Close
ޚަބަރު

ދެ ރައީސުން ތިބި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ގާނޫނީ ސުވާލު އުފެދިފައިވާ ކަމަށް ބުނެ އެކަމުގައި ގޮތެއް ނިންމުމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފިއެވެ.

މިއީ ހުސްވި ފެބްރުއަރީމަހުގެ 27 ގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ. މިއީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ ފަހަރެވެ. މި ކަމާ ގުޅިގެން މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް ބަލައިނުގަނެ ވަނީ ބޭރު ކޮށްލައިފައެވެ.

އިދިކޮޅުން މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަހުމަދު ސިއްދީގު ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ، މިއަދު 13:35 ގައި ބޭރުކޮށްލާފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް ހެއްދެވުމަށް، އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެއެވެ.

ފެބްރުއަރީ 25، 2022، ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ނައިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނައިބު ރައީސަށް ރައީސްކަމުގެ ހުވައި ލައިދެއްވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

ނައިބު ރައީސާ ރައީސްކަމުގެ ޒިންމާތައް ހަވާލުކުރެއްވުމަށްފަހު ރައީސް ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގައެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ، ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެއެވެ.

އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅައިފައެވެ.