ފޯ ނޭޝަންސް ވޮލީ މުބާރާތް

އަފްގާނިސްތާނުން މެލޭޝިއާވެސް ބަލިކޮށްފި

ރާއްޖޭގައި އިއްޔެ ފެށި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި، އަފްގާނިސްތާނުން ކުޅުނު ދެވަނަ މެޗުގައި މިއަދު މެންދުރުފަހު މެލޭޝިއާވެސް ބަލިކޮށްފިއެވެ.

އިއްޔެ ސިންގަޕޫރާ ވާދަކޮށް އަފްގާނިސްތާނުން 3-1 ސެޓުން މެޗު ކާމިޔާބު ކޮށްފައިވާ އިރު، މިއަދުވެސް އަފްގާނިސްތާނު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 22-25، 21-25 އިން އަފްގާނިސްތާން ގެންގޮސްފައި ވަނިކޮށް، އެޓީމަށް 19-25 އިން ތިންވަނަ ސެޓު ގެއްލުނެވެ. އެހެން ނަމަވެސް އަނެއްކާވެސް އަފްގާނުން ވަނީ ހަތަރު ވަނަ ސެޓު 19-25 އިން ގެންގޮސްފައެވެ.

މިއަދުގެ މެޗު އަފްގާނިސްތާނުން ފެށީވެސް ރަނގަޅު ފޯމެއްގައެވެ. ކުރީކޮޅުގައިވެސް ރަނގަޅު ލީޑެއް ނަގައި، ވަރުގަދަ އެޓޭކްތަކާއެކު ފުރަތަމަ ސެޓު ގެންދިޔަ އިރު، ދެވަނަ ސެޓަށް މެލޭޝިއާއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިއެވެ. ފުރަތަމަ ކޮޅުގައި މެލޭޝިއާއިން ލީޑަކަށް މަސައްކަތް ކުރި ނަމަވެސް ސެޓުގެ މެދަކާ ހަމައިން ކޮންޓްރޯލު ހޯދައި، އަފްގާނިސްތާނުން ވަނީ ސެޓު ގެންގޮސްފައެވެ.

ތިންވަނަ ސެޓުގެ ކުރީކޮޅުގައި އަފްގާނިސްތާނުން ފެނުނީ ތަންކޮޅެއް ދަށްކޮށެވެ. އެޓީމަށް ފަސޭހަކޮށްލެވުމުގެ ފައިދާ ނަގައި، މެލޭޝިއާއިން ވަނީ ރަނގަޅު ލީޑެއް ދަމަހައްޓައި ސެޓު ގެންގޮސްފައެވެ. އެޓީމުން ތިންވަނަ ސެޓު ގެންދިޔައީ ހަ ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ.

ތިންވަނަ ސެޓު ގެއްލުނު ނަމަވެސް އަފްގާނިސްތާނުން ވަނީ އަނެއްކާވެސް ހަތަރުވަނަ ސެޓުގައި މޮޅަށް ކުޅެފައެވެ. ރަނގަޅު އެޓޭކުތަކަކާއެކު ސެޓު ގެންގޮސް އެޓީމުގެ ދެވަނަ މޮޅު ޔަގީންކުރިއެވެ.

މުބާރާތުގައި ދެން އަފްގާނިސްތާނަށް އޮތް މެޗަކީ މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ރާއްޖެއިން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ 8:30 ގައެވެ.