ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް ވިދާޅުވަމުން ގެންދެވީ ކޯލިޝަނާއެކު ނޫނީ އަންނަ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރައްވަން ދަތިފުޅުވާނެ ކަމަށެވެ. އެ ކޯލިޝަންގެ އެންމެ މުހިންމު ބައިވެރިޔަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ކަމަށެވެ. ޖޭޕީން އެ މަނިކުފާނާއެކު ކޯލިޝަން ހައްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ގެންދެވީ ވިދާޅުވަމުންނެވެ.
ކޯލިޝަންގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ރައީސް ސޯލިހު ދެއްވާފައި ވަނިކޮށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖޭޕީގެ ކައުންސިލުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނެރެ، ޖޭޕީން އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުމަށް ނިންމައިފައެވެ.
ގާސިމް ރައީސްގެ ފަހަތްޕުޅަށް އަރައިވަޑައިނުގެން، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން ސިޔާސީ މަސްރަހުގެ އޮއިވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވަކިން ހާއްސަކޮށް ރައީސް ސޯލިހްގެ "ވިނިން ފޯމިއުލާ" އަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އެގޮތުން ޖޭޕީގެ އެ ނިންމުމާ ގުޅިގެން ރައީސް ސޯލިހުގެ ސަރުކާރަށާއި ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އެންމެ ބޮޑު ހުރަހަކަށް ވެގެންދާނީ މިހާރު ސަރުކާރުގައި ތިއްބެވި ޖޭޕީގެ މިނިސްޓަރުންނާއި އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރައީސް ސޯލިހުގެ ފަޅީގެ މަޖިލިސް ބައެއް މެންބަރުން ގެންދަވަނީ އެ ބޭފުޅުން ވަކި ކުރުމަށް ނުވަތަ އަމިއްލައަށް އިސްތިއުފާދެއްވުމަށް ވެސް ގޮވައިލައްވަމުންނެވެ.
މިހާރު އޮތް ސަރުކާރުގެ ކޯލިޝަނުގައި ޖޭޕީގެ ހިއްސާ ވަރަށްވެސް ބޮޑެވެ. އެހެންވެ ސަރުކާރުގެ އިސް މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން އެބަތިއްބެވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނަކީ ގާސިމާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ވަރަށް އަރިސް ބޭފުޅުންނެވެ. އެހެންކަމުން އެ ބޭފުޅުން މަގާމުތަކުގައި ތިއްބަވާނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނިންމެވުމުން، ކޯލިޝަންގެ މަގާމުތަކުގައި ތިބި ޖޭޕީގެ މެންބަރުން އިސްތިއުފާ ދޭން ޖެހޭނެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ޖޭޕީއަށްވެސް އޮތް ހައްގެއް، ނަމަވެސް ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްކުރާ އިރު ރައީސުލްޖުމްހޫރިއްޔާއާ ވާދަވެރި ޕާޓީގެ މެންބަރުންތަކެއް މިނިސްޓަރުންނާއި އެ ނޫންވެސް މަގާމުތަކުގައި ތިއްބަވައިގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް ވިދާޅުވި ގޮތުގައި ވަޒީރުކަމުގައި ތިއްބަވާ ބޭފުޅުން ރައީސަށް އިހުލާސްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ރައީސްގެ ވަޒީރުންނަށް ރައީސްގެ ސިޔާސަތުތަކާ ދެކޮޅަށް ނުތިއްބެވޭނެ ކަމަށާއި އެހެން ނޫންނަމަ ވަރަށް ބޮޑު ކޮންފްލިކްޓަކަށްވާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ. ހާއްސަކޮށް ރައީސްގެ ސިޔާސަތުތަކާއި ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށް އަސްލަމް ގަބޫލުކުރައްވައެވެ. އެހެންކަމުން ރަނގަޅު ގޮތަކީ އިސްތިއުފާދެއްވުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ އަމާޒަކީ ދެވަނަ ދައުރަކަށް އެ މަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެންނެވުމެވެ. އެހެންކަމުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރައީސްގެ އަމާޒަކަށް ވާނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދިނުމެވެ. އަދި ދެވަނަ ދައުރެއް ޔަގީން ކުރުމަށް ކެމްޕޭން ކުރެއްވުމެވެ.
އެހެނަސް ޖޭޕީގެ މެންބަރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާނަމަ، އެކަމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލުކުރެއެވެ. އަބްދުﷲ ސަނީފު ފާހަގަކުރެއްވީ ރައީސް ސޯލިހު އައްޔަންކުރައްވާ ވަޒީރުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން އައްޔަންކުރާ ބައެއް ކަމަށެވެ. ޖޭޕީގެ މިނިސްޓަރުންތަކެއް މިވަގުތު ސަރުކާރުގައި ތިއްބަވައިގެން ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެ މީހުން ކުރާނެ ކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ތާއީދު ގެއްލުވައިލުން. މިއަދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވައި އޮނަރަބަލް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ކުރައްވާނެ ކަމަކީ އިތުރަށް ޑްރައިވަރުން ނުރުހުން ކުރުވުން، މީގެ ކުރިންވެސް ކަންތައް ކުރެއްވި ގޮތް. އެއާ ގުޅިގެން މައުސޫމުވެސް ކުރައްވާނީ އެކަން، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ފަންޑު އަތުލައި އެ ބޭފުޅުންގެ ކެމްޕެއިން ހިންގަވާނީ،" އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަނީފް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުވެސް ވަނީ ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިއްބަވައިގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ ކަމަށް "ވަން" އަށް އިއްޔެ ވިދާޅުވެފައެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ހާލަތެއްގައި، ދެން ކަންތައް ކުރައްވާނެ ގޮތަކާމެދު ރައީސް ސޯލިހް، ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާއި ގާސިމް އިބްރާހިމާ އެކު މަޝްވަރާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ޖޭޕީގެ އިސްބޭފުޅުން ސަރުކާރު ތެރޭގައި ތިއްބަވާނަމަ، އެންމެ ބޮޑު ހުރަހަކަށް ވެގެންދާނީ ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތަކަށް ހުރަސް އެޅުމެވެ. ހާއްސަކޮށް ސަރުކާރުގެ މަޝްރޫއުތަކާއި މަސައްކަތްތަކަށް ހުރަސް އެޅިގެން ހިނގައިދާނެ ކަމަށް އެބޭފުޅުން ގަބޫލު ކުރައްވައެވެ. ސަރުކާރު ތެރެއިން ރައީސް ސޯލިހަށް އެންޓި ކެމްޕެއިން ކުރުމަކީވެސް ވެގެން ހިނގައިދާނެ ކަމެއް ކަމަށް އެބޭފުޅުން ގަބޫލު ކުރައްވައެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ރައީސްގެ ސިޔާސަތުތައް ކަމުނުދާ މިނިސްޓަރުން ތިއްބަވާނަމަ، ރައީސަށް ކަންކަން ކުރައްވަން ދަތިފުޅުވާނެ ކަމަށެވެ. އެއީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރެއްވުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އެބޭފުޅުންނަށް އެ މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެން ނުއެއް ތިއްބެވޭނެ. އެއީ ޕްރެކްޓިކަލީ ޕޮސިބިލިޓީއެއް ނޫން. ސިޔާސަތުތައް ކަމުނުގޮސްގެން ދެއްތޯ އެހެން ގޮތެއް ހޯއްދަވާނީ، އެހެން މީހަކަށް ތާއީދުކުރާނީ. އެހެން ސިޔާސަތުތަކެއް ޕްރޮމޯޓްކުރަން މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބަވައި އެގޮތަށް އަމަލު ކުރައްވާނަމަ، އެއީ ކަނޑައެޅިގެން އެބޭފުޅުން ރައީސާ ދެކޮޅަށް މަސައްކަތް ކުރުން. ސަރުކާރުގައި ތިއްބަވައި ސަރުކާރަށް ފާޑުވިދާޅުވުން އެއީ ވަރަށް ބޮޑު ގޯހަކަށް ވާނެ. އެއީ ޖާގަ ލިބިގެންދާނެ ކަމެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުގެ އިސް މަގާމަތުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވައިލައްވައިފައެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ، އެބޭފުޅުން މަގާމުން ވަކިކުރެއްވުމަށް ރައީސަށްވެސް ވަނީ ގޮވައިލައްވައިފައެވެ. އޭގެ އިތުރަށް އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށްގެން އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވައިފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ގާސިމް އިއްޔެ ވިދާޅުވި ގޮތުގައި ކޯލިޝަން އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ ގޮތަަށް ވެފައިވާ އެއްބަސްވުމެކެވެ. ޖުމްހޫރީ ޕާޓީއަށް ސަރުކާރުން ދީފައިވާ މަގާމުތަކަކީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ދީފައިވާ މަގާމުތަކެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްގެން މި ސަރުކާރުގައި މި ތިބީ، އެހެން ކަމަށް ވަންޏާ އަޅުގަނޑުމެން ދަންނަވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވަން،"
"ވީހިނދު އެއްވެސް ބޭފުޅަކު މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިސްތިއުފާދޭން އަޅުގަނޑެއް ނުދަންނަވާނަން، އަޅުގަނޑަށް ފެންނަނީ އެއްގޮތަކަށްވެސް އިސްތިއުފާ ނުދެއްވުމަށް ދައުލަތަށް ހިދުމަތް ކުރުމުގައި އެމްޑީޕީއެއް ޖޭޕީއެއް އަދި އަދާލަތު ޕާޓީއެއް އަދި އެހެންޕާޓީއެއްވެސް، އެއްވެސް ޕާޓީއެއް އިސްތިސްނާނުވެ ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ މަގާމަކާއި ޒިންމާއެއް އަދާކުރުމުގައި އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް، އެމީހަކު އެކަމުގައި ދެމިހުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ އެ ވާހަކަތަކަކީ އެއްވެސް ގޮތަކަށް "އޮއްޓަރުހުރި" ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި ގޮތުގައި ޖޭޕީން އަމަލުކުރަނީ އެއްބަސްވުމުގައިވާ އެއް ބަޔަށެވެ. އެއީ ފަސް އަހަރަށް ދެމިގެންދާ އެއްބަސްވުމެއް ކަމާއި މަގާމުތައް ދެމެހެއްޓުމުގެ ނުކުތާއެވެ.
އެހެން ނަމަވެސް އެ އެއްބަސްވުމުގައި ހުރި އެހެން މާއްދާތަކަށް މީގެ ކުރިންވެސް ޖޭޕީން އަމަލު ނުކުރާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އެގޮތުން މަޖިލީހުގައި ޖޭޕީގެ މެންބަރުން ސަރުކާރަށް ފާޑު ވިދާޅުވުމާއި ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރުމަކީވެސް އެއްބަސްވުމާ ހިލާފު ކަންކަން ކަމަށާއި އެއީ އެއްބަސްވުން "ވޮއިޑް" ވާނެ ކަންކަން ކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
"އެހެންވީމަ އެހާ ޕްރެކްޓިކަލް ކަމެއް ނޫން އެއްބަސްވުން ވަކި މުއްދަތަކަށް އޮތީމަ އެއްބަސްވުމަށް އަމަލު ކުރުން. އެ އެއްބަސްވުމުގައި ހުންނާނެ އެހެން މާއްދާތައްވެސް. އެހެންވީމަ ރައީސާއި އެ ބޭފުޅުންނާއެކު އެކުލަވައިލި ސިޔާސަތުތަކަށްވެސް ތާއީދުކޮށްގެން މަސައްކަތް ވެސް ކޮށްދެއްވަންވާނެތާ. އެކަންކަން ނުކުރައްވައެއް ނޫންތޯ،" އަސްލަމް ވިދާޅުވިއެވެ.
ކޮންމެއަކަސއ ޖޭޕީން މިވަނީ ގޮތް ނިންމައިފައެވެ. އެމްޑީޕީން އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އެބޭފުޅުން އެބަ ވިދާޅުވެއެވެ. އެހެނަސް ރައީސް ސޯލިހުގެ "ވިނިން ފޯމިއުލާ" އިން ޖޭޕީ ގެއްލުމުން، ރައީސްގެ "ޕްލޭން ބީ"އާއެކު ކުރިއަށްދާން ބޭނުން ޖޭޕީގެ އިސް ބޭފުޅުން ތިއްބެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަދި އެޕާޓީގެ މެންބަރުންނަށް މަގާމުތަކުން ވަކި ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގަބޫލުކުރާ މެންބަރުންވެސް އެބަތިއްބެވެ. އެއީ ދެވަނަ ބުރެއްގައި ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ހާލަތަކީވެސް ނެތް ހާލަތެއް ނޫން ކަމަށް ވާތީކަމަށްވެސް ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ. އެ ހާލަތުގައި މުއާމަލާތް ނުކުރެވޭނެހާ "ހަޑިކޮށް" މިހާރު ކަންކަން ހިނގައްޖެނަމަ ދެން ވާނީ ކިހިނެއްތޯވެސް ބައެއް މެންބަރުން ސުވާލު އުފައްދަވައެވެ.
ގޮތް ނިންމަވާނީ ރައީސް ސޯލިހެވެ. އެންމެންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ ރައީސް ނިންމަވާނެ ނިންމެވުމަކަށެވެ. ކޯލިޝަނުން ޖޭޕީ ބޭރުކުރައްވާނީތޯ ނުވަތަ ފަހުނޭވާއާއި ހަމަޔަށްވެސް އެކުގައި ކުރިޔަށް ވަޑައިގަންނާނީތޯ އެއީ ރައީސް ސޯލިހަށް ނިންމަވާން ޖެހިވަޑައިގަންނަވާނޭ ކަމެކެވެ. އަދި ހަމަ އެހެންމެ "ވިނިން ފޯމިއުލާ" އަށް ދެން ގެންނަވާނޭ ބަދަލުތަކެއްވެސް ނިންމަވާން ޖެހިވަޑައިގަންނަވާނެއެވެ.