ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ އެ ދާއިރާގެ ޓިކެޓަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:30 އާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި ޕްރައިމަރީގެ އިންތިހާބު ބާއްވާނީ ހުކުރު ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޯލިޝަންގެ ލިޑާޝިޕުން ވަނީ މިފަހުން ގުރައިދުއަށް ގޮސްފައެވެ. އެ ދަތުރަށްފަހު ވަނީ އެ ދާއިރާގެ ގޮނޑިއަށް ވާދަކުރުމާ މެދު މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކަށްފަހު އެ ދާއިރާއަށް އިދިކޮޅުގެ ފަރާތުން ކެންޑިޑޭޓެއް ނެރޭނެ ގޮތަކާމެދު ސްޓިއަރިން ކޮމިޓީގެ ލަފާތައް ވަނީ ސެނެޓަށް އަންގައިފައެވެ. ސެނެޓުން ނިންމާފައި ވަނީ ޕްރައިމަރީއަކަށް ގޮސްގެން ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހަރާވުމާ ގުޅިގެންނެވެ. ރިޒާ ވަނީ ގުރައިދޫ ދާއިރާގެ މެމްބަރުންކަން 14 އަހަރުވަންދެން ކުރައްވައިފައެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.