Close
ޚަބަރު

ރައީސް ނަޝީދަށް އެމްޑީޕީ ތެރޭގައި ވަކި ފެކްޝަނެއް ނުހެދޭނެ: ރައީސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށް ފަހު، ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެ، "ފިކުރެއްގެ ދިރުން"ގެ ނަމުގައި ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތްތަކެއް ފައްޓަވައިފައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭގެ ލީޑަރުންނާ އެކު މުލިއާގޭގައި އިއްޔެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަކި އުސޫލުތަކަކާއި ހަމަތަކެއް ހުރި އިރު، ޕާޓީ ތެރޭގެ ކަންކަން ހިނގާނީ އެ އުސޫލާއި ހަމަތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން ނަޝީދަށް ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.

"އެ ކަމެއް ނުކުރެވޭނެ ނޫންތޯ؟ އެ ކަމެއް ނުކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދާ މަޝްވަރާކުރައްވާފައި ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ތެރެއިން މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

އެމްޑީޕީން ރައީސް ސޯލިހަށް މިދިޔަ މަހު ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުވާފައިވާއިރު، ޕްރައިމަރީ ބާތިލުކުރުމަށް އެދި ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލައެއްވެސް ހުށަހަޅައިފައެވެ.