އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ މިރޭ ބައްދަލުކުރަން ނިންމައިފިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާގެ އިތުރުން އެމްޑީޕީގެ ފަރާތުން ދެން ބައިވެރިވެވަޑައިގަންނަވާނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކަމަށެވެ.
"އެމްޑީޕީގެ ދަރާތުން، ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އަޅުގަނޑާ، ހުސެއިމް އަމްރުއާ ދެ މީހުން މިރޭ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާކުރުމަށް އެބަ ބައްދަލުވަން،" ހަސަން ލަތީފު ވިދާޅުވިއެވެ.
ނަޝީދުގެ މަންދޫބުން ޖޭޕީގެ މެމްބަރުންނާ ބައްދަލުކުރަން ނިންމާފައިވަނީ މިރޭ 9:30ގައި ޖޭޕީގެ މައި އިދާރާ، ކުނޫޒުގައެވެ.
ނަޝީދުގެ މަންދޫބުން ޖޭޕީގެ މެމްބަރުންނާ ބައްދަލުކުރަން ނިންމާފައި މިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއިދުކުރައްވާނެ ކަމަށް އެ ފެކްޝަނުން ބުނެފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓަކަށް ނަޝީދުވެސް ތާއިދުކުރަންވީ ކަމަށް ގާސިމް ވަނީ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން ނަޝީދުވެސް ވަނީ ގާސިމަށް ތާއިދުކުރައްވާކަން ހާމަވާފަދަ މޭރުމަކުން އެކިފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.