އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރާ ޝަރީއަތް މާދަމާ ބޭއްވުމަށް ތަވާލުކޮށްފިއެވެ.
ހައިކޯޓުން އެ މައްސަލަ ތަވާލުކޮށްފައިވަނީ ހެނދުނު 11:30 އަށެވެ.
އެ މައްސަލައިގެ ޝަރީއަތްތަކުގައި ރައީސް ޔާމީން ވަނީ، ދައުލަތުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅި އިރު، މައްސަލައިގެ ފޯމުގައި އެ އަދަދު ހުށަހަޅާފައި އޮތް ނަމަވެސް އެ އަދަދަކީ، މަނީލޯންޑަރިން ގަޒިއްޔާގެ ތެރޭގައިވެސް އަދި ރިޝްވަތުގެ މައްސަލައިގެ ގަޒިއްޔާގެ ތެރޭގައިވެސް މަޝްވަރާ ކުރެވިފައިވާ އަދަދެއް ނޫން ކަމަށް ވިދާޅުވެފައެވެ.
"ހުކުމާ ހަމައަށް ވާސިލުވި އިރުވެސް މި އަދަދަކީ އެއްގޮތަކަށްވެސް ޑިސްކަސް ކުރެވުނު އަދަދެއް ނޫން، އެހެން މި ދަންނަވާ ސަބަބަކީ ވަރަށް ސާފުކޮށް ފެންނަން އެއޮތީ އަދި ބަހުސްގެ ބޭނުމަށް ރިޝްވަތަކީ ސާބިތުވެފައި އޮތް ކުށެއްކަމުގައިވީ ނަމަވެސް ރިޝްވަތުގައި ހިމެނޭ ފައިސާގެ އަދަދަކީ އެއް މިލިއަން ޑޮލަރު. އެ އެއް މިލިއަން ޑޮލަރުގެ ޗެކު އެހެރީ މޯލްޑިވްސް އިސްލާމިކު ބޭންކުގެ އެކައުންޓުގައި، އެ ލީ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަތްނުލައި އެހުރީ. އެހެންވީމަ އެއަށް ބޮޑުވަރަކަށް ލިބޭނީ އެއް މިލިއަން ޑޮލަރާއެކީ އެއިން އުފަންކުރި ފައިސާ. އެއީ މަނީލޯންޑަރިން ކަމަށް ހިމެނޭކަމަށް ވަންޏާ އެއިން އުފެދުނު މުދަލަަކަށް ވާނީ ބޭންކުން ދޭ އިންޓްރެސްޓް،" ޔާމީން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ދައުލަތުން އިދާރީ އަމުރެއްގެ ގޮތުން 53 މިލިއަން ރުފިޔާ ދައްކަން ކޯޓުން ނެރެފައިވި ނަމަވެސް، އެވަރު ދައްކަންޖެހޭ ކަމަށް ނުވިސްނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޔާމީން ވިދާޅުވެފައިވަނީ އެއް މިލިއަން ޑޮލަރުގެ ޗެކު ބެންކަށް ވެއްދިގޮތަށް އޭގައި އަތްނުލައި ބޭންކުގެ އެކައުންޓުގައި ހުރުމުން އެއިން ނަފާ ހޯދޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި އެންމެ ބޮޑުވަރަކަށްވެސް އެއަށް ލިބޭނެ ނަފާއަކީ ބޭންކުން ދޭ އިންޓްރެސްޓް ކަމަށާއި، "އެ އެއް މިލިއަން ޑޮލަރުގެ ތެރެއަށް އިންޓަރެސްޓް ލައިގެންނެއް 53 މިލިއަން ރުފިޔާ ވީމަ ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބުނާ އަދަދު ދިމާވާނެ ގޮތެއް ޕީޖީ ވިދާޅުވެދެއްވަންޖެހޭ،" ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މި 53 މިލިއަންގެ ތެރޭގައި މި ހިމެނެނީ، ހަމަ ސައްހަކޮށް ހަލާލުކޮށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ ހައްގުގެ ދަށުން އަޅުގަނޑު ހޯދާފައިވާ ފައިސާ ވެސް މީގެ ތެރޭގައި ހިމެނޭ، ރިޝްވަތުގެ ފައިސާގެ ގޮތުގައި ހިމެނެނީ، މަނީލޯންޑަރިން ފައިސާގެ ގޮތުގައި ހިމެނެނީ ބަހުސްގެ ބޭނުމަށް ބެއްޔަސް އެއް މިލިއަން ޑޮލަރު، ދެން އިތުރަށް އެއަށް އަންނާނެ އެއްޗަކީ އިންޓްރެސްޓް. އެހެންވީމަ އެއް މިލިއަނާއެކީ އިންޓްރެސްޓް ކަލްކިއުލޭޓް ކުރައްވައިފިއްޔާ 53 މިލިއަން އަންނާނެ ގޮތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު