ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގައި މަސައްކަތް ކުރާ ބިދޭސީން މުޒާހަރާ ހުއްޓާލުމަށްފަހު އަލުން މަސައްކަތް ފަށައިފިއެވެ.

އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައުސިން މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝަކުވާތަކުގެ ސަބަބުން އެ މަޝްރޫއުގެ މަސައްކަތް މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން މުވައްޒަފުން މަސައްކަތަށް އަލުން ނުކުމެފައިވާ ކަމަށް އެފްޑީސީން ބުންޏެވެ.

"ކޮންޓްރެކްޓަރު މައުލޫމާތު ދީފައި ވަނީ މިހާރު ހުރިހާ ކަމެއް ހައްލު ކުރެވިފައިވާ ކަމަށާއި މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ކަންކަން ހަމަޖައްސައިދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް. މި ކޯޕަރޭޝަނުން ދަނީ މިކަން ވަރަށް ގާތުން ބަލަމުން،" އެފްޑީސީން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން އަންނަ ކަމަށާއި އަދި އެއްބަސްވުމުގެ ދަށުން މަޝްރޫއު ހިންގުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.

ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކޮށް މަސައްކަތް ހުއްޓާލި އެ މީހުންލައްވައި ގިނަ އިރު މަސައްކަތް ކުރުވައި، މުސާރަ ނުދީ އަދި ބޭސް ފަރުވާގެ ނުކޮށްދިނުމުގެ އިތުރުން ރަނގަޅު ކާނާ ނުލިބޭތީއެވެ. ޖޭއެމްސީގެ މުވައްޒަފުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މުޒާހަރާވެސް ކޮށްފައެވެ. އެފަހަރު މުޒާހަރާ ކުރީ އެ ސަބަބުތަކާ ގުޅިގެންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ "ގެދޮރުވެރިޔާ ސްކީމް" ގެ މަޝްރޫއުގެ ދަށުން 4،000 ފުލެޓް ހެދުމަށް ވަނީ ނިންމައިފައެވެ. އެފްޑީސީއާ ހަވާލުކުރި އެ މަސައްކަތުގެ 2،000 ފުލެޓް ހެދުމުގެ މަސައްކަތް ވަނީ އެފްޑީސީން ޖޭއެމްސީއާ ހަވާލުކޮށްފައެވެ.

ބާކީ 2،000 ފުލެޓް އެޅުމަށްވެސް ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެންބީސީސީއާއެވެ