ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު ފެށިގެން ކުރިއަށްދާ އިރު، މެންދުރު 1:00 އާ ހަމައަށް 1،300 އަށްވުރެ ގިނަ މީހުން ވޯޓު ލައިފިއެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅި އަދި މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މިއަދު ހެނދުނު 8:30 ގައި ވަނީ ހުރިހާ ވޯޓް ފޮއްޓެއްގައި ވޯޓްލުން ފަށައިފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑިއަށް ތިން ކެނޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. އެގޮތުން ޕީޕީއެމުން ރިޒާ ކޮއްކޮ ހުސައިން ރިޒާ އާދަމް ކުރިމަތިލާފައިވާ އިރު، އެމްޑީޕީން އިބްރާހީމް ޝާޒު އަދި އެމްއެންޕީން ކުރިމަތިލާފައިވަނީ އަލީ އަރީފްއެވެ.
އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު، މިހާތަނަށް 694 އަންހެންނާއި 689 ފިރިހެނުން ވަނީ ވޯޓް ލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މެންދުރު 1:00އާ ހަމައަށް ވޯޓް ލާފައިވަނީ 40 ޕަސެންޓް މީހުންނެވެ. އެއީ 1،383 މީހުންނެވެ.
ގުރައިދޫ ދާއިރާގެ ވޯޓްލުން މިއަދު ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބު އަލުން އިލެކްޝަން ބާއްވަން ޖެހުނީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމުންނެވެ. އެގޮތުން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށްށް ލިބުނީ 41 ޕަސެންޓް ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު