ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑޭޓަކީ، އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައި ކަމަށާއި، ދެން އިތުރު ކެންޑިޑޭޓެއް، ޕީޕީއެމްގެ ފަރާތުން ނުދައްކާނެ ކަމަށާއި، އެކަމަށް އެއްވެސް ބޭފުޅަކު އުއްމީދުވެސް ކޮށްގެން ނުވާނެކަމަށް ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕުގެ މެންބަރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު މިހެން ވިދާޅުވީ، މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރުވެސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ރައީސް ޔާމީން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުމުގެ ސަބަބުން، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޮތް ޝަރުތު ހަމަނުވެ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވިއްޖެނަމަ، ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ހަމަޖައްސަން ޖެހޭކަމަށް ވާހަކަ ދެކެވުމުން އަންނަ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި، ރިޔާސީ ރޭހަށް ރައީސް ޔާމީނަށް ނުނިކުމެވިއްޖެ ހާލަތެއްގައި، އެކަމަށް ކުރިމަތިލުމަށް ބަލަބަލައި ތިއްބެވި ޕީޕީއެމްގެ ލީޑާޝިޕް މެންބަރުންނަށް އަމާޒު ކުރައްވައި ތޯރިގު ވިދާޅުވީ، "ރިޔާސީ އިންތިހާބަށް ދެން އިތުރު ކެންޑިޑޭޓެއް ޕީޕީއެމްގެ ފަރާތުން ނުދައްކާނެ، އެކަމަށް އެއްވެސް ބޭފުޅަކު އުއްމީދުވެސް ކޮށްގެން ނުވާނެ،" ކަމަށެވެ.

ތޯރިގު ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތި ވުމުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް، 11 އަހަރުގެ ޖަލު ހުކުމެއްކުރި މައްސަލަ އަދި ނަގާނެ ކަމަށެވެ.

"ޖަލު ހުކުމަށް މިހާރު އަމަލު ކުރަމުންދާއިރު ގާނޫނުގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކަށް ލިބިދޭ އިންތިހާބީ ހައްގުތަކާއި އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމަށް ކަނޑައެޅީމާ ގެންގޮސް ޖަލަށްލި މައްސަލަ އަޅުގަނޑުމެން ސުޕްރީމްކޯޓާ ހިސާބަށް ގެންދާނަން،" ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާމެދު ހިޔާލުތަފާތު އުފެދިއްޖެނަމަ، އެކަމުގެ ފަހުބަސް ބުނުން އޮތީ ސުޕްރީމްކޯޓުން ކަމަށް، ރިޔާސީ އިންތިހާބާބެހޭ ގާނޫނާއި ގާނޫނުއަސާސީ ބުނާއިރު، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ. "އެއީ މިތާ ތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ނުވަތަ ނޫސްވެރިންނަށް ނުވަތަ ސަރުކާރަށް، ނުނީ އިންޑިއާއަށް ކަނޑައެޅޭނެ ކަމެއްނޫން، އެކަމަށް ގޮތެއް ކަނޑައަޅަން ޖެހޭނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން،" ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބަށް އިތުރު ގޮތެއް ކަނޑައެއް ނާޅާނެ، ކަމަށާއި، "ރައީސް ޔާމީންގެ ނަންފުޅު އެއޮތީ ކެންޑިޑޭޓުގެ ގޮތުގައި ހުށަހަޅާފަ، އަދި އެ ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީމާ އަޅުގަނޑުމެން ހުށަހަޅާނަން،" ކަމަށްވެސް ވިދާޅުވިއެވެ.