ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މި އަހަރު ސްޓޭބަލް ސަރުކާރެއް ގާއިމުކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސްޓޭބަލް ސަރުކާރެއްގެ އެކުލަވާލުމަށް ބޭނުންވާ ފޯމިއުލާގެ މެންޒަރު ކުރެހި، ކުލަޖެހެމުން އަންނަ ކަމަށެވެ. އަދި އެ މަންޒަރުގެ ކުލަތައް ލަސްތަކެއް ނުވެ ރައްޔިތުންނަށް ސާފުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިމްރާން އެ އިޝާރާތް ކުރައްވަނީ ބެލެވޭ ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އުފައްދާ ކޯލިޝަނަށެވެ. އެގޮތުން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ ނިންމި ޕާޓީއަކީ އަދާލަތެވެ.
އަދާލަތުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ވަނީ އެމްޑީޕީ އާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ.
އެމްޑީއޭއާއި އަދާލަތުން ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމި ނަމަވެސް، މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު