މޫސުމީ ބަދަލުތަކުން ރާއްކާތެރިވެވޭނެ ވަރަށް ރާއްޖޭގައި ފައިސާ ނެތް ކަމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ތަރައްގީވެފައިވާ ގައުމުތަކުން ކުދި ގައުމުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޖެނެރަލް ޑީބޭޓް އޮފް ދަ ފިފްތު ޔޫނައިޓެޑް ނޭޝަންސް (ޔޫއެން) ކޮންފަރެންސް އޮން ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް (އެލްޑީސީ) ގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ވަރަށް ފައިސާއާއި އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތް ނެތް ކަމަށާއި އެހެންކަމުން ތަރައްގީވެފައިވާ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް ކުދި ގައުމުތަކަށް އެހީވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަތަކު މޫސުމީ ބަދަލުތަކުން ރައްކާތެރިވެވޭ ވަރަށް ހަރަދުކުރާނެ ފައިސާއެއް ނެތް. ތަރައްގީވެފައިވާ ދުނިޔެއަށް އަޅުގަނޑުމެން މި ގޮވާލަނީ މިހާރަށްވުރެ ބޮޑަށް މިކަމުގައި މަސައްކަތް ކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތަރައްގީވެފައިވާ ގައުމުތަކުން ކޮޕް 27 ސަމިޓުގައި އެއްބަސްވި ގޮތަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ ކަލެކްޓިވް ފައިނޭންސިން ހާސިލުކުރުމުގެ ވާޖިބުތައް އަދާކުރުމަށާއި، އެ ސަމިޓުގައި އެއްބަސްވި ގޮތަށް "ލޮސް އެންޑް ޑެމޭޖު ފަންޑު" ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރަން ގޮވާލައްވައިފައެވެ.

ރާއްޖެއަށް 2004 ވަނަ އަހަރު ސުނާމީ އެރުމުގެ ސަބަބުން އެތަކެއް ބަޔަކު މަރުވެ، އިގުތިސޯދީ ގޮތުން ހީވެސް ނުކުރާވަރުގެ ގެއްލުން ލިބިގެން ދިޔަ ކަމަށާއި ސުނާމީގެ ސަބަބުން ރާއްޖޭގެ އޭރުގެ ޖީޑީޕީގެ 60 ޕަސަންޓް ގެއްލުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުންވެސް ރާއްޖޭގެ އިގުތިސޯދަށް ގޮންޖެހުންތަކެއް ދިމާވި ކަމަށާއި ސަރުކާރުން އޭރުވެސް ގެންދިޔައީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށް ހަރަދުކޮށް އިގުތިސޯދު ބިނާކުރަމުން ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީއަށް އެންމެ މުހިންމުވަނީ އެ ގައުމެއްގެ ހަމަޖެހުމާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި އިގުތިސޯދު ޑައިވާސިފައިކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ނުކޮށްފިނަމަ ރާއްޖޭގެ ތަރައްގީ އެތަކެއް އަހަރު ފަހަތަށް ހިނގައިދާނެކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.