މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަނުކުރާނެ ކަމަށް ދެކުމަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ވިސްނުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް ގޮވާލައި އެ ޕާޓީގެ ގައުމީ ޖަލްސާއަށް ގަރާރެއް ހުށަހެޅުމަށް، ދަރުބާރުގޭގައި ކުރިއަށްގެންދާ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ޖަލްސާގެ މިރޭގެ ސެޝަނުން ވަނީ ފާސްކޮށްފައެވެ. ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރާ މެދު ދެން ގޮތެއް ނިންމާނީ އަލަށް އިންތިހާބުކުރާ އެ ޕާޓީގެ ކައުންސިލުންނެވެ.
ޖޭޕީން އެ ގަރާރު ފާސްކޮށްފައި މިވަނީ، ކޯލިޝަން ހެދުމުގެ ދައުވަތު އެރުވުމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖޭޕީއަށް ސިޓީފުޅެއް ފޮނުއްވާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް މަރުހަބާ ދަންނަވާ ކަމަށާއި މިއަހަރު ބާއްވާ އިންތިހާބުގައި 2018 ގެ ކޯލިޝަން ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.
"ގަރާރު އެ ފާސްވީ ވަރަށް ތަނަވަސް އަގުލަބިއްޔަތުން. މަރުހަބާ ގާސިމް. ޖޭޕީ އެ އޮތީ ގަދަކޮށް ރައީސް ސޯލިހާއެކީ ކަމަށް ދެކިގެން ތިއްބަވާ. ޖޭޕީން މި އިންތިހާބަށް ނުނިކުންނާނެކަން ދެކުމަކީ ސިޔާސީގޮތުން އެއްގޮތަކަށް ވެސް ތަސައްރަފު ނުފުދޭ ވިސްނުމެއް،" ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ގަރާރު ހުށަހެޅުމަށް ފާސްކުރި ނަމަވެސް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައިފައެވެ. އަދި ރައީސް ސޯލިހު ދެން ދައުވަތު އެރުވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިވަގުތު ސިންގަޕޫރުގައި ހުންނެވި އެޕާޓީގެ ޒައީމް، ރައީސް މައުމޫން އަބްދުލްޤައްޔޫމް ރާއްޖެ ވަޑައިގަތުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު