މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން މެލޭޝިއާ އާއި ސައުދީ އަރަބިއާއަށް ދައުވަތު ދީފިއެވެ.

ސާފް ޗެމްޕިއަންޝިޕް މިއަހަރުގެ ޖޫން 21 އިން ޖުލައި ތިނަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، އެންމެފަހުން ބޭއްވި ސާފްގެ އެކްސްކޯ ބައްދަލުވުމުގައި އިތުރު ގައުމުތަކަކަށް މުބާރާތުން ފުރުސަތު ދޭން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެ ދައުވަތު މެލޭޝިއާ އާއި ސައުދީ އަރަބިއާއަށް މިހާރު ދީފައިވާ ކަމަށް ސާފްގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން ވަނީ މީޑިއާއަށް ވިދާޅުވެފައެވެ.

އެ ދައުވަތަށް އެއްވެސް ގައުމަކުން އަދި ޖަވާބު ދީފައިނުވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ސާފުން ސައުދީއަށް ދައުވަތުދިނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުގައި ބައިވެރި ކުރުމަށެވެ. އެއީ ފުޓުބޯޅައިގެ ފެންވަރަށް ބަލައި ސައުދީއަކީ މިސަރަހައްދުގެ ގައުމުތަކަށްވުރެ މާ ބޮޑަށްވެސް ފެންވަރު ރަނގަޅު ގައުމަކަށް ވާތީއެވެ.

މިފަހަރުގެ މުބާރާތުގައި ސަރަހައްދީ ހަ ގައުމަކުން ވާދަކުރާނެ ކަމަށް ބެލެވެއެވެ. އެއީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. ސްރީ ލަންކާ ފީފާ ސަސްޕެންޝަނެއްގައި އޮތުމުން މިހާރު އޮތް ގޮތުން އެގައުމު ސާފް ޗެމްޕިއަންޝިޕްގައި ނުފެންނާނެއެވެ.

އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ދެވަނަ ތަށްޓެވެ. އޭގެ ކުރިން ރާއްޖެއިން މުބާރާތުގެ ތަށި ނެގީ 2008 ވަނަ އަހަރުއެވެ.