ރާއްޖޭގެ އެއް ނަންބަރު ކުޅިވަރެވެ. އެންމެ ގިނަ ބަޔަކު ޝާމިލުވާ ކުޅިވަރެވެ. އެތައް ބައެއްގެ އާމްދަނީވެސް ބަރޯސާވެފައި އޮންނަ ކުޅިވަރެކެވެ. ރަށްރަށުގެ ވިނަ ދަނޑުތަކުން ފެށިގެން ގައުމީ ދަނޑާ ހަމައަށް ދެމިގެން އަންނަ ޒަމާންވީ ކުޅިވަރެކެވެ. އިރެއްގައި ޝަރަފުވެރި ކުޅިވަރެކެވެ. ގަދަރުވެރިވެސް ކުޅިވަރެކެވެ. އެއީ ދިވެހި ފުޓުބޯޅައެވެ. އެކަމަކު މާޒީގެ ހަނދާންތަކުން ނުކުމެ މިއަދާއި ހަމައަށް އައިއިރު ފެންނަނީ މާޔޫސީ މަންޒަރުތަކެކެވެ. "ފުޓުބޯޅައެއް ނެތެވެ"، ކުޅުންތެރީންނާއި ކްލަބުތައްވެސް ގޮތް ހުސްވެއްޖެއެވެ. ދިވެހި ފުޓުބޯޅަ ވަޅު ޖަހައިފިއެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނެއް ދާއިމީ ގޮތެއްގައި ކުޅެވޭނެ ކަމުގެ އުންމީދުވެސް ނެތީއެވެ. އެވާހަކަތައް ދައްކަން ޖެހޭ ހިސާބަށް ގޮސް، ޔަގީނުންވެސް ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެއެވެ.

މީގެ ދެތިން އަހަރެއް ކުރިންވެސް ޕްރޮޖެކްޓްތައް ފެއިލްވެ، އެތައް ގޮތަކުން ފުޓުބޯޅައިގެ މުސްތަގުބަލު ބަނަވި ވާހަކަ ދެކެވިއްޖެއެވެ. ރަށްރަށަށް ދެއްކި ފޮނި ހުވަފެންތައް ހަގީގަތަކަށް ނުވެ، މާލޭގައި ހަދަން އުޅުނު ޕާފޯމަންސް ސްކޫލް ވިނަވި ވާހަކަ ދެއްކިއްޖެއެވެ. އެއީ މުސްތަގުބަލަށް އޮތް ހުރަސްތަކެވެ. އެވާހަކަތައް ދައްކަމުން ގޮސް، މިއަދުގެ ހާލަތުވެސް ހާސްކަންބޮޑުކޮށް ދައްކަން ޖެހިއްޖެއެވެ. ރާއްޖޭގައި ރަސްމީ ފުޓުބޯޅަ، ލީގު ސިސްޓަމުގައި ނުކުޅޭތާ ހަތް މަސްވެއްޖެއެވެ. ބޮޑު ރޭވުންތެރިކަމެއް އޮވެގެން ލަސްވާ ލަސްވުމެއް ނޫނެވެ. ހަގީގަތަކީ ފުޓުބޯޅަ ފެށޭނެ ކެޕޭސިޓީ ނެތިގެން ލަސްވާ ލަސްވުމަކަށް ސީޒަން ފެށުން ލަސްވެގެން ގޮސްފައިވުމެވެ.

އަމިއްލަ ފައިސާ ހަރަދުކޮށް ތަމްރީނުކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ފިޔަވައި ފަރިތަކުރުންތައް ކުރިއަށް ގެންދާ ޓީމެއްވެސް ނެތެވެ. އަންނަ ހަފުތާގައި އޮންނަ ޗެރިޓީ ޝީލްޑް މެޗުގައި ކުޅެން އޮތީވެސް އެ ދެޓީމެވެ. އެއީ ސީޒަން ފެށުން ނަމަވެސް، ފުރަތަމަ ޑިވިޝަނުގައި ކުޅެން ބާކީ ތިބި ކްލަބުތަކުގެ ހިލަމެއްވެސް ނެތެވެ. އަލަށް ލީގަށް ނުކުންނަން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސް ކްލަބުން ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ގެންދިޔުން ފިޔަވައި އިތުރު ކްލަބެއްގެ ފަރިތަކުރުންތަކާ ގުޅޭ ވާހަކައެއްވެސް ނެތެވެ. އެ ވާހަކަތައް ނެތީ، އެ ކްލަބުތަކަށް ގޮތެއް ނެތުމުންނެވެ. އެ ކްލަބުތަކަށް ފުރަތަމަ ޑިވިޝަނާ އުޅެވެން ނެތުމުންނެވެ. ހިނގައިގަންނާނެ މަގެއް ނެތިފައި އޮތުމުންނެވެ.

ދިވެހި ފުޓުބޯޅަ ލީގުގެ ހަގީގަތަށް ފުރަގަސްދެނީ ކީއްކުރަން ހެއްޔެވެ. ސީޒަނުން ސީޒަނަށް އެއްބަސްވުން ހަދައި، ކުޅުންތެރިން ގެންގޮސްގެންވެސް ސީޒަންގެ ފަހު ކޮޅަށް ގޮސް އޮންނަނީ ރަނގަޅަށް މުސާރަ ނުދެވިއެވެ. އެ ޝަކުވާ އެތައް ކުޅުންތެރިންނެއް އުފުލައެވެ. އަބަދުވެސް އޮންނަނީ ކުޅުންތެރިން އެހެން މަސައްކަތަކަށް ނުކުންނަން ޖެހިފައެވެ. މިހާލުގައި، އެތައް ހުނަރެއް ގައުމީ ފެންވަރުގެ ފުޓުބޯޅަ ދޫކޮށްވެސް ހިނގައްޖެއެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހާލަތެވެ. ކުޅުންތެރިން ހަމަނުވެގެން މެޗުތައް ދޫކޮށްލި މަންޒަރުވެސް މީގެ މާ ދުރު ނޫން މާޒީއަކުން ފެނިގެން ގޮސް، މިއަދު އަނެއްކާވެސް މިއޮތީ އަނދަވަޅެއްގެ މަތީގައެވެ. އެފްއޭއެމްއިން "ޕްރޮމިސް" ކުރި ފައިސާއަށް ބަލައިގެން ތިއްބައި، ފަރިތަކުރުންތައްވެސް ނުފެށޭ ހިސާބަށް ދިޔައީއެވެ.

"އެފްއޭއެމްއަށް މިދިޔަ ސީޒަނުގައި ދިމާވި ދަތިތަކާވެސް އެކުގަކަންނޭނގެ، ކްލަބުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެފަ އޮތް. އެކަމުގެ ސަބަބުން މުސާރަތައް ހަމަޖައްސަންވެސް ކްލަބުތަކަށް އަސްލު އުނދަގޫވާނެ. އަމިއްލަ ފައިމައްޗަށް ތެދުވެފަ އޮތީ މަދު ކްލަބެއް. އެފްއޭއެމުން ފައިސާ ނުދެވި އޮތް ހާލަތެއްގައި އަމިއްލައަށް ނުކުމެ ކުޅެން ފެށޭނެ ފެންވަރުގެ ޓީމެއް ރާއްޖޭގައި މިވަގުތު މަދު. އެހެންވީމަ އެ ފައިސާއަށް ހަމަ އިންތިޒާރުކުރަން ޖެހޭނީ،" ދިވެހި ޕްރިމިއާ ލީގުގެ ކްލަބެއްގައި މަސައްކަތް ކުރަމުން އަންނަ އޮފިޝަލަކު "ވަން"އަށް ބުންޏެވެ.

މީގެ އަހަރުތަކެއް ކުރީން 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ކުންފުނިތައް މެދުވެރިވެ، ކްލަބުތަކަށް ތިން މިލިއަން ހިލޭ އެހީ ދޭން ފެށިއެވެ. އެއީ ކްލަބުތަކަށް ސްޕޮންސަޝިޕް ހޯދަން އުނދަގޫވުމާއި، ފައިސާގެ ތަކުލީފުތަކަށް ނިމުން ގެންނަން އޭރު ސަރުކާރުން އެފްއޭއެމްއާ ގުޅިގެން ފެށި މަސައްކަތެކެވެ. އެފަހުން ސަރުކާރު ބަދަލުވެ، މި ސަރުކާރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެކަމުގައި ވިސްނުން ތަފާތެވެ. އުސޫލެއް ނެތި އެގޮތަށް ފުޓުބޯޅަ ކްލަބުތަކަށް ފައިސާ ދިނުމަކީ ހައްލެއް ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފްގެ ނަޒަރުގައި އެ ފައިސާއިން ކުރާ ކަންކަން މޮނީޓަރު ނުވާ ހާލަތެއްގައި އެ ފައިސާ ދޭން ޖެހޭ ސަބަބެއް ނެތެވެ. ހާއްސަކޮށް ވަކި ކުޅިވަރަކަށް އެހެން ދޭ ދިނުންވެސް އިންސާފެއް ނޫނެވެ.

ފައިސާގެ އެ ނިޒާމު ހުއްޓާލިއިރު، ކްލަބުތަކުން އެއަށް ބަރޯސާ ވެފައި އޮތުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މި ފަހުގެ ދައުރަށް ރިޔާސަތަށް އިންތިހާބުވެވަޑައިގެން ނިންމެވީ، އެފްއޭއެމްގެ ގްރާންޓެއްގެ ގޮތުގައި ސީޒަނަކަށް ތިން މިލިއަން ދޭށެވެ. މިއަދާ ހަމައަށް އައީ އެފައިސާ ދެމުންނެވެ. އެހެން ނަމަވެސް މައްސަލަތަކެއް ނެތިއެއް ނޫނެވެ.

އެއީ ކްލަބުތައް އެފްއޭއެމްއަށް ބަރޯސާވާން ޖެހުނު ހިސާބެވެ. އެ ތިން މިލިއަން ރުފިޔާއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކްލަބުތަކުގެ ހުރިހާ އެއްޗެކެވެ. ކުޅުންތެރިންގެ މުސާރައާއި އެޑްމިނިސްޓްރޭޓިވް ހުރިހާ ކަމެއްވެސް މެއެވެ. އެއަށްވުރެ އިތުރުން ހަރަދުކުރާނެ ކްލަބުތައް މަދެވެ. ސްޕޮންސާއެއް ލިބޭ ކްލަބެއްވެސް ފެންނަނީ މަދުންނެވެ. އެހެންވާނެތާއެވެ: ރާއްޖޭގެ ލީގަކީ ބްރޭންޑެއް ނޫނެވެ. ރާއްޖޭގެ ލީގުން ކްލަބަކަށް ލިބޭ އެއްވެސް އާމްދަނީއެއް ނެތެވެ. އިޝްތިހާރަކަށް ކުންފުންޏަކަށް ޑިމާންޑް ކުރެވޭނެ މިންވަރަށް ލީގު ބަލާ މީހުންނެއް ނެތެވެ. ޓީވީ ރައިޓްސްގެ ފައިސާއެއްވެސް ކްލަބަކަށް ނެތެވެ. އެންމެ ކުޑަމިނުން ސްޓޭޑިއަމް ޓިކެޓް ކަނޑައިގެން ލިބޭ ފައިސާއެއްވެސް ކްލަބަކަށް ނުލިބެއެވެ. އެހެންކަމުން އެފްއޭއެމްއަށް ބަރޯސާވުން ނޫން ގޮތެއް، ހަގީގަތުގައި ކްލަބުތަކަށް ނެތެވެ.

އެހެން ގައުމުތަކުގެ ލީގުތައް ބްރޭންޑްކޮށް، އަހަރުން އަހަރަށް އަންނަނީ ފުޅާކުރަމުންނެވެ. އިންޑިއާއިން ސުޕަ ލީގާއެކު ބޮޑު ވިޔަފާރި ފްރެންޗައިސްއެއް ގާއިމުކޮށް، އަތު ނުޖެހޭ ހިސާބަށް ހިނގައްޖެއެވެ. އެ ލީގު ބަލާނެ މީހުން އެބަ ތިއްބެވެ. އަނެއްކޮޅުން ނޭޕާލުގެ ފުރަތަމަ ޓަޔާގައި ހިމެނި ތިން ލީގެއް މިހާރު ވަނީ ކުޅެން ފަށައިފައެވެ. މާޓީސް މެމޯރިއަލް އޭ ޑިވިޝަން ލީގާއި ގައުމީ ލީގުގެ އިތުރުން ވިޔަފާރި ވިސްނުމުގައި މިހާރު އެގައުމުންވެސް ވަނީ އާ ފްރެންޗައިސްއެއް ކަމަށްވާ، ނޭޕާލް ސުޕަ ލީގުވެސް ތައާރަފު ކޮށްފައެވެ.

ހަމައެއާއެކު ކައިރީގައި އޮތް ބަންގުލަދޭޝްގެ ލީގަކީ އެންމެ މުސާރަތައް ބޮޑު އެއް ލީގެވެ. އެގައުމުގެ ލީގުތަކުގެ ކްލަބުތައް ހިންގަމުން އަންނަނީ މާލީ ގޮތުން ތަނަވަސް ބޮޑެތި ކުންފުނިތަކެވެ. ކުޅުންތެރިންގެ މުސާރަތައް ސަރަހައްދީ ތަރާދަކުން މިނެކިރާލާއިރު، މާ ބޮޑަށްވެސް ރަނގަޅެވެ. ސީދާ މުސާރަތައް ނޭނގުނަސް، 2017 ވަނަ އަހަރުވެސް ބަންގުލަދޭޝް ލީގުގެ ސައިފް ސްޕޯޓިންއަށް ބްރެޒިލްގެ ކުޅުންތެރިޔަކު މަހަކު 13،000 ޑޮލަރަށް ގެންގޮސްފައިވެއެވެ. އަދި މިހާރުގެ މުސާރަތައް އޮސްޓްރޭލިއާގެ އޭ ލީގާވެސް އަޅުވައި ކިޔައިލެވެއެވެ.

ދެން އޮތީ ރާއްޖެއެވެ. ޗައިނާއާއެކު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަކަށް ރާއްޖެ އައި އެގައުމުގެ ގައުމީ ޓީމާ ހަވާލުވެ ހުރި އިޓަލީ ކޯޗު މާސެލޯ ލިޕީ ބުނިހެން، ވަރުގަދަ ލީގެއް ނެތި ދިވެހި ފުޓުބޯޅަ ހަގީގަތުގައި ކުރިއެއް ނާރާނެއެވެ. ކްލަބުތައް ވިޔަފާރި މޮޑެލްއަށް ދާން ޖެހެއެވެ. އެ މޮޑެލްއަށް ދިޔުމުގެ ކުރިން ޔަގީނުންވެސް ލީގަކީ ވިއްކޭނެ ބްރޭންޑަކަށް ވާން ޖެހެއެވެ. ނޫންނަމަ އެ ލީގުގައި ކުޅޭ ކްލަބުތަކަށް ލީގު ވިއްކޭނީ ވަކި ކޮން ގޮތަކުންތޯއެވެ.

"ކުޅިވަރަކަށް ކުރިއެރުން އަންނާނީ އެކަމަކަށް ވަގުތު ދީގެން. ޕްރޮފެޝަނަލީ އެކަން ކުރެވޭނީ އެކަށީގެންވާ ވަރަށް ފައިސާވެސް ހުރެގެން. އެކްސްޕެންޑިޗާ ޕްލޭނެއް ހަދައިގެން ފައިސާ ވަންނާނެ ގޮތެއް ހޯދަން ޖެހޭ. ފަންޑިން ހޯދާނެ ގޮތެއް ބަލަން ޖެހޭ. ލެވަރޭޖެއް ގެންނާނެ ގޮތެއްވެސް ހޯދަން ޖެހޭ. ހުރިހާ އެންމެންނަށްވެސް މި ވާނުވާ އެނގެންވާނެ. ލީގެއްގެ ބްރޭންޑް ވެލިއު މަތިކުރުން އެއީ ކްލަބުތަކަށް ހޯދައިދެވޭނެ މުހިއްމު އެއްޗެއް،" ކުރިން ރާއްޖޭގެ ގައުމީ ޓީމަށް ކުޅެ، ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ކޯޗު، މުހައްމަދު މައުރޫފް (މާއްޓޭ) "ވަން" އަށް ކުރިން ބުނެފައިވެއެވެ. މާއްޓޭގެ ވިސްނުމުގައި އެންމެ ބޮޑަށް އޭރުވެސް ހުރީ ރާއްޖޭގެ ލީގު ޕްރޮފެޝަނަލް ކޮށް، ބްރޭންޑް ކުރުމުގެ ވާހަކައެވެ. އެ ބްރޭންޑިން ނެތި ކްލަބުތަކަށް ފައިސާ ހޯދޭނެ ވިޔަފާރި މޮޑެލްއަކަށް ފުޓުބޯޅަ ނުގެންދެވޭނެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ޕްރޮފެޝަނަލް ކުރަން އޮތް މަގަކީ ވިޔަފާރީގެ ވިސްނުމުގައިވެސް ދުރު މަގެކެވެ. އަދި އޮތީ ވަޒީފާއިން ނިމި، އެއްޗެހި ބަދަލުކޮށްލައިގެން ފަރިތަކުރުންތަކަށް ދިއުމުގެ އުސޫލެވެ. އެ އުސޫލުވެސް މިހާރު މިވަނީ "ފެއިލިއާ"އާ ގާތް ވެފައެވެ. އެފްއޭއެމްގެ ފައިސާގެ ހާލަތުވެސް އޮތީ ގޯސްކޮށްކަން ސާފެވެ. އެކަން އެ އިދާރާއިން ދޮގެއްވެސް ނުކުރެއެވެ. ވޭތުވެދިޔަ އަހަރު ރާއްޖޭގައި ދެކެވުނު އެންމެ ބޮޑު ވާހަކައަކީވެސް އެއީއެވެ. އެ ވާހަކައިގެ ތެރެއިން ގޮސް، މިހާރު މި އޮންނަ އުސޫލުން ލީގު ފެށެމަށް ވަގުތީ ނަމަވެސް ހައްލެއް ހޯދުން އޮތީ ކިހާ ހިސާބެއްގައިތޯ، އެއީ ކުރެވޭ ސުވާލެކެވެ.

"ލީގަށް ކްލަބުތަކަށް އެފްއޭއެމުން ފައިސާ ދެމުން މިހާރު މިދަނީ. އެކަމަކު އެކަމަށް ކްލަބުތަކުން ފުރިހަމަކުރަން ޖެހޭ ކްރައިޓީރިއާތަކެއްވެސް ހުންނަން ޖެހޭނެ،" މިހާރު ފައިސާގެ ހާލަތު އޮތް ހިސާބު ސާފުކޮށްދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ "ވަން"އަށް ވިދާޅުވިއެވެ.

އެއީ ބައްސާމްގެ ނަޒަރުގައިވެސް މިވަގުތަށް ކްލަބުތައް އޮޕަރޭޓް ކުރެވެން އޮތް ގޮތެވެ. ރާއްޖޭގެ ފުޓުބޯޅަ މާހައުލުން އަދި އިތުރު ނިޒާމެއް އެކަމަށް ހޯދެން އޮތީ އުނދަގޫ ކޮށެވެ. ބައްސާމުގެ ނަޒަރުގައިވެސް ކްލަބުތަކަށް ފައިސާ ދީގެން ހިންގުން އެއީ އެންމެ ފުރިހަމަ ނިޒާމެއް ނޫނެވެ.

"ކްލަބުތަކަށް އެފްއޭއިން ފައިސާ ދީގެން ހިންގުމަކީ ދުނިޔޭގައި އާންމުކޮށް އެކަން ކުރާ އުސޫލެއް ނޫން. އެހެންނަމަވެސް ރާއްޖޭގައި ކްލަބުތަކަށް ފަންޑް ހޯދައި، ސްޕޮންސާ ހޯދުމަކީ ވަރަށް އުނދަގޫވެފައި އޮންނަ ކަމެއް. ފައިނޭންޝިއަލް ސަބްސިޑީ އެފްއޭއެމުންވެސް ތައާރަފު ކުރި ސަބަބަކީ އެއީ. ކްލަބުތައް ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަނީ އުނދަގޫ މާހައުލެއްގައި. އަމިއްލަ ސްޓޭޑިއަމްތަކެއް ނެތް. ސްޓޭޑިއަމަށް ސަޕޯޓަރުން ވައްދައިގެން ފައިސާ ހޯދޭނެހާ ސަޕޯޓަރުންނެއްވެސް ނެތް. ސީޒަން ޓިކެޓް ވިއްކައި، ކްލަބު މާޗަންޑައިސް ވިއްކޭކަށްވެސް ނެތް،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމްވެސް ވިދާޅުވީ ކުރިން މި ދެއްކި ވާހަކައެވެ. އެއީ ލީގުގެ ބްރޭންޑެއް ނެތުމުގެ ވާހަކައެވެ. ކްލަބުތަކަށް އެ ފައިސާ ހޯދޭނެ ނިޒާމެއް ނެތުމުގެ ވާހަކައެކެވެ. އެ ފައިސާ ކްލަބުތަކަށް ހޯދޭނެ ލީގު ނިޒާމެއްގެ ޒިންމާ ހަމަ އެފްއޭއެމްގެ ބޮލުގައި އޮތް އިރު، ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

"މަޑުމަޑުން ކްލަބުތައްވެސް ވިޔަފާރި މޮޑެލްއާ ދިމާލަށް ދާން ޖެހޭ. އެކަން ކުރެވޭނީ މަޑުމަޑުން ލީގަށް ގެންނަ ބަދަލުތަކަކާވެސްއެކު. ކްލަބުތަކަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދައިދެވޭތޯ އަހަރެމެން މަސައްކަތްތަކެއް އެބަކުރަން. އެކަމަށް އާ ލީގު ފޯމެޓެއް އެހީވެދޭނެ. އެއީ އެކަމުގެ ފެށުން ކަމުގައިވެސް ވާނެ. އެ ފޯމެޓަށް ގެންނަން ވިސްނާ ބަދަލުތައް އެފްއޭއެމުން ވަގުތު ޖެހުމުން ހިއްސާ ކުރަމުންދާނެ،" ބައްސާމް އިތުރަށް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް އެ ފާހަގަކުރައްވަނީ މިވަގުތަށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ހޯދަން އޮތް ހައްލެވެ. އެއީ އަނެއްކާވެސް އެފްއޭއިން ސަބްސިޑީ ދީގެން ނެރުމެވެ. އެއީ އެކަން ކުރެވެން އޮތް ހަމައެކަނި ގޮތެވެ. އެއީ ފުޓުބޯޅަ ސީޒަން ބޮއްސުންލައިގެން ދިޔަ ނުދޭން އޮތް ހަނި ފުރުސަތުވެސް މެއެވެ.

ގައުމީ ފުޓުބޯޅައިގެ މަންޒަރު ފެށެނީ ކްލަބުތަކުންނެވެ. އެއީ ގައުމީ ޓީމެއް ބިނާކުރުމަށް އޮތް ހަމައެކަނި މާހައުލެވެ. އެހެންކަމުން ލީގު ރަނގަޅުވުން އެއީ މަޖުބޫރު ކަމެކެވެ. ލީގުގެ ކްލަބުތަކުގެ އަމިއްލަވަންތަކަމަކީ ލީގުގެ ވަރުގަދަކަމަށް ދެވޭނެ އެންމެ ބޮޑު ހެއްކެވެ. ލީގުގެ ކްލަބުތައް އަމިއްލަވުން ނޫން ގޮތެއް ނުވެސްނެތެވެ. އެއީ މާހައުލުގެ ގޮތުން އުނދަގޫ ކަމެއްކަންވެސް ސާފެވެ. ހާއްސަކޮށް ފައިސާ ނެތި ކްލަބު ހިންގެން ނެތުމުން އެފްއޭއެމްއަށް ބަރޯސާވާން މަޖުބޫރެވެ. އެކަމަކު، އެ މަޖުބޫރުކަމާ ހެދި، އެފްއޭއެމްގެ މިނިވަންކަމަށް ސުވާލު އުފެދިދާނެ ކަމަށް ބެލެވެއެވެ. އެއީ އެތައް ބައެއްގެ ޝަކުވާއެއް އަދި ކަންބޮޑުވުމެއްވެސް މެއެވެ.

"އެފްއޭއެމުން ދޭ ފައިސާގެ ދަށުން ހިންގާ ކްލަބުތައް ގޮސް އެފްއޭއެމްގެ އިންތިހާބުގައި ވޯޓުލާންވެސް މި ޖެހެނީ. މިއީ އިން ޖެނެރަލް ވަރަށް ގޯސް ގޮތެއް. އެއީ އެންމެ ރަނގަޅު ޕްރެކްޓިސް ކަމަކަށް ނުބެލެވޭނެ. ކޮންމެފަހަރަކު މިނިވަން ވޯޓެއް ނަގަން ބަލާއިރު، އެ މިނިވަންކަން ކްލަބުތަކަށް އަސްލު އޮންނާނެ ކަމަކަށް ނުބެލެވޭ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުން ވަރަށް ބޮޑަށް ވިސްނާ، ސަމާލުވާވެސް ކަމެއް. އެހެންވީމާ އެއީ ރާއްޖޭގައިވެސް މިހާރު ވިސްނަން ޖެހޭކަމެއް. އެހެން ނަމަވެސް ބަދަލުކުރަން އުނދަގޫ ކަމެއް،" ރާއްޖޭގެ ކުޅިވަރު ނޫސްވެރިކަމުގައި ތަޖުރިބާކާރު ބޭފުޅަކު "ވަން"އަށް ބުންޏެވެ.

ރަނގަޅު ހިޔާލެކެވެ. މިނިވަން ވޯޓަކަށް އެފްއޭއެމުން ކްލަބުތަކަށް ދޭ ފައިސާއަކީ ނުތަނަވަސްކަމެކެވެ. އެހެން ނަމަވެސް އަދި އެކަމަށް މަގެއް ހޯދިފައި ނެތުމުން، އެކަމުގެ އަސަރު މުޅި ފުޓުބޯޅައަށް ކުރާނެއެވެ. ހާއްސަކޮށް ބަސްކިޔުމާއި ފާޑު ކިޔުމަށްވެސް އެކަމުން ހުރަސް އެޅޭ އެޅުން އެއީ ކުރިއެރުމަށް ޖާގަ ހަނިވާނެ ސަބަބެކެވެ. އެކަން ހައްލުކުރަން އޮތީ ބާރުވެރި ކްލަބުތަކެއް އުފެއްދުމެވެ. ބާރުވެރި ކްލަބުތަކަކުން މެނުވީ ގައުމީ ޓީމަށް ގެންނަން ބޭނުންވާ ބަދަލުވެސް ނުގެނެވޭނެކަން ޔަގީނެވެ.

އެފްއޭއެމްގެ ފައިސާގެ ހާލަތު ގޯސްވެ، އެތައް ވާހަކައެއް ދެކެވިއްޖެއެވެ. އެ ފައިސާގެ ހާލަތާ ހެދި، ނޫންނަމަ ކްލަބުތަކުގެ ހާލަތާ ހެދި ވިޔަސް ލީގެއް ފެށުން ރެކޯޑު މުއްދަތަކަށް ދިގުލައިގެން ގޮސްފިއެވެ. އެކަންކަމަށް "ސީރިއަސް" ނަޒަރަކުން ވިސްނުން ހިންގާނަމަ، މީހުންގެ އިތުބާރު ރާއްޖޭގެ ފުޓުބޯޅައަށް ވަރަށް ބޮޑަށް ގެއްލިއްޖެއެވެ. އެ ގެއްލުނު އިތުބާރު އަލުން ހޯދަން އުނދަގޫވާނެ މިންވަރަކަށެވެ. ހާއްސަކޮށް ކުޅެން ތިބި ކުޅުންތެރިންވެސް މިހާރު ދިވެހި ފުޓުބޯޅައަށް ޝައުގު ކުޑަވެއްޖެއެވެ. ލީގުގެ އަގެއް ނެތެވެ. ބުނަން ބޭނުން ނޫން ބަހެއް ނަމަވެސް، އެކަން އޮތީ ފެންނާށެވެ. އެ ލީގުގެ ކްލަބުތަކަށް ފައިސާ ހޯދޭނެ ގޮތެއް ނެތް ލީގެއްގެ އޮނިގަނޑުވެސް ބަދަލުކުރަން މަޖުބޫރެވެ.

އެ ފައިސާ ކްލަބުތަކަށް ނުހޯދި ފުޓުބޯޅަ މިނިވަން ނުވާ ހާލަތުގައި އޮތް އިރު، ހައްލަކީ ލީގަށް ދިރާސާކޮށް، ލީގަށް ބަދަލުތަކެއް ގެނައުން ކަމަށް ވެދާނެއެވެ. ސްޓޭކްހޯލްޑަރުން އެކުގައި އިށީންދެ، ލީގުގެ އޮނިގަނޑުން ފައިދާއެއް ނުހޯދޭނެ ވާހަކަ ދައްކައި، ރާއްޖޭގެ ލީގު ވަރުގަދަ ކުރުމަށް ފިޔަވަޅުއަޅަން ޖެހޭނެ ހާލަތަކަށް ފުޓުބޯޅަ މިއޮތީ ގޮސްފައެވެ. ލީގުގެ މާކެޓިން ހިޔާލުތައް ތަނަވަސްކުރަން ޖެހެއެވެ. ލީގު ޕްރޮމޯޓް ކުރަން ޖެހެއެވެ. ކަންކަމަށް ޒަމާނީ ބަދަލު ނުގެނެސް، ލީގުން ނަފާ ހޯދޭނެ ކްލަބުތަކެއް ބިނައެއް ނުކުރެވޭނެއެވެ. ކްލަބުތަކަށް ލީގުން ނަފާ ހޯދޭނެ ނިޒާމެއް ގާއިމުކުރުން އޮތީ އެފްއޭއެމްގެ އަތް މަތީގައެވެ. ސަރަހައްދީ ގައުމުގެތަކުން ހޯދާ ހައްލު، ރާއްޖެއަށްވެސް ހޯދެން ޖެހޭނެއެވެ. ގާބިލު ފަރާތްތަކުން އެކުވެ، ފުޓުބޯޅަ އިސްކުރަން ޖެހިއްޖެއެވެ.