Close
ބާސެލޯނާ

ބާސެލޯނާއިން ލަލީގާގެ ރައީސް ޓެބާސްގެ އިސްތިއުފާއަށް ގޮވާލައިފި

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އިސްތިއުފާ ދެއްވުމަށް ބާސެލޯނާއިން ގޮވާލައިފިއެވެ.

ބާސާއިން ޓެބާސްގެ އިސްތިއުފާއަށް ގޮވާލައިފައި ވަނީ ކްލަބުން ރެފްރީންނަށް ރިޝްވަތު ދީ ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގައެވެ. ސްޕެއިންގެ ރެފްރީން ކޮމިޓީގެ ކުރީގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރޭރާއަށް ބާސާއިން ރިޝްވަތުގެ ފައިސާ ދިން ކަމަށް ބުނާ މައްސަލައެއް މިހާރު ލަލީގާއިންނާއި ޔޫއެފާއިންވެސް ދަނީ ބަލަމުންނެވެ.

ސްޕެނިޝް ލަލީގާގެ މެޗުތަކުގެ ނިންމުންތައް ބަދަލުކުރުމަށް ނުފޫޒު ފޯރުވައި، ރެފްރީން ގަތުމަށް ބާސާއިން ހަރަދުކުރި ކަމަށް ބުނާ މައްސަލައިގައި އެ ކްލަބަށް ވަނީ ދައުވާވެސް އުފުލައިފައެވެ. ބާސާ އިން ރެފްރީންނަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގުމަށް 2001 އިން 2018 ވަނަ އަހަރާ ހަމައަށް ނެގްރޭރާއަށް 7.4 މިލިއަން ޑޮލަރު ދިން ކަމަށް ބުނާ މައުލޫމާތުތަކެއް މީޑިއާއަށް ވަނީ ލީކުވެފައެވެ.

ލީކުވި މައުލޫމާތުތަކުގައިވާ ގޮތުން، ބާސާއިން ވަނީ އެތައް ފަހަރެއްގެ މަތިން ނެގްރޭރާ އަށާއި އޭނާ ހިއްސާވާ ކުންފުންޏަކަށް ފައިސާ ޖަމާކޮށްފައެވެ.

ބާސެލޯނާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބާސާގެ މައްޗަށާއި ކްލަބުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯސެފް ބާޓޮމޭއޫ އަދި ސަންޑްރޯ ރޮސެލްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ފައިސާގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަންގެ އަމަލު ހިންގުމުގެ އިތުރުން ވިޔަފާރީގެ މައުލޫމާތުތައް އޮޅުވާލުމަށެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ބާސާއިން އިއްޔެ ބަޔާން ނެރުނީ ލަލީގާ ރައީސް ޓެބާސް، އެ މައްސަލައިގައި ދޮގު ހެކި ދޭ ކަމަށް ބައެއް ސްޕެއިންގެ މީޑިއާތަކުން ބުނެފައިވުމުންނެވެ. ބާސާއިން ނެރުނު ދިގު ބަޔާނެއްގައި ބުނީ ލަލީގާ ރައީސްގެ އިތުބާރު ގެއްލޭފަދަ ކަންކަން ހިނގާފައިވާ ކަމަށާއި މި ވަގުތުން ވަގުތަށް ޓެބާސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ބާސާގެ ބަޔާނުގައި ބުނީ ލަލީގާގެ ރައީސް ޓެބާސް، ބާސާގެ އަގު ވައްޓާލުމަށް ލަލީގާގެ ރައީސްކަން ބޭނުންފުޅުކުރެއްވި ކަމަށާއި، މައްސަލައިގެ ހަގީގަތް ނުވެއް އެނގެނީސް ބާސާ ކުށްވެރިކޮށް މީޑިއާތަކުގައި ފާޑު ވިދާޅުވެފައިވާ ކަމަށެވެ. ލަލީގާ ރައީސް ޓެބާސްގެ އަމަލުތައް ހުންނެވި ގޮތުން ބާސާއާ ޒާތީ ގޮތުން ޖައްސާލާފައިވާކަން އެނގޭ ކަމަށް ބާސާގެ ބަޔާނުގައި ބުނެފައިވާ އިރު، ޓެބާސް އިސްވެ ހުންނަވައިގެން ބާސާއާ ދެކޮޅު ހަރަކާތެއް ލަލީގާއިން ހިންގަމުންދާ ގެންދާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ބާސާ މައްސަލަ ބަލަމުންދާ ކަމަށް ޔޫއެފާއިންވެސް ބުނެފައިވާ އިރު، އެ މައްސަލައިގައި ވަކި ގޮތެއް ނިންމާނެ ދުވަހެއް އަދި ނޭނގެއެވެ. އެ މައްސަލައިގެ ކުޑަބޮޑުމިނުން ބާސާއަށް ޔޫރަޕްގެ މުބާރާތްތަކުގެ އަދަބެއް އަތުވެދާނެ ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.