ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރުވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލިހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އިންތިހާބުން ހާމަވެގެންދިޔައީ ސަރުކާރާ އެކު ގުރައިދޫ ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށެވެ.

ވާދަވެރިކޮށް ކުރިއަށްދިޔަ މިއަދުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ސައްހަ ވޯޓުގެ ތެރެއިން 1346 ވޯޓުންނެވެ. އެއީ 50 ޕަސެންޓެވެ.

އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސެއިން ރިޒާ އާދަމަށް 1226 ވޯޓު (45.5 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ 4.5 ޕަސެންޓް ވޯޓެވެ.