Close
ޚަބަރު

ކޯލިޝަނާއެކު ރައީސް ސޯލިހު ވެރިކަމަށް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތް: ސިޔާމް

މުހައްމަދު އިޝާން

އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި އެމްޑީޕީގެ ކޯލިޝަނާއެކު ރައީސުލުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދެވޭނެ ކަމަށް އެމްޑީއޭގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސްވެރިންނާއެކު މުލިއާގޭގައި މިއަދު ރައީސް ސޯލިހު ވަނީ ބައްދަލުވުމެއް ބާއްވަވައިފައެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސިޔާމް ވިދާޅުވީ، ކޯލިޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށެވެ.

"ކޯލިޝަން ކުރިއަށް ދިއުމުގައި ކާމިޔާބުވުމާ ދޭތެރޭގައި އަޅުގަނޑުމެން އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ފުރަތަމަ ބުރުން އިބްރާހިމް މުހައްމަދު ސޯލިހު 2023 ވަނަ އަހަރު ވެރިކަމަށް ގެންނާނަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ހިތްތިރި، އަދުލުވެރި އަދި އަމާނަތްތެރި ރައީސަކީ ރައީސް ސޯލިހު ކަމަށާއި ރައީސް ސޯލިހު ކޮވިޑް-19 މެނޭޖުކުރެއްވިގޮތާއި ރާއްޖޭގެ އިގުތިސޯދި ހީނަރުނުވެ ހިފަހައްޓަވައިދެއްވި ގޮތަށް މުޅި ދުނިޔެ ތައުރީފުކުރަމުން އަންނަ ކަމަށެވެ.

މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީއޭގެ އިސްބޭފުޅުންގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.