ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ހައި ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ބަލައިގަތުން ލަސްވުމުން އިދިކޮޅު ކޯލިޝަނުން އެ ކޯޓަށް މިއަދުވެސް ހިނގައްޖެ އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އިސްތިއުނާފަށް ހުށަހެޅިތާ މިހާރު ވަނީ ދެ ހަފުތާ ވާން ކައިރިވެފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން ގޮތެއް އަދި ނުނިންމަ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިން ހައިކޯޓަށް އިއްޔެ ވަޑައިގަތުމުންވެސް އެ ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުވެފައެއް ނުވެއެވެ. އެހެންވެ އެ ކޯލިޝަންގެ އިސްވެރިން ވަނީ މިއަދުވެސް އެ ކޯޓަށް ވަޑައިގެންފައެވެ. ހައި ކޯޓަށް މިއަދު ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދުވެސް ރަޖިސްޓްރާއާ ބައްދަލުނުވި ކަމަށެވެ.

"ރަޖިސްޓްރާ ވިދާޅުވިކަމަށް ވަނީ ބައްދަލު ނުކުރައްވާނެ ކަމަށް، ނަމަވެސް ދެން އޮންނަ އުސޫލުގެ ތެރެއިން މިކަމަށް ގޮތެއް ނިންމައި އަންގާނެ ކަމަށް" އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޔާމީންގެ މައްސަލަ ލަސްކުރަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. ޔާމީނަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތާއީދު ބޮޑު ލީޑަރުކަމަށްވެސް ވިދާޅުވިއެވެ.

ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އާރަށް މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.

އާރަށް މައްސަލައިގައި ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވާ އިރު، ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުން މިހާރު ވަނީ ފަށައިފައެވެ.