ގޯލްޑަން ފުޓްސަލް ޗެލެންޖް

މިއީ ތާރީހީ އާ ޗެމްޕިއަނެއްގެ ފަހަރު، މިރޭ ފެށޭ ގަދަ ހަތަރެއްގެ ކުރިމަތިލުން މާބޮޑަށްވެސް ފޯރިގަދަވާނެ

މުޙައްމަދު ޝަމްޢޫން

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ތަފާތު ދައްކުވައިލައިފިއެވެ. ޓީމުތަކުން ފެންވަރުދައްކައިލައިފިއެވެ. އެއް އަހަރަށްވުރެ އަނެއް އަހަރު މުބާރާތުން ފެންނަ ވާދަވެރިކަންވެސް މިފަހަރު ސާބިތުވެއްޖެއެވެ. މެޗުތައް ފަސޭހަ ނުވާނެކަން އެނގިއްޖެއެވެ. "ހަމަ ބުނެލާފައި" ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރުން އެއީ މިހާރު ދެއްކެން އޮތް ވާހަކައެއް ނޫނެވެ. މިރޭ ކުޅޭ ސެމީ ފައިނަލްގެ ހަތަރު ޓީމަށް ނަޒަރު ހިންގާލުމުންވެސް އެކަން ސާފެވެ. ފެންނަނީ އެ މަންޒަރެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ސެމީގައި ވާދަކުރާ ޓީމުތައް

  • ރ. އިނގުރައިދޫ
  • ލ. ގަން
  • ގދ. ވާދޫ
  • ދ. ކުޑަހުވަދޫ

މިފަހަރުގެ ސެމީ މެޗުތަކަށް ނުކުންނަ ހަތަރު ޓީމަކީވެސް މިހާތަނަށް މުބާރާތުގެ ތަށީގައި އަތް ލެވިފައި ނުވާ ޓީމުތަކެވެ. އިނގުރައިދޫއާއި ވާދޫއަކީ މުޅިން އަލަށް މުބާރާތުގެ ސެމީގައި ވާދަކުރާ ދެޓީމެވެ. ކޮންމެ ޓީމަކުންވެސް ގޯލްޑަންގެ ހައިބަތު ބޮޑު ކަމަށް ދެކި، އެ މުބާރާތް ނަގަން ކުރާ މަސައްކަތް މިހާތަނަށް އައިއިރު ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް މުބާރާތެއްގައި ބައިވެރިވެލަން އެއްވެސް ޓީމަކުން މިހާރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރި ނުވާނެކަން ފެނިގެން ދަނީ ވާދަވެރި މާހައުލުންނެވެ.

މިހާތަނަށް ތަށި ނެގުމުގެ ޝަރަފު ހޯދު ޓީމުތައް

  • 2015 - ބ. ހިތާދޫ
  • 2016 - ތ. ތިމަރަފުށި
  • 2017 - ހެންވާރު
  • 2018 - މާފަންނު
  • 2019 - ތ. ތިމަރަފުށި
  • 2022 - ތ. ތިމަރަފުށި

ސެމީ ފައިނަލް 1: ރ. އިނގުރައިދޫ - ލ. ގަން (ގްރައުންޑް 1/ 20:15)

ވަރުގަދަ ކުރިމަތިލުމެއްކަން ޔަގީނެވެ. އަލީ ހާފިޒް (ހާއްޕެ)އާއި ހުސައިން ޝަރީފް (އޮންލީ)ގެ ކުރިމަތިލުމެކެވެ. ރާއްޖޭގެ ފުޓްސަލްގައި ލެޖެންޑުންގެ ޝަރަފު ހޯދާފައިވާ ދެތަރިންނެވެ. މަސައްކަތް ކުރަމުން އަންނަނީ ރަށުގެ ފަސްގަނޑަށް ގޯލްޑަން ފުޓްސަލްގެ ތަށި ގެންގޮސް، ރަށަކީ ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ކުރަމުން އަންނަ ރަށަކަށް ހެދުމަށެވެ.

ދެޓީމުގެ ކުޅުންތެރިންގެ އަޒުމުގައިވެސް ޓީމުގެ ލީޑަރަށް ތަށި ހޯދައިދޭން އޮތް އަޒުމު ވަރަށް ބޮޑެވެ. އިނގުރައިދޫގެ މުހައްމަދު މަމްދޫހާއި އަހުމަދު އައިހަމް (އައިހު) ފަދަ ކުޅުންތެރިންގެ ތަފާތު މިހާތަނަށް ފެނުނު އިރު، ގަމުން އަލީ ޝާމިސް (ތޮއްޕެ) އާއި ހުސައިން ނާޝިދު (ނާއްޓޯ) އަދި އަބްދުﷲ ޖުނައިދު (ޖޭނޭ) ފެންނަނީވެސް ތަފާތު ރޫހެއްގައެވެ.

ގަން ސެމީއަށް ނުކުންނަނީ ކުއާޓާގައި އެންމެފަހުން ދެފަހަރުގެ ޗެމްޕިއަން ތިމަރަފުށި ކަޓުވާލައިފައެވެ. އަނެއްކޮޅުން އިނގުރައިދޫ ނުކުންނަނީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ހދ. ނައިވާދޫ ބަލިކޮށްގެންނެވެ.

"ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ގޯލެއް ވަނުމުންވެސް ޓީމުގެ ހިތްވަރު އެލުވައިނުލައި މަސައްކަތް ކުރަން އިރުޝާދު ދިނިން. އަބަދުވެސް ހިތްވަރު އެލުވައިނުލައި މަސައްކަތް ކުރަން އަހަރެން އިރުޝާދު ދެނީ. ސެމީއަށް ޓީމު ތައްޔާރަށް އޮންނާނީ. ކުޑަކުޑަ އެންމެ އަނިޔާއެއް އުޅެނީ. ފުލުފުލުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ހުރި ނަމަވެސް ސެމީއަށް ހަމަ ފްރެޝްކޮށް ޓީމު ނުކުންނާނެ،" ގަމުގެ ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) ކުއާޓާ މެޗަށްފަހު، ސެމީއާ ދޭތެރޭ ބުންޏެވެ.

އަނެއްކޮޅުން އިނގުރައިދޫވެސް މިރޭގެ މެޗަށް ފުރިހަމައަށް ތައްޔާރެވެ. އައިހަމްގެ ނަޒަރުގައި އިނގުރައިދޫން ގަމަށް ސަމާލުވާނެއެވެ.

"ކުއާޓާއަށްވެސް ނުކުތީ ކުރީ މެޗަށްވުރެ ވަރުގަދަކޮށް. މިއީ ސެމީއަށް ދަތުރުކުރެވުނު ފުރުތަމަ ފަހަރު. އަބަދުވެސް މި މުބާރާތަށް ކުރަމުން އަންނަ އުންމީދަކީ ތަށީގައި އަތްލުން. އެކަމަށް ފިޔަވަޅެއް ގާތަށް ޖެހިލެވުމުން އުފާވޭ އަސްލު. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މިހާ ހިސާބަށް އާދެވުނީ."

"އަބަދުވެސް ނުކުންނާނީ އިދިކޮޅު ޓީމަށްވުރެ ދަށް ޓީމަކީ އަޅުގަނޑުމެންކަމަށް ބަލައިގެން. ޓީމު ސެމީއަށްވެސް ތައްޔާރު. ދެން ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެމެން ރަށުގެ ސަޕޯޓަރުން ވައްޓައެއް ނުލެވޭނެ. އެއީ އެހެން ލެވެލްއެއް،" އައިހަމް ބުންޏެވެ.

ސެމީ ފައިނަލް 2: ގދ. ވާދޫ - ދ. ކުޑަހުވަދޫ (ގްރައުންޑް 1/ 22:15)

ވާދޫއަކީ އެންމެ ނުރައްކާތެރި އެއް ޓީމަށް ވެއްޖެއެވެ. ހާއްސަކޮށް ނޮކްއައުޓްގައި އެޓީމުގެ ރޫހު ވަރަށް ބޮޑަށްވެސް ތަފާތެވެ. ކެޕްޓަން އަޔާޒް އަހުމަދު (އަޔާ)ގެ މަސައްކަތު ރޭޓާއެކު ވާދޫއަށް ދިރުން ގެނެސްދޭ އިރު، މުހައްމަދު އިޔާދު އަލީގެ ގޯލު ޖެހުމުގެ ރެކޯޑު ދެމެގެން ދިޔުމަކީ ވާދޫގެ ނުރައްކާ ބޮޑުވާ އެއް ސަބަބެވެ. ޓީމުގެ ކޯޗު އަލީ ނަދީމް (ކޮކޯ)ގެ ނަޒަރުގައި ވާދޫގެ ރޫހަކީ ޓީމުގެ އެކުވުމެވެ. ވާދޫން ކުއާޓާގައި ފަސޭހަކޮށް މާފަންނު ބަލިކުރި މެޗަށްފަހު އޭނާ ބުނީ ޓީމުގެ އަސްލު ފެންވަރު ފެންނަނީ ޓީމެއްގެ ގޮތުގައި ކުޅޭ ކުޅުމުން ކަމަށެވެ.

"އަޅުގަނޑުމެން ކުއާޓާއަށް ތައްޔާރުވީވެސް މާފަންނަކީ މާ މޮޅު ޓީމެއް ކަމަށް ބަލައިގެން. އެ މަސައްކަތް ފެނިގެން ދިޔައީ. ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ، ޓީމުގެ އެންމެ މޮޅު ކުޅުން އަބަދުވެސް ފެނިގެން ދާނެ. ދެން އޮންނާނީ ސެމީ. ސެމީގެ މެޗަށްފަހު އިތުރު ހަރުފަތަކަށް ވިސްނާނީ،" ކޮކޯ ބުންޏެވެ.

ކުޑަހުވަދޫ ޖެހިޖެހިގެން ދެވަނަ ފަހަރަށް ސެމީއަށް މިރޭ ނުކުންނަ އިރު، އެޓީމުގެ ފެންވަރާމެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތެވެ. ޖެހިޖެހިގެން ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ކުޅެލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކުޑަހުވަދޫން އެ އުނދަގޫ ދަތުރުގައި މިފަހަރު ބޭނުމީ ތަށްޓެވެ. މުޅި ރަށް އެދެމުން އަންނަނީވެސް އެ ތަށްޓަށެވެ.

"ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ކުރި ހިތްވަރުން މެޗު މި ނެގުނީ. ހުރިހާ ޓީމެއްވެސް ވަރަށް ޓަފް. ޑިސިޕްލިންނާއެކު މަސައްކަތް ކުރުން އޮންނާނީ. ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް. އިންޝާﷲ ގަދަ އަޅައި މަސައްކަތް ކުރުމުން ކާމިޔާބުވާނެ. ޓީމުގެ ހިތްވަރަކީ ސަޕޯޓަރުން. އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ކިޔަން ބޭނުންވޭ ކައުންސިލާއި ރަށުގެ ހުރިހާ ރައްޔިތުންނަށް. ތިގޮތުގައި ތިއްބަވާ، އިންޝާﷲ ކާމިޔާބުވާނެ.،" ކުޑަހުވަދޫގެ އެސިސްޓެންޓް ކޯޗު، މުހައްމަދު ޔަމާން ކުއާޓާ މެޗަށްފަހު ބުންޏެވެ.