު ދައްކާލުމަށް އޮތް ފުރުސަތެކެވެ. ޕާޓީ ބައިބައިވެ، މެންބަރުންވެސް އެގޮތަށް ތިބި ކަމަށް ދެކެވިގެންދިޔަ މަންޒަރު ބަދަލުކޮށްލަން ލިބުނު އިންތިހާބަކަށެވެ.

އެމްޑީޕީގެ ތާރީހު ބަދަލުކުރެއްވުމުގެ ސިލްސިލާ ކާމިޔާބީތަކަށް ރައީސް ސޯލިހް މިވަނީ އިތުރުބޮޅެއް އިތުރުކުރައްވައިފައެވެ. ހާއްސަކޮށް ނަޝީދާ ނުލައި، އެމަނިކުފާނުގެ ވާދަވެރިން ވިދާޅުވާ ފަދައިން، ގިނަކަންޏާ ހުންނަވައި، ރައީސް ކާމިޔާބު ކުރެއްވި މިފަދަ ބޮޑު ފުރަތަމަ އިންތިހާބަށް ވުމަކީވެސް ބޮޑު ކާމިޔާބީއެކެވެ. މި އިންތިހާބުގެ ނަތީޖާއާ އެކު ރައީސް ދެއްވީ ރައީސް ނަޝީދާ ނުލައި، އެމްޑީޕީގެ ފިކުރު ދެމެހެއްޓޭނެ ކަމުގެ ވަރުގަދަ މެސެޖެކެވެ. އެމްޑީޕީއަކީ އެއް ފިކުރެއް އަދި އެއް ބައެއްކަން މި އިންތިހާބުން ސާފުކޮށްދީފިއެވެ.

"އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ އުންމީދު، އެއީ ވަކި މީހެއްގެ އެއްޗެއްކަން ބްރޭންޑް ކުރަން ކުރިން މަސައްކަތް ކޮށްފައި ހުރެދާނެ. އެހެން ނަމަވެސް އެމްޑީޕީއަކީ އެއަށްވުރެ ބޮޑަށް ތަސައްރަފު ފުދިފައިވާ ބައެއް. ވަކި މީހެއްގެ ބާރު އޮތް ޕާޓީއެއް ނޫންކަން. އެކަތިގަނޑެއްގެ ގޮތުގައި އަބަދުވެސް އޮންނާނެކަން. އެކަން މިދަނީ ޕްރައިމަރީއަށް ފަހުވެސް ދައްކައިދެމުން،" ޖައިޝް ވިދާޅުވިއެވެ.

މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުން ވެފައިވަނީ ރައީސްގެ ދެވަނަ ދައުރަށް ކުރައްވަމުން ގެންދަވާ އުންމީދަށް ވަރަށް ބޮޑު "ކޮންފިޑެންސް" އެއްވެސް ލިބިގެންދިޔަ ކަމަކަށެވެ. ރައީސް ސޯލިހަށް ތާއީދު ނެތް ކަމަށް ދެއްކުމަށް މަސައްކަތް ކުރި މީހުންނަށް މަންޒަރު ދައްކާލި އިންތިހާބަކަށެވެ. އަދި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރާ ހުރިހާ މެންބަރުންނަށާއި ކެމްޕޭން ޓީމްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކޮންފިޑެންސެއް ކަމަށް ޖައިޝް ގަބޫލު ކުރައްވައެވެ.

"މި އިންތިހާބު ކާމިޔާބުވުމުން އެމްޑީޕީއަށް ލިބުނު ބޫސްޓާއެކު އަޅުގަނޑުމެންގެ ކެމްޕޭން ޓީމްތަކަށް އަދި މުޅި ރާއްޖޭގައި ތިބި މެންބަރުންނަށް މީގެން ލިބިގެންދާނެ ކޮންފިޑެންސް އެބައޮތް. މިކަމުގެ ހިތްހަމަޖެހުން އެބައޮތް. އަދި އަޅުގަނޑުމެންނަށް ތާއީދު ކުރާ ފަރާތްތަކަށްވެސް. ހާއްސަކޮށް އަޅުގަނޑުމެންނާ އިދިކޮޅު ތަނަކުން އަޅުގަނޑުމެން އެންޑޯސް ކުރުމަކީ ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް،" ޖައިޝް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ މާލިމީކަމުގައި އެމްޑީޕީން ކާމިޔާބު ކުރި މި އިންތިހާބާއެކު އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައެވެ. ހާއްސަކޮށް މި އިންތިހާބުން ރައީސް ދެއްވީ ވަރުގަދަ މެސެޖެކެވެ. ގިނިކަންޏާ ހުންނަވައިގެންވެސް އެމްޑީޕީއަށް ކާމިޔާބު ހޯއްދަވައިދެވޭނެ ކަމެވެ. އެމްޑީޕީ އަދިވެސް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމެވެ. މިއީ ރައްޔިތުން ރައީސް ސޯލިހްގެ ތަރައްގީ ބަލައިގެންފި ކަމާއި، ރައީސަށް ރައްޔިތުން ކުރާ އިތުބާރު ދައްކުވައިދިން އިންތިހާބެކެވެ. މިއީ ދެވަނަ ދައުރަކަށް ރައީސް ސޯލިހާއި އެމްޑީޕީގެ މެންބަރުން ކުރައްވާ އުންމީދުގެ ދަންމަރުގައި ހުޅު ރޯކޮށްލަދިން ވަރުގަދަ އިންތިހާބެކެވެ. މިއީ ރައީސް ސޯލިހު އިދިކޮޅު ފަރާތްތަކަށް ދެއްވި ވަރުގަދަ އިންޒާރެކެވެ.