އިއްޔެ ހަވީރު މުޅި ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކީ ބަލަން ފަސޭހަ ވީޑިއޯއަކަށް ނުވިނަމަވެސް އެތައް ބަޔަކު ބަލައި ޝެއާކޮށް ކޮމެންޓުކުރި ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަ އަނިޔާވެރި މަންޒަރު ކުށްވެރިކޮށް އެތައް ބަޔަކު ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ޝުއޫރުފާޅުކުރަމުންދިޔައެވެ. އެއްބަޔަކު އެކަން ހިނގައިދިޔަ ރަށުގެ ރައްޔިތުން ކުށްވެރިކުރި އިރު އަނެއްބަޔަކަށް ކުށްވެރިކުރީ މުއައްސަސާތަކެވެ.
ގދ. މަޑަވެލީގައި އިއްޔެ ހިނގައިދިޔަ މި ހާދިސާގައި، ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންގެ ކުރިމަތީގައި މަގުމަތީގައި ދަމާކޫއްތާފައި އަންހެނަކު ގެންދާ މަންޒަރު ވީޑިއޯއަކުން ފެނެއެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި މި އަންހެންމީހާއަކީ ރ. އިންނަމާދޫއަށް ނިސްބަތްވާ މީހެކެވެ. ފިރިހެން މީހާއަކީ މަޑަވެއްޔަށް ނިސްބަތްވާ މީހެކެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މަޑަވެލިން "ވަން"އާ ވާހަކަދެއްކި މީހަކު ބުނީ މީގެ ހަތަރު އަހަރުކުރިންވެސް އެ އަންހެން މީހާ އެ ރަށަށް ދިޔަ ކަމަށެވެ. އޭރުވެސް އަންހެންމީހާ އުޅުނީ އެ ފިރިހެން މީހާއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އޭރު އަންހެން މީހާ ބަނޑުވެސް ބޮޑު ކަމަށެވެ. އެހެން ނަމަވެސް އެއީ ފިރިހެން މީހާގެ ދަރިއަކަށް ކަމެއް އެހެން މީހެއްގެ ދަރިއަކަށް ކަމެއް ނޭނގޭ ކަމަށް ބުންޏެވެ.
އަންހެން މީހާ، އޭރު މީހަކާ އިނދެގެން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެއެވެ. އިންނަމާދޫ ކައުންސިލުންވެސް މިކަން ކަށަވަރުކޮށެއްނުދެއްވިއެވެ. ނަމަވެސް މި ފިރިހެން މީހާ އޭރު މީހަކާ ނީންނަކަން މަޑަވެލިން ވާހަކަ ދެއްކި މީހުން ޔަގީންކޮށްދިނެވެ.
"އޭގެ ފަހުން މިރަށަށް އެއައީ މީގެ ދެ ދުވަސްކުރިން. އައި ދުވަހުވެސް އެ ދެމީހުން އަރައިރުންވެ ފުލުހަށްވެސް ގެންދިޔަ. އެދުވަހު ތިބީ މަސްތުވެގެންނޭވެސް ރަށުތެރޭގަކީ. ފަހުން ދޫކޮށްލި. އަންހެންމީހާ އަކީ ހަށިވިއްކާ މީހެކޭވެސް ކިޔާ." އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ވަން" އިން ބެލި ބެލުމުން އެނގުނު ގޮތުގައި އަންހެން މީހާގެ ދެ ކުދިން އެބަތިބެއެވެ. މި ދެކުދިން ތިބެނީ އަންހެން މީހާގެ އާއިލާ ގާތު އިންނަމާދޫގައެވެ. އަދި އޭނާ ދުވަހަކުވެސް ކައިވެންޏެއް ކުރިތޯ ސާފުކުރުމަށް އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒުމީން އާ ސުވާލުކުރުމުން ވިދާޅުވީ އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ނުއްދެވޭނެ ކަމަށެވެ.
މަޑަވެލީގައި އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ނަން ނުޖަހަން ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ، ރަށުގެ އަނެއްކޮޅުގައި ހުންނަ ގެއެއްގައި ދިރިއުޅޭ މި ދެމީހުން އިއްޔެ އައީ އެރަށު އެކި ހިސާބުތަކުގައި އަޑުގަދަކޮށް ތަޅާފޮޅަމުންކަމަށެވެ.
އެމީހާ ބުނީ އަންހެންމީހާއަށް މާބޮޑަށް އަނިޔާކުރަން ފެށުމުން ސަލާމަތްވާން އެންމެ ކައިރީގައި ހުރި ގެއަށް ވަތް ކަމަށާއި ނަމަވެސް ފިރިހެން މީހާ އޭނާގެ ބޮލުގެ އިސްތަށިގަނޑާއި އަތުގައި ހިފައި ދަމައި ނެރެ އަނިޔާކުރި ކަމަށެވެ.
"އެއީ މިރަށު އެކި ސަރަހައްދުތަކުގަ މާހެފުންތައް ކުރިއަށް ދިޔަ ވަގުތެއް. މި ދެމީހުން މާދުރުން ތަޅާފޮޅަމުން އައީ. ކީއްވެކަމެއް ނޭނގެ. ދެން ހިނގައިދިޔަ ކަންކަން ވީޑިއޯއިން އެ ފެންނަނީ. ވާނެ ގޮތަކީ ބޮއެގެން (މަސްތުގެ ހާލަތުގައި ހުރެގެން) އަންނަ މީހަކޭ ކިޔާއަޑު އިވެނީ. އެހެންވެ ރުޅިގަދަވެފަ ހުއްޓާ ކައިރިވާންވެސް ނުކެރެނީ. ކައިރިވާން މަސައްކަތްކުރީމަވެސް މަރާލާނަމޭ ބުނީމަ އެއްވެސް މީހަކަށް ކައިރިވާކަށް ނުކެރޭނެ ނޫންތޯ. އެވަގުތު އެތާ ތިބީ އަންހެނުންނާއި ކުޑަކުދިން." އޭނާ ބުންޏެވެ.
މަޑަވެލީ ކައުންސިލް ރައީސް ފިޔާޒް ހަސަން "ވަން"އަށް ވިދާޅުވީ މިއީ އެރަށުގައި ދުވަހަކުވެސް ހިނގައިދިޔަފަދަ ކަމެއް ނޫން ކަމަށެވެ. މިފަދަ މަންޒަރެއް ފެނުމުން ގިނަ ބަޔަކު ނަފުސާނީ ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހާދިސާ ހިނގީ ކިހިނެއްކަން ވިދާޅުވާން އެނގިވަޑައިނުގަންނަ ކަމަށާއި ނަމަވެސް އަންހެން މީހާއާއި ފިރިހެންމީހާއަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ދެމީހުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހުން މަގުމަތީގައި ޒުވާބުކޮށް ކަންތައްކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއީ ހިނގައިގެން ވާނެ ކަމެއް ނޫން. އެކަމަކު މިހެން މިވަނީ ސަރުކާރުގެ އިސްވެރިންވެސް މިކަމަށް ހިތްވަރުދޭތީ. އެއްވެސް މީހަކަށް އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ހަރުކަށިކޮށް ކުށްވެރިކުރަން." ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ބުންޏެވެ.
އިންނަމާދޫ ކައުންސިލް ރައީސް އަހުމަދު އަޒުމީނު "ވަން" އަށް މިއަދު ވިދާޅުވީ މަޑަވެއްޔަށް އަންހެން މީހާ ދިޔައީ ކިހިނެއް ކޮން ގޮތަކުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަޒުމީނު ވިދާޅުވީ އަންހެން މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަން މިހާތަނަށް އެނގިފައިނުވާ ކަމަށާއި އެކަމަކު އޭނާއަކީ ވަރަށް ބޮޑަށް ނަފުސާނީ ބަލި ހުންނަ މީހެއް ކަމަށެވެ.
"ނަފުސާނީ ބަލި ވަރަށް ބޮޑަށް ހުރޭ. ރުޅިކޮންޓްރޯލް ނުވެ އެހެން މީހުންނަށް އުނދަގޫވާ ހިސާބަށް ދިޔައީމަ ޖެންޑާގެ ބެލުމުގެ ދަށުން ފަރުވާއަށް އޭނާ ގެންދިޔައީ. އަޅުގަނޑު ހަނދާންވަނީ އެއީ މިދިޔަ ފެބުރުއަރީމަހުގެ ތެރޭގައި ވީކަމެއްހެން. ދެން މަޑަވެއްޔަށް ދިޔައީ ޖެންޑާގެ ބެލުމުގެ ދަށުގަ ހުއްޓާ ކަމެއް ނުވަތަ އެމީހުން ދޫކޮށްލީމަ ކަމެއް ބުނާކަށް ނޭނގޭ." އޭނާ ވިދާޅުވިއެވެ.
އަޒުމީނު ވިދާޅުވީ މަޑަވެލިން އަންހެން މީހާއަށް ހަމަލާދޭ ވީޑިއޯ ފެނުމުން ވަރަށް އަސަރުކުރާ ކަމަށާއި އެކަން ވަރަށް ހަރުކަށި އިބާރާުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަން ކަމާގުޅޭ އިދާރާތަކުން ތަހުގީގުކޮށް އަވަސް އިންސާފެއް އަންހެން މީހާއަށް ލިބޭނެ ގޮތް ހެދުމަށް ހުރިހާ މުއައްސަސާތަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން "ވަން" އިން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އަށް މިއަދު ގުޅުމުން ވިދާޅުވީ ކަމުގެ ހަގީގަތް ބައްލަވާފައި ކަން ހިނގައިދިޔަ ގޮތް ބެއްލެވުމަށްފަހު ސައްހަ މައުލޫމާތު ހޯއްދެވުމަށްފަހު ގުޅުއްވާނެ ކަމަށެވެ.
އަންހެންމީހާއާއި ފިރިހެންމީހާއަކީ ކުށުގެ ރެކޯޑު އޮންނަ ދެމީހުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ މިކަން އޮޅުންފިލުވުމަށް ފުލުހުންނަށް ގުޅުމުން ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ވަކިވަކި ފަރުދުންގެ ކުށުގެ ރެކޯޑުގެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ.
ފިރިހެންމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރިއިރު އަންހެންމީހާ ޖެންޑާގެ ބެލުމުގެ ދަށުން ގދ. ތިނަދުއަށް ވަނީ ގެންގޮސްފައެވެ. އަންހެންމީހާއަށް 18 އަހަރު ނުފުރޭ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އޭނާއަށް 18 އަހަރުފުރިފައިވާކަން "ވަން" އަށް ވަނީ އެނގިފައެވެ.
ކޮންމެއަކަސް އަންހެނަކު ތަޅައި ރޯނާކޮށް މަގުމަތީގައި ދަމާކޫއްތާ ގެންދިޔަ މަންޒަރު ބަލަން ތިބުމަކީ ފަރުދީޒިންމާއިން ރެކެވޭނެ ކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ ވަކި މުއައްސަސާއަކުން ހުއްޓުވަންވީ ކަމެއް ނޫނެވެ. އެއީ އެންމެންގެވެސް ޒިންމާއެކެވެ. އަނިޔާވެރިކަން ބަލަން، ވީޑިއޯކުރަން ތިބުމަކީ ރަނގަޅުގޮތެއް ނޫނެވެ.
އިއްޔެގެ ހާދިސާއަށް ބަލާއިރު ގިނަ އަންހެނުންތަކެއް ހަޅޭއްލަވާ އަޑު އިވެއެވެ. އަދި އަނިޔާ ނުކުރުމަށް އެދި ގޮވައެވެ. ފިރިހެން މީހާ އަތުގައި ހަތިޔާރެއް އެއްޗެއް ނެތްއިރު އެކަން ހުއްޓުވަން މަސައްކަތް ނުކުރީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. އަނިޔާކުރަން ހުއްޓައި ފަހުން ފިރިހެނަކު ނިކުމެ އެ ފިރިހެން މީހާ ގައިގައި ހިފައި ހުއްޓުވި ފަދައިން އަނިޔާ ކުރަން ފެށުމާއެކު މިކަން ހުއްޓުވޭނެ ބަޔަކުވެސް ތިބެންވާނެއެވެ. ހަމަ އެކަނި ހަޅޭކަކުން ނުވަތަ ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ތިމާގެ ޒިންމާ އަދާ ކުރެވުނީ ކަމަށް ނުދެކޭށެވެ. އަންހެންމީހާއަކީ ކޮންމެ ފަދަ ރެކޯޑެއް އޮތް މީހެއް ނަމަވެސް މިގޮތަށް މަގުމަތީގައި ދަމާކޫތައި އަނިޔާއެއް ނުކުރެވޭނެ އެވެ. ފިރިހެން މީހާއަކީ ކޮންމެ ފަދަ މީހެއްކަމަށްވިޔަސް، މި އަނިޔާ ބަލަން ނުތިބެ އެކަން ހުއްޓުވާން އެކަން ފެންނަ ބަޔަކު މަސައްކަތް ކުރާން ޖެހޭނެ އެވެ. އަދި މި ކަމުގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލެއް އޮތްނަމަ، އެއީ ވަކީން ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމެކެވެ. މަސްތުވާތަކެތީގެ ރެކޯޑު އެދެމީހުންގެވެސް އޮތް ނަމަ، މުޖުތަމައަށް ދޫވެފައި ތިބީ ކީއްވެތޯވެސް ބަލަން ޖެހޭނެ އެވެ.