ބައެއް ވަޒީރުން ހިމެނޭގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުން، ސަރުކާރާއެކު މަސައްކަތް ކުރުމަށް ޓަކައި މިރޭ ޖޭޕީން ވަކިވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ، މިހާރު މިއޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ލިބުނުކަމަށް ވިދާޅުވުމަށްފަހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރާއީ ވިދާޅުވީ، "މިހާރުވެސް އެބޭފުޅާގެ ކައިރީގައި ތިބި ވަރަށް އިލްމީ، ރަނގަޅު ގާބިލު ބައެއް ވަޒީރުންނާއި، ތަންތަނުގެ ވެރިން އިސްތިއުފާ ދެއްވައިފަ މިރޭ 12 ޖެހުގެ ކުރިން ސަރުކާރާއެކު މަސައްކަތް ފަށާނެ،" ކަމަށެވެ

ނަމަވެސް އެކަން ހުއްޓަވާލެއްވުމަށްފަހު، ރައީސް ސޯލުހާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސޭހައިން ކާމިޔާބު ކުރުމުގެފުރުސަތު އެބައޮތް ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

"އެއީ ދެރަވާން ޖެހޭ ކަމެއް ނޫން، ކެންޑިޑެންސީ ކެންސަލްކޮށްފަ ސަރުކާރާއެކު ދާންވީ، އަޅުގަނޑުމެން ދިފާއު ކުރާނަން،" ގާސިމަށް ނިސްބަތް ކުރައްވައި ރާއީ ވިދާޅުވިއެވެ.

ރާއީ އިތުރަށް ވިދާޅުވީ، ގާސިމާ ނުލައިވެސް ރައީސް ސޯލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް އުނދަގޫތަކެއް ހުންނާނެ ކަމަށާއި، ރައީސް ސޯލިހާއެކު ގާސިމް ވަޑައިގެންފި ނަމަ އިންތިހާބު ކާމިޔާބު ކުރުން ފަސޭހަވެގެންދާނެ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.