މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ކަމަށް ނަޝީދުގެ ފެކްޝަނުގެ އަރިސް ބޭފުޅެއް ކަމަށްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު (އިންތި) ފަހުމީ ވިދާޅުވެއްޖެއެވެ.

ކުނޫޒްގައި މިއަދު ހަވީރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ޖުމްހޫރީ ޕާޓީގެ އެ ނިންމުމާ ގުޅިގެން އިންތި "ވަން" އަށް މިރޭ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދު، ގާސިމަށް ތާއިދުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކަމެއް ނޫން ތިއަކީ. ގާސިމްގެ ފަހަތްޕުޅަށް ރައީސް ނަޝީދު އަރާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. އެއީ ހަމަ ވާނެކަމެއް،" އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ޕާޓީގެ މެމްބަރުން ތާއިދުކުރަން ޖެހެއެވެ. އަސާސީ ގަވާއިދާ ހިލާފުވެވަޑައިގެން ރިޔާސީ އިންތިހާބުގައި ނަޝީދު، ގާސިމަށް ތާއިދުކުރައްވައިފިނަމަ އެކަމަށް ފިޔަވަޅު އެޅިޔަސް ފަރުވާލެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން އިންތި ވަނީ ވާހަކަ ދައްކަވައިފައެވެ.

އިންތި ވިދާޅުވީ އެމްޑީޕީގެ އަސާސްތައް ނެތި އެ ޕާޓީ މިހާރު ނެތިހިނގައިދާނެތީ އެމްޑީޕީ އަލުން އަނބުރާ ހޯދައި ދިނުމަށާއި އެމްޑީޕީގެ ކުރިމަގު އަލުން ބިނާކުރުމުގެ މަސައްކަތް ކުރައްވަނީ ނަޝީދު ކަމަށެވެ.

"މި ޕާޓީ އަލުން އަނބުރާ އަތުލައި ހޯދައި މި ޕާޓީ އޭގެ ގޮތުގައި ރުޖޫއަށްކޮށްދީ ޕާޓީއަށް ދެންވެސް ކުރިމަގު ހޯދައިދިނުމުގެ ވާހަކަފުޅާއި މަގު ދެއްކުމާއި އެކަންކަމުގެ ވާހަކަފުޅެއް ނުންތޯ ރައީސް ނަޝީދު އެ ދައްކަވަނީ. އެކަންކަން ބިނާވެގެން އެދަނީ މިދިޔަ ޕްރައިމަރީތަކާއި އޭގެ ކުރިން މި ޕާޓީއަށް ހަދަމުންދިޔަ ގޮތާއި ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެން މި ޕާޓީއަށް ހަދަމުން ދިޔަ ގޮތްތަކެއްގެ ސަބަބުން ޕާޓީއަށް ލިބޭ ނިކަމެތިކަމާއި ގެއްލުމާއި ހަލާކާ އާންމު ޕޮޕިއުލަރިޓީ ވެއްޓި، ޕާޓީގެ އައިޑިއޮލޮޖީ، އައިޑިއަލްސްތައް ހަލާލުވެ ފަނާވެގެން ދިޔާމަ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ނަޝީދު މިހާރު އެ ކުރައްވަނީ އެކަންކަން ހައްލުކޮށް އަލުން އެމްޑީޕީ ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޑީޕީގެ ސިޔާސީ ނިންމެވުންތައް ނިންމެވުމުގައި އެންމެ އިސް ފަރާތަކީ ނަޝީދު ކަމަށާއި ނަމަވެސް ރައީސް ސޯލިހު އެއްވެސް މިންވަރަކަށް ނަޝީދާ މަޝްވަރާނުކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ.

ދެ ރައީސުންގެ މެދުގައި މައްސަލަ ޖެހިގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިހާރު އޮތީ އޭގެ އެއްވެސް މައްސަލައެއް ހައްލު ނުކުރެވޭ ހިސާބުގައި ކަމަށް އިންތި ވިދާޅުވިއެވެ.

"ދެން ރައީސް ނަޝީދުއަކާ ރައީސުލްޖުމްހޫރިއްޔަކާ މިވަގުތު ދެން ކުރައްވާނެ މަޝްވަރާއެއް ކުރައްވައިގެން ހޯދޭނެ ވަކި ރަނގަޅެއް އޮންނާނަމޭ ހިއެއް ނުވޭ ނޫންތޯ. މިހާރު އެކަމުގެ ވަގުތު މާބޮޑަށް ގެއްލުނީ" އިންތި ވިދާޅުވިއެވެ.