ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް އިންޒާރު ދެއްވައިފިއެވެ.

އާޒިމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބޭނުންވާ އަދަދު ހަމަވެފައިވާ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފި ނަމަ، ރަައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ރައީސް ނަޝީދުގެ ފެކްޝަނުން ފަށާނެ ކަމަށެވެ.

އަލީ އާޒިމްގެ އެ ޓްވީޓަށް ބާރުދީ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އެގޮތަށް މަޖިލިސް ރައީސް ވަކިކުރަން ނުކެރޭނެ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ވަރުގަދަ ކޯޅުންގަނޑެއް އުފެދިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މުޅިންވެސް އޮންނަނީ ދެ ފެކްޝަންގެ މެންބަރުންގެ ޒުވާބެވެ.

އެގޮތުން މަޖިލީހުގެ ރިޔާސަތުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މަޖިލީހަށް ކުއްލި މައްސަލައާއި ގަރާރު ހުށަހަޅައިގެން، ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތަށް ހުރަސް އަޅަމުން ގެންދާކަމުގެ ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ.

ގާނޫނުއަސާސީ ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ އެކަމާބެހޭ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް އެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހަޅައި ބަހުސް ފަށަން ބޭނުންވަނީ 22 މެންބަރުންގެ ސޮޔެވެ.