ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސް ފާރިސް މައުމޫންއާ ބައްދަލުކުރައްވައިފިއެވެ.

ފާރިސް އާއި ގާސިމް ބައްދަލުކުރައްވާފައިވަނީ މިއަދު ސަން އައިލެންޑް ރިސޯޓުގައެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު މިރޭ "ވަން" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެބައްދަލުވުމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

"އެ ބައްދަލުވުމުގައި މަޝްވަރާކުރީ މި ދުވަސްވަރުގެ ޕޮލިޓިކަލް އެރީނާއާ ބެހޭ ގޮތުން މައިގަނޑު ގޮތެއްގައި. ވަކި ކަމެއްގައި ބައްދަލުވުން ބާއްވައި މަޝްވަރާކުރެއްވި ކަމަށް އަދި ނެތް ދެންނެވެން،" އަލީ ސޯލިހު ވިދާޅުވިއެވެ

ގާސިމް، ފާރިސްއާ ބައްދަލުކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރު ޖުމްހޫރީ ޕާޓީގެ ކައުންސިލުން ގާސިމަށް ދީފައި ވަނިކޮށެވެ. ގާސިމް ވަނީ މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފައެވެ.

އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިރު، ޖުމްހޫރީ ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އެ ކޯލިޝަންގައި ދެން ހިމެނެނީ އެމްއާރްއެމް އަދި އަދާލަތު ޕާޓީއެވެ. ގާސިމް ވަނީ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާ ވެސް ބައްދަލުކުރައްވައިފައެވެ.

އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައިވާ އިރު، އެމްއާރްއެމުން އަދި ވަކި ގޮތެއް ނުނިންމައެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނިންމާފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ.