އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެމްޑީޕީ ދެމިނޯންނާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ވެސް ރައީސް ނަޝީދެވެ.

ނަޝީދަށް ތައުރީފުކުރައްވަމުން ގާސިމް ވިދާޅުވީ ވިލާ ކޮލެޖު އުފެއްދުމަށް މަގުފަހިވެގެންދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ. އޭރު 35 އަހަރަށް ވިލާ ކޮލެޖުގެ އިމާރާތް ކުއްޔަށް ދިން ނަމަވެސް، މި ސަރުކާރުން އެ މުއްދަތު އިތުރުކޮށްދީފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ވިލާ ކޮލެޖު އުފެދިގެން އައީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެންމެ 35 އަހަރަށް. މިހާރު އެތައް ސަތޭކަ މިލިއަންގެ ހަރަދު ކުރެވި، އެތައް ހާސް ކުދިންނަކަށް ޕީއެޗްޑީ ކިޔަވައިދިނުމަށް ތައްޔާރުވެގެންދާ އިރު، ވާ އެއްވެސް ކަމެއް. މުއްދަތު ވެސް އިތުރެއް ނުވޭ، ކަމެއް ކުރެވޭނެ ގޮތެއް ވެސް އަދި އިތުރަށް ހިނގައިގަނެވޭނެ ގޮތެއް ވެސް ނެތިފައި މިތިބީ. މަނިކުފާނު (ރައީސް ނަޝީދު) އަޅައިދެއްވި ބިންގަލަށް މަނިކުފާނަށް ވަރަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިބްރާހިމް އިސްމާއިލް (އިބުރާ)ގެ މަންދު ކޮލެޖު ވެސް އޮތީ ދަންތުރައެއްގައި ޖެހިފައި ކަމަށާއި ތައުލީމަށްޓަކައި ކުރާ އެފަދަ މަސައްކަތްތަކަށް ސަރުކާރަށް ސަޕޯޓު ނުދެވޭ ކަމަށެވެ. ނަމަވެސް އެއީ ހުއްޓައިލެވޭނެ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީހުންގެ ހައްގުތައް އަތުން ބީވެގެންދާ އިރު، ސަރުކާރަށް ޑެސިޝަން ނުނެގޭ ކަމަށްވަންޏާ، އެކަންކަން ފުއްދައިނުދެވޭ ކަމަށްވަންޏާ، އެ ކޯޓުން މި ކޯޓުން ގާ ނަގައިގެން މިއީ ކުރަންޖެހޭނެ ކަމެއްތޯ. ސަރުކާރަށް ސާބިތުވަންޏާ، އެކަން ބެލުމަށްފަހު ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުގައި ދީފައިވާނެ. އެހެންވީމާ ކެރިގެން، ޑިޓާމިނޭޝަނާއެކު މަސައްކަތްކުރުމުގެ ގޮތް ކޮންމެ ވެރިކަމެއްގައި ވެސް ހުންނަން ޖެހޭނެ. އެއީ މަނިކުފާނަށް (ރައީސް ނަޝީދު) އަޅުގަނޑު ސަޕޯޓުކުރާ ވަރަށް ފުރިހަމަ އެއް ސިފަ،" އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭރު ވެރިކަން ވެއްޓުނީ ތަޖުރިބާގެ މައްސަލައަކުން، ހެއްދެވުނު ގޯހަކުން ކަމަށާއި މިހާރު އެކަންކަން ރަނގަޅުވެފައި އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން ފަހުރުވެރިކަމާއެކު މި ބުނާ އެމްޑީޕީ، އެމްޑީޕީ މަނިކުފާނާ ނުލައެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން. އެމްޑީޕީ އުފެއްދުމުގައި އަޅުގަނޑުވެސް ހިމެނޭ. އޭގައި އެންމެ ބޮޑު ރިސްކު ނަގައިގެން، އެންމެ ބޮޑު މަސައްކަތްކުރި އެކަކު އަޅުގަނޑަކީ. އަޅުގަނޑާއި މަނިކުފާނާ އެއްކޮޅަށް އަރައި، މި ހުރިހާ ކަމެއް ކުރިނަމަ، މި ހުރިހާ ކަމެއް ނިމި ގޮސްފައި އޮންނާނީ. ބައެއް މީހުން ބުނެ އުޅޭ ޕޮލިޓިކްސްގައި އޮންނަނީ ކޮންމެހެން ޓްރަސްޓެއް ނޫނޭ، އިންޓަރަސްޓޭ. އޮފްކޯސް، އިންސާނުން ވެއްޖެއްޔާ އިންޓަރަސްޓް އޮންނާނެ. ކިތަންމެ ރަނގަޅު މީހެއް ކަމަށްވިޔަސް، އިންޓަރަސްޓް އޮންނާނެ. ނަމަވެސް ޓްރަސްޓާ ނުލައެއް ވެސް އަޅުގަނޑުމެންނަށް ދުނިޔޭގައި ނޫޅެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ޓުވިޓާގައި ދެއްކެވި ވާހަކައަކަށް ވެސް ގާސިމް ވަނީ ރައްދުދެއްވައިފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދުކޮށް، ފައްޔާޒްގެ ބޭބެ، އިބުރާ ދެއްކެވި ވާހަކައަކަށް ރައްދުދެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ފައްޔާޒް ކުރެއްވި ޓުވީޓެކެވެ. އިބުރާއަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވެފައިވަނީ ދުވަސްވެފައިވުމުން އަދި ވިސްނުން ކޮށީ ކަމަށާއި ނޫނީ ހިތުގައި އޮތް ނަފުރަތު މާ ބޮޑީ ކަމަށެވެ.

"ޝަރީއަތްތައް ލަސްވެގެން ދިއުމަކީ އިންސާފު ނުލިބުން. މަނިކުފާނުގެ ކަންތައްތައް ނިމިދިޔަތޯ ކޯޓުތެރޭ؟، ކާކުތީ އިނގިލި އަޅުއްވައިގެން އިންނެވީ؟، ކޮން ބޭފުޅެއްތޯ؟. ދެން މިހެން ބުނީމަ ހިތަށް އަރައިފާނެ އަޅުގަނޑު އެއްޗެއް ކިޔަނީއޭ. ދެން ބައެއް ބޭފުޅުން އެބަފެނޭ ޓުވީޓުގައި، ތިމަންނާމެންނާ ޖައްސާލައިގެން މުސްކުޅިވީމާ ވާހަކަދައްކަނީއޭ. ބަލަ މުސްކުޅިވާ ދުވަހުއޭ އެ ވާހަކަ ދައްކަން ޖެހޭނީ. އަޅުގަނޑު މި ވާހަކަ މި ދައްކަނީ އެއްވެސް މީހަކާ ދިމާކުރުމުގެ ނިޔަތެއްގައެއް ނޫން. އެހެންނަމަވެސް އަހުވަންތަކަމާއި އެއްބަނޑު އެއްބަފާކަމާއި، މި އެއްޗެހި ދެމިހުންނާނެ،" ފައްޔާޒްގެ ނަން ވިދާޅުނުވެ، ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ހުރިހާ ރައީސުންނަށް ތައުރީފުގެ ބަސްތައް ރައްދުކުރެއްވި ނަމަވެސް، ރައީސް ސޯލިހަށް ތައުރީފުގެ ބަސްތައް ރައްދުނުކުރައްވާ ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް އެއްވެސް އިރަކު ރައީސް ސޯލިހު ގޯހެކޭ ނުދަންނަވާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވާ އަޑު އިވޭ، އަޅުގަނޑު ދައްކައިފިން ރައީސް މައުމޫންގެ ރަނގަޅު ވާހަކަ. އަޅުގަނޑު ދައްކައިފިން ރައީސް މުހައްމަދު ނަޝީދުގެ ވެސް ރަނގަޅު ވާހަކަ. އަޅުގަނޑު ދައްކައިފިން ޔާމީން އަބްދުލްގައްޔޫމްގެ ވެސް ރަނގަޅު ވާހަކަ. އަޅުގަނޑު ދައްކައިފިއޭ މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެސް ރަނގަޅު ވާހަކަ. އެކަމަކު އެއް ބޭފުޅެއްގެ ރަނގަޅު ވާހަކައެއް ނުދައްކައޭ، މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ރަނގަޅު ވާހަކައެއް އަޅުގަނޑު ނުދައްކައޭ. އަޅުގަނޑު ބުނެފިތޯ އެބޭފުޅާ ގޯސްކޮށް ކަމެއް ކުރެއްވި ވާހަކައެއް، އެންމެ ފަހަރަކު ވެސް އަޅުގަނޑު ދަންނަވައިފިންތޯ،" އޭނާ ވިދާޅުވިއެވެ.

ޖޭޕީ އަކީ އަންނަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހު ދައުވަތު އެރުވި ޕާޓީއެކެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް އާ ކައުންސިލަށް ލަފާ އެރުވުމަށް ޖޭޕީން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފައެވެ.