ސަރުކާރުގެ މަގާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުންގެ ދިފާއުގައި ގޮޅިއަށް ދާން ވެސް ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖޭޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.
ޖޭޕީން ރިޔާސީ ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ނިންމުމާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވަނީ ސަރުކާރުގައި ތިބި ޖޭޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އޭނުންވެސް މަގާމުތަކުގައި ތިބި މީހުން އިސްތިއުފާއަށް ގޮވާލައި އިސްތިއުފާ ނުދެއްވައިފި ނަމަ ނޯ ކޮންފިޑެންސް ވޯޓެއް ނަގާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވައިފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު ވެސް އުޅުއްވަނީ ރާއްޖޭގައި ކަމަށާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަކި ކުރެވޭނީ އެމަނިކުފާނު ފަހަނައަޅައި ދިއުމަށްފަހު ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނުމެން މަގުމައްޗަށް ނެރެމަށް ކަމަށެވެ.
"އޮނަރަބަލް ގާސިމް. އަޅުގަނޑުމެން ވެސް އުޅެނީ ހަމަ މި ރާއްޖޭގައި. ޖޭޕީގެ ބޭފުޅުން ވަކި ކުރެވޭނީ އަޅުގަނޑުމެން ވެސް ފަހަނަޅައި ގޮސް. އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީ ބާ. ޓިއާ ގޭސް ވެސް ކުޑަގޮޅި އާއި އަނދަގޮނޑި ވެސް ވަރަށް ރަނގަޅަށް ދަންނަން. އަދިވެސް އޮވެވިދާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް ވެސް ޖޭޕީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން ވަކިކުރުމަށް ދެކޮޅު ހައްދަވައިފައެވެ.
އެފަހަރު ނަޝީދު ވިދާޅުވެފައިވަނީ މިހާރު މިއޮތީ އެމްޑީޕީ އިސްވެ އުފެއްދި ކޯލިޝަން ސަރުކާރެއް ކަމަށާއި އެހެންކަމުން އެއްވެސް ޕާޓީއެއްގެ މެމްބަރަކު ސަރުކާރު މަގާމަކުން ވަކި ނުކުރެވޭނެ ކަމަށެވެ.
"މިވަގުތު ހިނގަމުން މިދަނީ އެމްޑީޕީ އިސްވެ އުފެއްދި އިއްތިހާދުގެ ސަރުކާރެއް. މި ދައުރު ނިމެންދެން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގާސިމުވެސް ވިދާޅުވެފައިވަނީ ކޯލިޝަން އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ ގޮތަަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދިނުމުގެ ވާހަކަ އެއީ ލަދުވެތި ކަމެއް ކަމަށް ފާހަގަކުރެވޭ ނަޒަރިއްޔާތަކުން ވާހަކަފުޅު ދެއްކެވީމާ ދަންނަވާލަން އެއީ އެއްގޮތަކަށްވެސް ލަދުވެތިކަމެއް ނޫން. އެއްބަސްވުމެއްގައި އަޅުގަނޑުމެންގައި ސޮއިކޮށްގެން މި ސަރުކާރުގައި ތިބީ އެހެންކަމަށް ވަންޏާ އަޅުގަނޑުމެން ދަންނަވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވަން،" ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ޖޭޕީއަށް ސަރުކާރުން ދީފައިވާ މަގާމުތަކަކީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ދީފައިވާ މަގާމުތަކެއް ނޫން ކަމަށެވެ.
"ވީހިނދު އެއްވެސް ބޭފުޅަކު މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިސްތިއުފާ ދޭން އަޅުގަނޑެއް ނުދަންނަވާނަން، އަޅުގަނޑަށް ފެންނަނީ އެއްގޮތަކަށްވެސް އިސްތިއުފާ ނުދެއްވުމަށް،" ގާސިމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަރަށް ރީތިކޮށް ޖާގަ ލިބޭ ކަމަށެވެ. އަދި ގިނަ ޕާޓީތައް ހަދައިގެން ތިބުމުގެ ބޭނުމަކީވެސް އެއީ ކަމަށާއި ރައްޔިތުންނަށް މަންފާތަކެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ވާދަވެރިކަމެއް އޮންނަންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު