ސިޔާސީ މައިދާނުގެ އަސްލު މަންޒަރު ސާފުވަމުންދާ ކަމަށާއި އެމްޑީޕީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަންކަން މިހާރު ސާފުވެ، ސިޔާސީ މައިދާން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށެވެ.

"މި ދަތުރުގައި އެކީގައި މަސައްކަތް ނުކުރެވި ދިޔުމަކީ ހިތާމައެއް، އިންޝާﷲ، 2023 އަދި ކާމިޔާބު ވެސް އޮތީ އަހަރެމެންނަށް، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އެފަދަ ޓުވީޓެއް ކުރައްވާފައިވާ އިރު، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ދެ ފަރާތެއް ވަނީ ސަރުކާރުން ވަކިކޮށްފައެވެ. އެއީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި ތައްޔާރީތައްވާން ފަށައިފައެވެ. ނަޝީދުގެ ފަޅިން ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރުމަށް ނިންމައި، މިހާރު ދަނީ މެނިފެސްޓޯ އާއި ކޯލިޝަން އެއްބަސްވުން ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ރައީސް ސޯލިހުގެ މަންދޫބުން ވަނީ ދެ ފަހަރެއްގެ މަތިން ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބުގައި ވާދަ ކުރުމަށެވެ. އެފަހުން ރައީސް ސޯލިހުވެސް ވަނީ ގާސިމްއާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލީ ހަމައެކަނި ގާސިމްކަމަށްވުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ވަނީ އޭނާއަށް ލިބިވަޑަައިގެންފައެވެ.