އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތް ގޯލު ޖަހައިފިއެވެ.
އެންފީލްޑްގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ޖެހި ހަތް ގޯލުގެ ތެރެއިން ހަ ގޯލު ޖެހީ ދެވަނަ ހާފުގައެވެ. މިރޭގެ ނަތީޖާއަކީ ލިވަޕޫލުން ޔުނައިޓެޑް ކައިރިން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި ޕްރިމިއާ ލީގުގެ އާ އެރާގައި ޔުނައިޓެޑަށް ކުރިމަތިވި އެންމެ ބޮޑު ބަލިވެސް މެއެވެ.
މީގެ ކުރިން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑަށް އެންމެ ބޮޑު ބައްޔަކަށްވެފައި އޮތީވެސް 7-0 ގެ ބައްޔެކެވެ. ތިން ފަހަރަކަށް ޔުނައިޓެޑުން ހަތް ގޯލުގެ ތަފާތަކުން ބަލިވެފައި އޮތް އިރު، މިރޭގެ މެޗުގެ ކުރިން އެޓީމުން އެހާ ފަރަގު ބޮޑުކޮށް ބަލިވީ 1931 ވަނަ އަހަރު ވުލްވްސް ކައިރިންނެވެ. އޭގެ ކުރިން ޔުނައިޓެޑް ހަތް ގޯލުގެ ތަފާތުން ބަލިވެފައި އޮތީ 1930 ވަނަ އަހަރު އެސްޓޮން ވިލާ ކައިރިން އަދި 1926 ވަނަ އަހަރު ބްލެކްބާން ރޯވާސް ކައިރިން އެކަންޏެވެ.
ޔުނައިޓެޑުން ކޯޗު އެރިކް ޓެން ހާގާއެކު މިދިޔަ ހަފުތާގައި ލީގު ކަޕް އުފުލާލައި، ރަނގަޅު ފޯމެއްގައި މިރޭގެ މެޗަށް ނުކުންނާނެ ކަމަށް ގިނަ ބަޔަކަށް ބެލެވުނު ނަމަވެސް، ލިވަޕޫލް ފެނުނީ މާ ބޮޑަށްވެސް ރަނގަޅު ފޯމެއްގައެވެ. ފުރަތަމަ ހާފު ނިމުނު އިރު، ކޯޑީ ގަކްޕޯގެ ހިތްގައިމު ގޯލަކާއެކު ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. އަދި ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޑާވިން ނުނޭޒް ވަނީ ލިވަޕޫލަށް ނަތީޖާ ފުޅާކޮށްދީފައެވެ.
އެއަށްފަހު ލިވަޕޫލުން ފުލުފުލުގައި ގޯލުތައް ޖެހި އިރު، މުހައްމަދު ސަލާހް ވަނީ ދެ ގޯލު ޖަހައި ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. ލިވަޕޫލް ޖާޒީގައި ސަލާހް ވަނީ ޕްރިމިއާ ލީގުގައި 129 ގޯލު ޖަހައިފައެވެ. ކުރިން އެ ރެކޯޑު އޮތީ ޕްރިމިއާ ލީގުގައި 128 ގޯލު ޖަހައިދީފައިވާ ލިވަޕޫލްގެ ލެޖެންޑް ރޮބީ ފައުލާ އަތުގައެވެ. ސަލާހް ހަމައެކަނި ޔުނައިޓެޑް ކޮޅަށްވެސް ލިވަޕޫލް ޖާޒީގައި 11 ގޯލު ޖަހައިފައިވެއެވެ.
ދެވަނަ ހާފުގައި ނުނޭޒާއި ގަކްޕޯގެ އިތުރު ގޯލުތައް ފެނިފައިވާ އިރު، ބަދަލަކަށް ނުކުތް ރޮބާޓޯ ފިރްމީނޯވެސް ވަނީ މެޗުގައި ގޯލު ޖަހައިފައެވެ. ފިރްމީނޯއަށް މިރޭ ހާއްސަވެގެން ގޮސްފައިވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން މިދިޔަ ހަފުތާ ތެރޭގައި އޭނާ އިއުލާންކޮށްފައި އޮތުމާއެކުގައެވެ. ފިރްމީނޯގެ ގޯލު ވެގެން ދިޔައީ އުފާވެރިކަމުގެ ރެއެއްގައި ސަޕޯޓަރުން ހިތްހަމަޖެހިގެންދިޔަ އިތުރު ސަބަބަކަށެވެ.
މެޗުން މޮޅުވެ ލިވަޕޫލް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. އެއީ 25 މެޗުން 42 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށް 26 މެޗުން 45 ޕޮއިންޓް ލިބިފައި އޮތް އިރު، ޔުނައިޓެޑް ތިންވަނައިގައި އޮތީ 25 މެޗުން 49 ޕޮއިންޓާ އެކުގައެވެ.