(28 މާޗުގެ އަދަދާ ގުޅޭ)
މާއެނބޫދޫއަކީ މިހާރު މުޅިން ތަފާތު މާއެނބޫދޫއެކެވެ. އެރަށުގެ އެކަހެރިކަން ނެތިގޮސް މިހާރު އެއީ ވަރަށް ގިނަބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. މާއެނބޫދޫ އެއޮތީ ފަތުރުވެރިކަމުގެ ޒޯނެއްގެ މެދުގައެވެ. ގާތްގާތުގައި ކިތަންމެ ކިތަންމެ ރިސޯޓުތަކެއް އެބަހުއްޓެވެ. އެތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން މާއެނބޫދޫއަށްވެސް ދެއެވެ. އަދި ދިވެހީންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ތަފާތު އެތަކެއް ބޭނުންތަކުގައި މާއެނބޫދޫއަށް ޒިޔާރަތްކުރެއެވެ. މިފަދަ އެންމެނަށްވެސް އެންމެ ފާހަގަކުރެވޭ ތާރީޚީ އާސާރަކަށް މާއެނބޫދޫން ފެންނަނީ އެރަށު މީހުން ކިޔާގޮތަށް ތުއްތު ބިސްތާނެވެ. ވަރަށް ޗާލުކޮށް ވަށައިގެން ފާރުރާނައިފައިވާ ބިސްތާނެކެވެ. އެކަމަކު އެތަނުގެ ތެރެއިން ހައިބަތު ލިބިގެންވާ މަހާނަޔަކަށް ފެންނަނީ ޝައިޚު ޖަމާލުއްދީނުގެ މަހާނައެއް ނޫނެވެ.
ހައިބަތު ލިބިގެންވާ މަހާނަޔަކަށް ފެންނަނީ އައްނާއިބު ދަނބުގޭ އަހުމަދުދީދީގެ މަހާނައެވެ. އެހެންވީމާ އެ ބިސްތާނަށް ޒިޔާރަތްކުރާ ގިނަބަޔެއްގެ ކެމެރާތަކަށް އަރަނީ އެ މަހާނައެވެ. މަދު މީހަކަށް ނޫނީ ޝައިޚު ޖަމާލުއްދީނުގެ މަހާނައެއް ނޭނގެއެވެ. އަދި އެ މަހާނަ އެނގޭ ބަޔަކަށްވެސް ޝައިޚު ޖަމާލުއްދީނަކީ ކާކުކަމާއި އޭނާގެ މަހާނަ އެރަށުގައި ހުންނާން މެދުވެރިވީ ސަބަބާއި އޭނާގެ ޚިދުމަތުގެ ވަނަވަރާއި ގައުމީ ލޯބީގެ މިންވަރާމެދު މާކަބޮޑު އެއްޗެއްވެސް ނޭނގެއެވެ. ކުރުގޮތަކަށް ދަންނަވަންޏާ ޝައިޚު ޖަމާލުއްދީނު މުހިންމުވާ ސަބަބުތަކެއްވެސް ނޭނގެއެވެ. އެއީ ދިވެހި ގައުމަށް ކިހައި މުހިންމު ބަތޮލެއްކަން މޭރުމެއްވެސް ނުވެއެވެ. މިއީ މިޒަމާނުގައި ބަދަލުވާންޖެހިފައިވާ ކަމެކެވެ. ޝައިޚު ޖަމާލުއްދީނަށް ދިވެހި ތާރީޚުން ހައްގު މަގާމު ލިބެން އެބަޖެހެއެވެ. އެއީ ކިހާވަރެއްގެ ކާކުކަން އެނގެން އެބަޖެހެއެވެ.
ޝައިޚު ޖަމާލުއްދީނަކީ މި ދިވެހި ގައުމުގެ އެއްނަމްބަރު ދަރަޖައިގެ ބަތޮލެކެވެ. އެޔާމެދު ބަހުސްކުރާކަށް ޖާގައެއްވެސް ނެތެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ތަބަކަށްލައިފައި ބޭރުބަޔަކާ ހަވާލުކުރަން ފާޅުގައި ދެކޮޅު ހެއްދެވިއެވެ. ބަޑީގެ ބިރުދައްކައި މަރައިލާނަމޭ ބުނީމާ މަރުވާނީ އެއްފަހަރު ކަމަށާއި ފިނޑިކަންމަތީގައި މަރުވުމަށްވުރެ ދީނާއި ގައުމުގެ ހައްގުގައި ޝަހީދުވުމުގެ މާތްކަމާއި އިތުރުކަން ބޮޑޭ ވިދާޅުވީ ހަމަ އެ ޖަމާލުއްދީނެވެ. ދުނިޔޭގެ ބޮޑުބާރަކާއި ކުރިމަތިލައްވައި މިދަރަޖައިގެ ހިތްވަރާއި ކެރުން ދެއްކީ ދިވެހީންގެ ތެރެއިން ކިތައް މީހުން ބާވައެވެ. މިކަންކަން ބޭރު މީހުންނަށް އެނގޭނަމަ ޝައިޚު ޖަމާލުއްދީނަށް އެމީހުންވެސް ސެލިއުޓްކުރާނޭކަން ގައިމެވެ. ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ލޯބިކުރާ ހަމަ ކޮންމެ ދިވެއްސަކުވެސް އޭނާގެ ހަނދާނަށް ސެލިއުޓްކުރުން ލާޒިމެވެ.
ކަނޑައެޅިގެން ހަރާމް ބަޣާވާތަކަށް ނޫނެކޭ ވިދާޅުވެ އަނިޔާވެރިންނަށް ދީލައި ނުލެއްވުމުގެ މަތިވެރިވެގެންވާ ސިފަ ދެއްކެވީވެސް ޝައިޚު ޖަމާލުއްދީނެވެ. އިސްލާމްދީނުގައި ވެރިން ބަދަލުވާ ހަމަތަކާއި އުސޫލުތައް ހަނދާންކޮށްދެއްވީވެސް އޭނާއެވެ. މުލައްދަނޑީގެ ބާރަށްވުރެ ގަދަވާންޖެހޭނީ ފޮތުގެ ބާރުކަން ދައްކަވައި ފޮތެއް އެބައޮތްކަން އަނިޔާވެރިންނަށް ހަނދާންކޮށްދެއްވީވެސް ހަމަ އޭނާއެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ވަރަށް މަދު ބަޔަކު ނޫނީ ދައްކާފައިވާ ހިތްވަރެއް ނޫނެވެ. ޝައިޚު ޖަމާލުއްދީނު ކަހަލަ ހިތްވަރުގަދަ ބޭފުޅުން އެހެން ގައުމުތަކުން ފެނިފައިވަނީވެސް ވަރަށް މަދުންނެވެ. މިވަރުގެ ވަރުގަދަ ޝަޚުސިއްޔަތެއް ދިވެހި ގައުމުން ފެނުނުކަމީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާންޖެހޭ ކަމެކެވެ. އެކަމަކު ހިތާމަޔަކީ އޭނާއަށް ހައްގުވެގެންވާ މަގާމު ނުދެވޭ ކަމެވެ.
ހައްގުބަސް ވިދާޅުވާތީ ޝައިޚު ޖަމާލުއްދީނަށް އަދަބުދިނީ ހުރަވީންނެވެ. ފެހެންދޫ އާއި މާއެނބޫދޫއަށް އޭނާ އަރުވައިލީވެސް ހުރަވީންނެވެ. ފަނޑިޔާރުކަމަށް ކޮލިލެވުނު ފަނޑިޔާރަކަށްވުމާވެސްއެކު އެ ހައިސިއްޔަތު އުނިކޮށް ނާއިބުތުއްތުއޭ ކިޔައިގެން ދަރަޖަ ތިރިކުރީވެސް ހުރަވީންނެވެ. އެއީ ހަމައެކަނި ޅެންވެރިޔެއް ނުވަތަ ރައިވަރުހަދާ މީހެއްގެ ގޮތުގައި މަޝްހޫރުކުރީވެސް ހުރަވީންނެވެ. މިއަދު އެ ހުރަވީންގެ ވެރިކަމެއް ނެތެވެ. މިއަދު ވެރިކަންކުރަނީ ޑިމޮކްރަޓިކް ހަމަތަކުގެމަތިން ރައްޔިތުން އިންތިޚާބުކުރާ ބައެކެވެ. ގާނޫނުއަސާސީގައި ލިޔެގެން މިތިބީ ޝައިޚު ޖަމާލުއްދީނު ވަކާލާތު ކުރެއްވި ކަންކަމެވެ. އެހެންވީމާ ޝައިޚު ޖަމާލުއްދީނުގެ ހަނދާނަށް ހުރަވީން ނުދިން މަގާމު މިއަދު ދޭން އެބަޖެހެއެވެ. އެންމެ ފުރަތަމަ ފަށަން ޖެހެނީ މާއެނބޫދޫންނެވެ.
ތުއްތު ބިސްތާނު ނިސްބަތްވަނީ ޝައިޚު ޖަމާލުއްދީނަށް ކަމަށްވަންޏާ އެމަހާނައިގެ ހައިބަތު ބޮޑުވާން އެބަޖެހެއެވެ. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ޝައިޚު ޖަމާލުއްދީނަކީ ކާކުކަން ބުނެދޭ ބޯޑެއްވިޔަސް ބަހައްޓަން އެބަޖެހެއެވެ. ޝައިޚު ޖަމާލުއްދީނުގެ ހަނދާނީ މަރުކަޒެއް ގާއިމުކޮށް އެއީ ދިރާސާކުރުމާއި ޚިޔާލުތައް ތަރައްގީކުރުމަށް އެހީވާ މަރުކަޒަކަށް ހަދަން އެބަޖެހެއެވެ. މިކަންކަމަކީ ކޮންމެހެން މަރުވެފައިވާ މީހެއްގެ މަހާނަ ޒީނަތްތެރި ކުރުމުގެ ނިޔަތުގައި ކުރާންޖެހޭ ކަމެއް ނޫނެވެ. ގައުމިއްޔަތު ދިރުވައި ގައުމީ ލޯބި އިތުރުކުރުމުގެ ގޮތުން ކުރުން ލާޒިމު ކަމެކެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަކި މިނިސްޓްރީއަކުން އިސްނަގައިގެން ވަކިބަޔަކު ކުރާނޭ ކަމަށް އިންތިޒާރު ކުރުމުގެ ބަދަލުގައި މިއީ މިއަދުން މިއަދަށްވެސް މާއެނބޫދޫ ކައުންސިލުން ފަށަންޖެހިފައިވާ މަސައްކަތެކެވެ.
(ނިމުނީ)