އިދިކޮޅު ޕީޕީއެމް/ޕީއެންސީން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މިއީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަސްވަނަ މީހާއެވެ.

ފުލުހުންގެ މީޑިއާ އިން "ވަން" އަށް މިއަދު ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 54 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އޭގެ ތެރެއިން ދެ ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިނީ ފަސް ދުވަހެވެ. އެ އެންމެންނަށް ބަންދު ޖެހީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

އާރަށު ކޮރަޕްޝަން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ކޮށްފައިވާ ޖަލު ހުކުމާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފުލާއަށް ފަހު، ބޮޑުތަކުރުފާނު މަގުން އެ މަނިކުފާނު ވަޑައިގަންނަވަނިކޮށް، ޕީޕީއެމް އޮފީސް ކައިރިންނެވެ. ރައީސްގެ މޮޓޯކޭޑް ކުރިއަށް ވަޑައިގަތުމަށް ފުރުސަތު ނުދީ 15 ވަރަކަށް މިނެޓް ހިފެހެއްޓި އިރު، މޮޓޯކޭޑަށް އެންމެ ފަހުން ޖެހުނީ އަނބުރާލާފައި ދާށެވެ.

އެކަން ހިނގައިދިޔަ ކަންކަން ބެލުމަށް އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ މައްސަލައާ ގުޅިގެން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން ވަނީ އެކަހެރިކޮށްފައެވެ. އަދި މި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.