ޚަބަރު

ރައީސްގެ މަންދޫބުންނާއި ގާސިމްގެ އިތުރު ބައްދަލުވުމެއް

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ މަންދޫބުންގެ ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ.

މިއީ ރައީސް ސޯލިހުގެ މަންދޫބުން ގާސިމްއާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.

“ވަން” އަށް އެނގިފައިވާ ގޮތުގައި ރައީސްގެ މަންދޫބުންނާއި ގާސިމްގެ މަންދޫބުންގެ އެ ބައްދަލުވުން ކުރިއަށްދަނީ ސަން އައިލެންޑް ރިސޯޓުގައެވެ.

ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.

ގާސިމްގެ އިތުރުން ޖޭޕީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އަދި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދުއެވެ.

ރައީސްގެ ފަރާތުން ގާސިމްގެ މަންދޫބުންނާއެކު ބައްދަލުވުމެއް ބޭއްވި އިރު، ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖުމްހޫރި ޕާޓީގެ ފަރާތުން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ. އަދި ގާސިމް ވަނީ ރިޔާސީ އިންތިހާބުގެ ކަންކަން ފެށުމަށް ތައްޔާރުވެފައިވާކަން ވެސް ހާމަ ކުރައްވައިފައެވެ.

މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއާ ނުލާވެސް އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.