އެލް ކްލެސިކޯއިން ބާސެލޯނާއަށް ރޭ ލިބުނީ ހައްގު މޮޅެއް ކަމަށާއި ރޭގެ މޮޅާއެކު ލީގު ކަށަވަރުވީ ކަމަށް ނުބަލާނެ ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ރޭ ބާސާ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސާއިން ރޭގެ މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯ އަރައޫހޯ އަތުން ބައިކޮޅަށް ވަން ގޯލާއެކު ރޭ ރެއާލްއިން ލީޑު ނަގާފައި ވަނިކޮށް، ބާސާއިން ފަހަތުން އަރައި މޮޅުވީ ސާޖިއޯ ރޮބާޓޯ އާއި ފްރޭންކް ކެސީ ޖެހި ގޯލުންނެވެ. ކެސީގެ ގޯލު ފެނިގެން ދިޔައީ މެޗުގެ އެންމެ ފަހު މިނެޓު ކޮޅުގެ ތެރޭގައެވެ.
ރޭގެ ނަތީޖާއާއެކު ބާސާއަށް ވަނީ ލީގު ތާވަލުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 26 މެޗުން 68 ޕޮއިންޓް ބާސާއިން ހޯދާފައިވާ އިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލްއަށް 26 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ.
ބާސާއަށް ލީގު ނެގުމަށް ބޮޑު ހިތްވަރެއް ލިބިފައިވާ އިރު، ރޭގެ މެޗަށްފަހު ކޯޗު ޒަވީ ބުނީ މެޗުން ލިބުނީ ހައްގު މޮޅެއް ކަމަށާއި ރޭ ރެއާލް އަށްވުރެ ބާސާ މޮޅު ކަމަށެވެ.
"އަހަރެމެންނަށް ރޭގެ މެޗުން މޮޅު ހައްގު. ރޭގެ މެޗުގައި އަހަރެމެން ރެއާލްއަށް ވުރެ މޮޅު. އަހަރެމެން ޓީމުން ފުރުސަތުތައްވެސް ގިނައިން ތަނަވަސް ކުރީ،" ޒަވީ ބުންޏެވެ.
ޒަވީ އިތުރަށް ބުނީ ލީގު ކަށަވަރުވީ ކަމަށް ނުވިސްނާނެ ކަމަށާއި ލިބުނު މޮޅަކީ ބޮޑު މޮޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ލިބުނީ ބޮޑު މޮޅެއް. އެއީ ލީގަށް މުހިއްމުވެސް މޮޅެއް. އެކަމަކު މިއީ އަދި ލީގު ކަށަވަރުކުރެވުނު ކަމަކަށް ނުދެކެން. މިއީ ރަނގަޅު މިސްރާބަށް ބާސާ ދާކަން ދައްކުވައިދޭ މޮޅެއް،" ޒަވީ އިތުރަށް ބުންޏެވެ.