ސްޕެނިޝް ލަލީގާގެ މެޗުތަކުގެ ނިންމުންތައް ބަދަލުކުރުމަށް ނުފޫޒު ފޯރުވައި، ރެފްރީން ގަތުމަށް ބާސެލޯނާއިން ހަރަދުކުރި ކަމަށް ބުނާ މައްސަލައިގައި ފިޔަވަޅަން ތާއިދުކޮށް ރެއާލް މެޑްރިޑުން ހާއްސަ ބަޔާނެއް ނެރެފިއެވެ.
ބާސާއިން ރެފްރީންނަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގުމަށް 2001 އިން 2018 ވަނަ އަހަރާ ހަމައަށް ލަލީގާގެ ޓެކްނިކަލް އާބިޓްރަލް ކޮމިޓީގެ ކުރީގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރޭރާއަށް 7.4 މިލިއަން ޑޮލަރު ދިން ކަމަށް ބުނާ މައުލޫމާތުތަކެއް މިދިޔަ މަސް ތެރޭގައި މީޑިއާތަކަށް ލީކުވެފައިވެއެވެ.
ލީކުވި މައުލޫމާތުތަކުގައި ވާގޮތުން، ބާސާއިން ވަނީ އެތައް ފަހަރެއްގެ މަތިން ނެގްރޭރާ އަށާއި އޭނާ ހިއްސާވާ ކުންފުންޏަކަށް ފައިސާ ޖަމާކޮށްފައެވެ.
ބާސެލޯނާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބާސާގެ މައްޗަށާއި ކްލަބުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯސެފް ބާޓޮމޭއޫ އަދި ސަންޑްރޯ ރޮސެލްގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ ފައިސާގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަންގެ އަމަލު ހިންގުމުގެ އިތުރުން ވިޔަފާރީގެ މައުލޫމާތުތައް އޮޅުވައިލައިފައިވާކަމަށް ބުނެއެވެ.
ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނީ ބާސާއިން ނެގްރޭރާއާ ދެމެދު ސިއްރު އެތައް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށާއި ނެގްރޭރާ އޭރު ހުރި މަގާމުގެ ނުފޫޒުން ބާސާއަށް ރެފްރީގެ ފަރާތުން މަންފާ ހޯދަން މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
އެކަން ދޮގުކޮށް ބާސާގެ މިހާރު ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެފައި ވަނީ "ބާސާއަކީ ބަޔަކު ހިންގާ ކެމްޕޭނެއްގައި ބޭނުންކުރަމުންދާ ހަތިޔާރެއް،" ކަމަށާއި ކްލަބުގެ އަގު ވައްޓާލުމަށް ހިންގަމުންދާ ކަންތައް ހަމަޔަކަށް އެޅެންދެން ސަޕޯޓަރުން ކެތްތެރިވެ ތިބުމަށެވެ.
އެ މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް ރެއާލްއިން އިއްޔެ ހާއްސަ ބައްދަލުމެއް ބާއްވާފައިވާ އިރު، އެ ކްލަބުން ބުނީ ބާސާއިން އުސޫލުތައް މުގުރާލުމަށް ކޮށްފައިވާ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، ލީގުގެ ކަންކަން އިންސާފުން ހިންގުމަށް ގާނޫނީ ގޮތުން ރެއާލްއިން ބަހެއް ބުނަން ބޭނުންވެއްޖެނަމަ، އެކަމަށްވެސް ފަސް ނުޖެހޭނެ ކަމަށެވެ.
މައްސަލަ ބެލުމުގައި، ބާސާގެ އަމަލުތަކުގެ ސަބަބުން ގެއްލުންތައް ފޯރި ފަރާތްތައް މައުލޫމާތު ހިއްސާކުރަން ފަނޑިޔާރުން އެދިއްޖެނަމަ، ރެއާލްއިން ކޯޓަށް ދާންވެސް އެ ކްލަބުން ވަނީ ނިންމާފައެވެ.