ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ މުސްތަގުބަލު، މިރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބަޔާން މިއުނިކާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގެ ނަތީޖާއަށް ބަރޯސާ ނުވާނެ ކަމަށް އޭނާ ބުނެފިއެވެ.
މިރޭ ޖަރުމަނުގައި ބަޔާންއާއި ޕީއެސްޖީ ކުޅޭ މެޗަށް ދެޓީމުން ނުކުންނަ އިރު، ފުރަތަމަ ލެގުގައި ޕެރިސްގައި ބަޔާނުން ވަނީ 1-0 އިން ޕީއެސްޖީ ބަލިކޮށްފައެވެ. ޕީއެސްޖީގެ ތާރީހުގައި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ އިރު، މިރޭ ނަތީޖާ އަނބުރާނުލެވިއްޖެ ނަމަ، ތަށީގެ އިންތިޒާރަށް ނިމުމެއް ގެންނަން އަނެއްކާވެސް އިތުރު ސީޒަނަށް އިންތިޒާރުކުރަން ޖެހޭނެއެވެ.
"ޕީއެސްޖީއަށް އެއްވެސް އިހުތިރާމެއް ނުދީ، ޗެމްޕިއަންސް ލީގުގެ ނަތީޖާއަށް އަހަރެން މި ކްލަބުގައި މަޑުކޮށްގެން ހުރިނަމަ، އަހަރެން ވަރަށް ކުރިން ދާނެ. މި މެޗުގެ ނަތީޖާއަށް އަހަރެން މި ކްލަބުގައި މަޑުކުރުން ބިނާވާތަނެއް އަހަންނަކަށް ނުފެނޭ. އަހަރެން ޕީއެސްޖީގައި މިހުރީ ވަރަށް އުފަލުން. އަހަންނަށް މިވަގުތު މުހިއްމީ ޕީއެސްޖީއާއެކު ކާމިޔާބު ހޯދުން،" މިދިޔަ ސީޒަނަށްފަހު ރެއާލް މެޑްރިޑަށް ދިޔުމާ ގާތަށް ޖެހިލި އެމްބާޕޭ ބުންޏެވެ.
އުމުރުން 24 އަހަރުގެ އެންބާޕޭ، މިދިޔަ ހަފުތާ ތެރޭގައި ޕީއެސްޖީގެ ރެކޯޑު ގޯލު ޖެހުންތެރިޔާއަށްވެފައިވާ އިރު، އޭނާ ވަނީ އެ ކްލަބުގެ ޖާޒީގައި 201 ގޯލު ޖަހައިފައެވެ. އެ ތާރީހީ ރެކޯޑާއެކުވެސް އެމްބާޕޭ ބުނީ ޕީއެސްޖީގައި މަޑުކުރުމަށް ވިސްނާ ކަމަށެވެ. އަދި އެ ކްލަބާއެކު ބެލޮންޑިއޯއަކާ ހަމައަށް ދާންވެސް ވިސްނާ ކަމަށް އެމްބާޕޭ ބުންޏެވެ.
މިރޭގެ މެޗާ ގުޅިގެން އެމްބާޕޭ އިތުރަށް ބުނީ މެޗު އުނދަގޫވާނެ ނަމަވެސް ކާމިޔާބު ކުރެވޭނެ ކަމަށާއި، ނަތީޖާ އަނބުރާލުމަށް ޓީމު އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ޕީއެސްޖީން މިރޭ ބަޔާންއާ ދެކޮޅަށް ނުކުންނާނީ އެޓީމުގެ ބްރެޒިލް ތަރި ނޭމާއާ ނުލައެވެ. ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ސާޖިރީއަކަށް ދާން ޖެހުމާއެކު މިހާރު ވަނީ ސީޒަން އެއްކޮށް ގެއްލޭނެކަން ޔަގީންވެފައެވެ.