މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވުމަށް ނައިބު ރައީސް ފައިސަލް ނަސީމަށް ދައުވަތު ފޮނުވާފައިވާ ކަމަށާއި ނަމަވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ޖޭޕީން ބުނެފިއެވެ.
ޖޭޕީގެ ކޮންފަރެސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ފަރާތުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އަދި ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޖޭޕީން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްވެސް ފޮނުވައިފައެވެ. ނަމަވެސް އެ މަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ. އެމްއާރްއެމްގެ ފަރާތުން ފާރިސް ބައިވެރިވެވަޑައިގަތީ، އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް މިވަގުތު މެލޭޝިއާގައި ހުންނެވުމުންނެވެ.
ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޖޭޕީގެ ފަރާތުން ވަނީ ނައިބު ރައީސް ފައިސަލަށް ވެސް ފޮނުވައިފައެވެ. ފައިސަލަކީ ޖޭޕީގެ ފަރާތުން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު "ވަން" އަށް މިރޭ ވިދާޅުވީ، ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ނައިބު ރައީސަށް ފޮނުވާފައިވާނެ ކަމަށާއި ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެވަޑައި ނުގެންނެވި ސަބަބެއް ދަންނަވަން ދަތި ކަމަށެވެ.
ކޮންފަރެންސްގައި ބައިވެރިވެވަޑައިނުގަތް ސަބަބު ސާފުކުރަން "ވަން" އިން ނައިބު ރައީސަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އޮންލައިން މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ތާއިދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށެވެ. ނައިބު ރައީސް އެގޮތަށް ވިދާޅުވުމުން ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވެފައިވަނީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އެ ޕާޓީން އަދި ތާއިދުކުރަން ނިންމާފައިނުވާ ކެންޑިޑޭޓަކަށް ތާއިދު ނުކުރެއްވޭނެ ކަމަށެވެ.
އެފަދަ ކެންޑިޑޭޓަކަށް ތާއިދު ކުރައްވާނަމަ، އެންމެ ރަނގަޅު ގޮތަކީ ޕާޓީން ވަކިވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު