Close
ޔޫރޯ ކޮލިފައިން

އިންގްލެންޑް މޮޅުވީ ކޭންއާއި ސަކާގެ ގޯލުތަކުން، ޕޯޗުގަލްއާއި އިޓަލީއަށްވެސް މޮޅެއް

ޔޫރޯ 2023ގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ޕޯޗުގަލް އަދި އެންމެފަހުގެ ޗެމްޕިއަން އިޓަލީން މޮޅުވެއްޖެއެވެ.

ޔޫރޯ ކޮލިފިކޭޝަންގެ ގްރޫޕް ސީގައި އިޓަލީއާއި އިންގްލެންޑްވެސް ވާދަކުރަމުންދާއިރު، އެ ގްރޫޕްގެ ފުރަތަމަ މެޗުގައި އެ ދެ ގައުމުން ވާދަކުރި މެޗުން މޮޅުވީ އިންގްލެންޑެވެ. އެ މޮޅާއެކު މިފަހަރުގެ ކޮލިފިކޭޝަން ފެށި އިންގްލެންޑުން ރޭ ޔުކްރެއިން ކައިރިން ވެމްބްލީގައި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އިންގްލެންޑަށް ޔުކްރެއިންގެ ޑިފެންސް ފޫއަޅުވާލުމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގިއެވެ. އެ ގޯލަކީ އާސެނަލްގެ ޒުވާން ތަރި، ބުކަޔޯ ސަކާ އަރިމަތިން ނެގި ބޯޅަ ހެރީ ކޭން ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ކޭން ރޭގެ މެޗުގައި ޖެހީ އޭނާ އިންގްލެންޑަށް ޖަހައިދިން 55 ވަނަ ގޯލެކެވެ. މިފަހަރުގެ ކޮލިފިކޭޝަން ފުރަތަމަ މެޗުގައި އިޓަލީއާ ދެކޮޅަށް ކޭން ޖެހި 54 ވަނަ ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ އިންގްލެންޑްގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އެކަމުގެ ޝަރަފުގައި ރޭގެ މެޗުގެ ކުރިން ކޭންއަށް ހާއްސަ ރަން ބޫޓެއް ދީފައިވެއެވެ.

ފުރަތަމަ ގޯލަށް ތިން މިނެޓް ފަހުން އިންގްލެންޑުން ނަތީޖާ ފުޅާކުރިއެވެ. އަރިމަތިން ކުރިއަށް ޖެހި ޑިފެންޑަރު ކައިރިން ނައްޓާލައި ސަކާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.

ދެވަނަ ހާފުގައިވެސް ޔުކްރެއިނަށް އިންގްލެންޑް ގޯލަށް ނުރައްކާ ކުރެވިފައިނުވާ އިރު، އިންގްލެންޑްގެ ހެރީ މެގުއާއާއި ކޯނޯ ގަލެގާއަށް ގޯލު ޖަހަން ލިބުނު ފުރުސަތު ވީ ބޭކާރެވެ.

އިންގްލެންޑާ އެއް ގްރޫޕެއްގައި އޮތް އިޓަލީން ރޭ ކުޅުނު މެޗުގައި މާލްޓާ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި އިޓަލީގެ ގޯލުތައް ޖެހީ މަޓެއޯ ރަޓެގޫއީއާއި މަޓެއޯ ޕެސީނާއެވެ.

ކޮލިފިކޭޝަން ގްރޫޕް ޖޭގެ ތިން މެޗެއް ރޭ ކުޅެފައިވާ އިރު، ޕޯޗުގަލްއިން ރަށުން ބޭރުގައި 6-0 އިން ލަކްސަންބާގު ބަލިކުރި މެޗާއި އައިސްލޭންޑުން ރަށުން ބޭރުގައި 7-0 ލެސްޓެންޓެއިން ބަލިކުރި މެޗު ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ޖަހައިފައިވާ އިރު، ޕޯޗުގަލްގެ އަނެއް ގޯލުތައް ޖެހީ ޖާއޯ ފެލިކްސްއާއި ބަނާޑޯ ސިލްވާގެ އިތުރުން ރަފޭލް ލެއާއޯ އަދި އޮޓާވިއޯއެވެ. ރޭ އައިސްލޭންޑުން ކުޅުނު މެޗުގައި ގޯލުތައް ޖެހީ ޑޭވިޑް ކްރިސްޓަން އޮލަފްސަންއާއި އާނާ ހަރަލްޑްސަންގެ އިތުރުން އާރޮން ގުނަސަން އަދި އެގީލް އެލަޓްސަންއެވެ. މެޗުގައި ގުނަސަން ހެޓްރިކް ފުރިހަމަ ކުރިއެވެ.