ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެވޭނެ ވަރުގެ ކެންޑިޑޭޓެއް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނެތްކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ޗަމްޕާ ހޮޓެލްގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި އެ ޕާޓީން ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ފާސްކޮށްފައެވެ.

ރާއްޖޭ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފު ރޭ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު އެމްޑީއޭއަށް ކުރިއެރުން ލިބެން އޮތީ އެމްޑީޕީއާއެކު ކުރިއަށް ގެންގޮސް ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި ކޯލިޝަން ހަދާފައިވަނީ ވެރިކަންތަކާ ދެކޮޅަށް ކަމަށާއި މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި މުޅިންއަލަށް ވެރިކަމެއް ދަމަހައްޓަން ކޯލިޝަނެއް ހެދި ފަހަރުކަމަށް މައުރޫފު ވިދާޅުވިއެވެ.

"އެމަނިކުފާނާ (ރައީސް ސޯލިހު)އާ ބެހޭ ގޮތުން ވާހަކަ ދައްކަންޏާ ގަޑިއެއްގެ އިރުވިޔަސް ނުނިމޭނެ. އެ މަނިކުފާނުގެ ދީނީ ސިޔާސަތުތަކާ އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތާ، އެ މަނިކުފާނުގެ އިގްތިސޯދީ ސިޔާސަތާ. މި ހުރިހާ ސިޔާސަތުގެ މައްޗަށް އަލިއަޅުވައިލައި އަޅުގަނޑުމެންނަށް ފެނިގެނެއް ނުދޭ މިއަދަކު އެއްވެސް ކެންޑިޑޭޓެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެއްވޭ ވަރުގެ" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ އެމްޑީއޭގެ އަމާޒަކީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައިދީ ރާއްޖެ ދަރަނި ދަންތުރައިން ސަލާމަތްކޮށް އިގްތިސޯދު ދެގުނަ ކުރުން ކަަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ވެގެންދާނީ މީގެ ކުރިން ނުދެކޭފަދަ އިގްތިސޯދީ ގޮތުން އެތަކެއް ކުރިއެރުން ހޯދާ ފަސް އަހަރަށް ކަމަށެވެ.

ރައީސް ސޯލިހަކީ ކޯލިޝަން ސަރުކާރެއް އުފައްދައި އެ ކޯލިޝަން ދެމެހެއްޓި ބޭފުޅެއް ކަމަށް މައުރޫފު ވިދާޅުވިއެވެ. އެމްޑީޕީއާއެކު ހަދާ ކޯލިޝަންގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޯލިޝަނަށް ބުރޫ އަރާ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. ދިވެހިރާއްޖޭގެ ވެރިކަން ނުވަތަ 2023 ގެ އިންތިހާބު ކާމިޔާބުކުރުމަށްޓަކާ ކުރަންޖެހުނު ހުރިހާކަމެއް އަޅުގަނޑުމެން ކުރާނަން. އެކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ނުކުރާނަން" މައުރޫފު ވިދާޅުވިއެވެ.

2013 ވަނަ އަހަރު ޕީޕީއެމްއާއެކު ހެދި ކޯލިޝަނާ ގުޅޭގޮތުން މައުރޫފު ވިދާޅުވީ އެއިރުގެ ރައީސް އަބްދުﷲ ޔާމީންއަކީ ކޯލިޝަން ގަބޫލުނުކުރައްވާ ބޭފުޅަކަށްވުމުން ކުރިއަށް ދިޔުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ. މީގެ އިތުރުން މައުރޫފު ވިދާޅުވީ ޔާމީންގެ އަނިކަނބަލުން އެއިރުގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ ދައުރު ސަރުކާރާއި ޕީޕީއެމް ތެރޭގައި ވަރަށް ބޮޑު ވެގެން ދިޔަ ކަމަށާއި އެއީ ގަބޫލުކުރާކަމެއް ނޫންކަމަށް މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ރައީސް ސޯލިހަށް ކޯލިޝަނާއެކު ކުރިއަށް ދެވުނު ނަމަވެސް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ ކޯލިޝަން ގަބޫލު ނުކުރައްވާ ބޭފުޅަކަށްވުމުން އެ ބޭފުޅާއެކުވެސް ކޯލިޝަން ހެދުމަށް ދަތިވާނެ ކަމަށެވެ.