ގޯލްޑަން ފުޓްސަލް ޗެލެންޖް

ފޯރިގަދަ ސެމީގެ މެޗުތައް ކާމިޔާބުކޮށް ގަމާއި ވާދޫ ފައިނަލަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ސެމީ ފައިނަލްގެ ފޯރިގަދަ މެޗުތައް ކާމިޔާބުކޮށް، ލ. ގަމާއި ގދ. ވާދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ލ. ގަމުން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ވާދަކުރާނެ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ފައިނަލްގައި ގަމުން ވާދަކޮށް އެއަހަރުގެ ފައިނަލްގައި ބަލިވީ މާފަންނު ކައިރިންނެވެ. އަނެއްކޮޅުން ފައިނަލަށް ދިޔަ ވާދުއަށް މިއީ އެ ރަށުގެ ތާރީހުގައި ފުރަތަމަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލެވެ. އެޓީމު މިފަހަރު ސެމީ ކުޅުނީވެސް މުބާރާތުގައި ފުރަތަމަ ފަހަރަށެވެ.

ރެހެންދި ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް ދެ މެޗުވެސް ފެނުނީ ފޯރިގަދަކޮށެވެ. ސަޕޯޓަރުން ދެ މެޗަށްވެސް މުޅި ދަނޑު ސަރަހައްދު ފުރާލިއެވެ. ހާއްސަކޮށް ރަށުގެ ރޫހުގައި ހުރިހާ ރަށެއްގެ ސަޕޯޓަރުންވެސް ޖޯޝުގައި ފޯރި ދިންތައް ފެނިގެން ގޮސްފައިވެއެވެ.

މިރޭގެ ފުރަތަމަ ސެމީގައި ވާދަކުރީ ގަމާއި ރ. އިނގުރައިދޫއެވެ. މެޗު 4-1 އިން ގަމުން ކާމިޔާބުކުރީ ތަފާތު މޮޅު ކުޅުމަކާއެކުގައެވެ.

މެޗު ފެށިގެން ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ) އާއި ހުސައިން ނާޝިދު (ނާއްޓޯ) ގެ ނުރައްކާތެރި ހަމަލާތައް ފެނުނު އިރު، އިނގުރައިދޫގެ ގޯލްކީޕަރު އަހުމަދު އިހުސާންގެ ރަނގަޅު ސޭވްތަކެއް ފެނުނެވެ. ގަމުން ރަނގަޅަށް ކުޅެ، ފުރަތަމަ ހާފު ނިމެން ދަނިކޮށް ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ ތަފާތު މޮޅަށް މެޗުގައި ފެނުނީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އެވެ.

ދެވަނަ ހާފު ފަށައިގެން އިނގުރައިދޫން ކުޅުން ރަނގަޅުކޮށް، އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު އައިހަމް އަދި މުހައްމަދު މަމްދޫހުގެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ގަމުގެ ގޯލުކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

މެޗުގެ ދެވަނަ ގޯލެއް ޖެހީވެސް ގަމުންނެވެ. ގަމުގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކުރީ ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީގެ އެ ގޯލާއެކު ހަމަޖެހިލި ނަމަވެސް އޭގެ ދެ މިނެޓް ފަހުން އޮންލީ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު އިނގުރައިދޫން ގޯލު ޖަހައި އުންމީދު ހޯދިއެވެ.

އިނގުރައިދޫން ގޯލު ޖަހައި އުންމީދު ހޯދި ނަމަވެސް، އެ ގޯލަށްފަހުވެސް ގަން ފެނުނީ މާ ވަރުގަދަ ކޮށެވެ. ރަނގަޅަށް ޑިފެންސްކޮށް ކައުންޓާގައި ކުރިއަށް ޖެހި ގަމުން ދެއްކި ތަފާތުގައި މެޗުގައި އިތުރު ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖަހައިދިނީ ޖޭއްނޭ އާއި އަލީ ޝާމިސް (ތޮއްޕެ) އެވެ.

ދެވަނަ ސެމީ ފައިނަލްގައި ވާދޫން ނުކުތީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ސެމީގައި ކުޅުނު ކުޑަހުވަދޫ އާއި ވާދޫން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 4-4 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. ޕެނަލްޓީގައި ވާދޫން މެޗު ކާމިޔާބުކުރީ 8-9 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ދެވަނަ ސެމީ ފައިނަލްގައި ފެނުނީ އޯޕަން އެޓޭކިން ކުޅުމެކެވެ. ދެ ޓީމުންވެސް ބެލީ އެޓޭކަށް ނުކުމެ، މެޗުން މޮޅު ހޯދުމަށެވެ. ކުޑަހުވަދޫން މެޗު ފެށީ ފުރިހަމަ ފެށުމަކާ އެކުގައެވެ. އެޓީމުން ދެވަނަ މިނެޓުގައި ލީޑު ނެގީ އިރުފާން އާދަމް ނަސީރު ޖެހި ގޯލުންނެވެ. އެ ގޯލާއެކު ކުޑަހުވަދޫ އުންމީދާ އެކު ފެށި ނަމަވެސް މެޗުގެ ނުވަ ވަނަ މިނެޓުގައި ވާދޫގެ އަހުމަދު ނަޝާހު (ނައްޓު) ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ނައްޓުގެ ގޯލުން ހިތްވަރު ހޯދައި، ވާދޫން ހާފު ނިންމާލީ އިތުރު ދެ ގޯލުވެސް ޖަހައި ދެ ގޯލުގެ ލީޑަކާ އެކުގައެވެ. އެ ދެ ގޯލުވެސް ޖެހީ މުހައްމަދު އިޔާދު އަލީއެވެ. އިޔާދަކީ މިހާތަނަށް މުބާރާތުގައި އެންމެ ފޯމުގައި ފެނިގެން ދިޔަ އެއް ކުޅުންތެރިޔާއެވެ.

ދެވަނަ ހާފަށް ނުކުމެވެސް ވާދޫން ހަމަލާތައް ގިނަކޮށް ފެނުނު އިރު، ކުޑަހުވަދޫގެ ގޯލްކީޕަރު އަބްދުލް މާނިއުގެ މޮޅު ސޭވްތަކެއް ފެނިގެން ދިޔައެވެ. ދެވަނަ ހާފުގައި ކުޑަހުވަދޫން ޖުމައިލް ޖަމީލް ނުރައްކާ ބޮޑުކޮށް ފެނުނު އިރު، އޭނާގެ ގޯލަކާއެކު އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރިވެސް މެއެވެ.

އެހެން ނަމަވެސް އަނެއްކާވެސް އިޔާދު ޖެހި ގޯލުން ވާދޫ ލީޑު ފުޅާކުރިއެވެ. އިޔާދު އެ ގޯލު ޖަހައި ދެން ކުޅުން ފެށި ބޯޅައިން މާޔިޒް ވަހީދު ޖެހި ގޯލުން ކުޑަހުވަދޫ އަނެއްކާވެސް ލީޑުގެ ފަރަގު ކުޑަކޮށް، ވާދޫ މާޔޫސްކޮށްލިއެވެ. ކުޑަހުވަދޫން މެޗު އެއްވަރު ކުރީ ޖުމައިލް ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި ފުރަތަމަ ޖެހި ހަތަރު ޕެނަލްޓީ ވައްދާލި އިރު، ކުޑަހުވަދޫގެ ފަސްވަނަ ޕެނަލްޓީ، އަޔާޒް މުހައްމަދު ޖެހި ޕެނަލްޓީ ވާދޫގެ ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) މަތަކުރިއެވެ. އަދި ވާދޫގެ ފަސްވަނަ ޕެނަލްޓީ ނައްޓު ވައްދާލައި އެޓީމަށް ފައިނަލްގެ ފުރުސަތު ހޯދައިދިނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވަރުގަދަ ފައިނަލް އޮންނާނީ އަންނަ ހަފުތާ އާދީއްތަ ދުވަހުގެ ރޭގައެވެ.