ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.
ރާއްޖެއިން ފައިނަލަށް ދިޔައީ މިއަދު ކުޅުނު މެޗުގައި، ފަސް ސެޓަށް ކުޅެ މެލޭޝިއާ ބަލިކޮށްގެންނެވެ. މިއަދުގެ ސެމީ މެޗުގައި ރާއްޖެއިން މެލޭޝިއާ ބަލިކުރީ 2-3 ސެޓުންނެވެ.
މިއަދުގެ މެޗު ރާއްޖެއިން ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. ފުރަތަމަ ސެޓު ފެށިގެން ތިން ޕޮއިންޓްގެ ލީޑެއް ނަގައި ރާއްޖެއިން ފޯމު ރަނގަޅު ކުރި އިރު، ސެޓުގެ ކުރީކޮޅުގައި އައިޝަތު މާޖިދާ އާއި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ ބާރު އެޓޭކްތައް ފެނުނެވެ. ހަމައެއާއެކު ރަނގަޅަށް ޑިފެންސްވެސް ކުރި ސެޓު ރާއްޖެއިން ގެންދިޔައީ 25-23 އިންނެވެ.
ދެވަނަ ސެޓުގެ ފެށުން ރާއްޖެއަށް ދިޔައީ ދަށްކޮށެވެ. ލިބޭ ފުރުސަތުތައް ރަނގަޅަށް ނިންމާނުލެވުނުތަން ފެނިގެން ގޮސްފައިވާ އިރު، ފެށިގެން މެލެޝިއާއިން ވަނީ 6-1 ގެ ނަތީޖާއަކުންވެސް ލީޑު ކޮށްފައެވެ. ރަނގަޅު ލީޑަކާއެކު ކުޅެމުން ދިޔަ މެލޭޝިއާއިން މެޗުގެ ފަހުކޮޅަށް ދިޔައިރުވެސް ބޮޑު ލީޑެއްގައި ހިފަހައްޓަމުން ދިޔައެވެ. ރާއްޖޭގެ ކުޅުންތެރިން އަތުން ގިނަ ގޯސްތަކެއް ފެނިގެން ދިޔަ އިރު، 18-11 ގައިވެސް މެލޭޝިއާ ވަނީ ލީޑު ކޮށްފައެވެ.
މެލޭޝިއާއިން ކޮންފިޑެންސާއެކު ކުޅެމުން ދިޔަ އިރު، ސެޓުގެ ފަހުކޮޅުގައި ރޮޓޭޝަން ފޯލްޓެއްގައިވެސް ރާއްޖެއަށް ޕޮއިންޓެއް ގެއްލިގެން ދިޔައެވެ. ފަހު ދެތިން ޕޮއިންޓްގައި ދިވެހި ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެން ގޮސްފައިވީ ނަމަވެސް ޝަހާ ޝާމިންގެ ރަނގަޅު އެޓޭކްތަކެއް ރާއްޖެއިން ފާހަގަވިއެވެ. ޝަހާގެ އެ ހަމަލާތަކާއެކު ސެޓުގެ ފަރަގު ކުޑަވި ނަމަވެސް، މެލޭޝިއާއިން ސެޓު ގެންދިޔައީ 25-17 އިންނެވެ.
ތިންވަނަ ސެޓު ދާދި ހަމަހަމަކޮށް ފެނިގެން ގޮސް، ސެޓުގެ މެދެއްހާ ހިސާބުން މެލޭޝިއާއިން ލީޑު ނެގިއެވެ. އެހެން ނަމަވެސް ރާއްޖެއިން ވަނީ ހިތްވަރުކޮށް، މާޖިދާ އާއި ޝަހާގެ އެޓޭކްތަކުން 11-11 ގައި އެއްވަރު ކޮށްފައެވެ. އަދި ތިންވަނަ ސެޓުގައި ރާއްޖެއިން ފުރަތަމަ ލީޑު ނެގީ 13-12 ގައެވެ.
ސެޓުގެ ފަހުކޮޅުގައި ރާއްޖޭގެ ކެޕްޓަން ހައްވަގެ ރަނގަޅު އެޓޭކްތަކެއް ފެނިފައިވާ އިރު، ރާއްޖެއިން ވަނީ ފަހު ފަސް ޕޮއިންޓާ ހަމައަށް ދެ ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން ގޮސްފައެވެ. 20-18 ގައި ރާއްޖެއިން ލީޑު ކޮށްފައިވާ އިރު، އޭގެ ފަހުން މާޖިދާގެ ރަނގަޅު އެޓޭކްތަކަކާއެކު ރާއްޖެއިން ދިޔައީ ސެޓު ނިންމުމާ ގާތަށެވެ. 23-20 އިން ސެޓު ލީޑުކޮށް ރާއްޖެއިން ސެޓު ގެންދަން ދިޔަ ނަމަވެސް މެލޭޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށްލައި، 24-23 އަށްވެސް ސްކޯ ގާތް ކޮށްފައެވެ. އެހެން ނަމަވެސް ޓައިމްއައުޓަކަށްފަހު ރާއްޖެއިން ވަނީ 25-23 އިން ސެޓު ގެންގޮސްފައެވެ.
ތިންވަނަ ސެޓު، މެލޭޝިއާއިން ރަނގަޅަށް ފަށައި ސެޓުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. ދެ ޕޮއިންޓުގެ ލީޑެއްގައި ސެޓުގެ ބޮޑު ބައެއްގައި މެލޭޝިއާ އޮތް ނަމަވެސް ރާއްޖެއިން ވަނީ ފަހަތުން އަރައި 17-16 އިން ލީޑުވެސް ކޮށްފައެވެ. އެ ލީޑާއެކު ފަހު ފަސް ސެޓަށް ރާއްޖެއިން ދިޔަ ނަމަވެސް، މެލޭޝިއާއިން ފުލުފުލުގައި ކުރި އެޓޭކްތަކުން އަނެއްކާވެސް ލީޑު ނެގިއެވެ.
މެލޭޝިއާއިން ލީޑު ނެގުމާއެކު ރާއްޖެއިން ޓައިމް އައުޓެއް ނަގައި ހަމަޖައްސާލަން މަސައްކަތް ކުރި ނަމަވެސް މެލޭޝިއާއިން ވަނީ 25-21 އިން ސެޓު ގެންގޮސްފައެވެ.
މެޗު ފަސްވަނަ ސެޓަކަށް ގޮސް، ފުރަތަމަ ކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ޑިފެންސް ރަނގަޅުކޮށް، 5-5 އިން ސްކޯ އެއްވަރު ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ. އެހިސާބުން ޝަހާގެ ޝޮޓްތަކެއް ބްލޮކްކޮށް، މެލޭޝިއާއިން ވަނީ 7-5 އިން ލީޑުކޮށްފައެވެ. އަދި ރާއްޖެ ޓައިމްއައުޓް ނަގައި، ހަމަޖައްސާލިއެވެ.
ޓައިމްއައުޓަށްފަހު ރާއްޖެއިން މެޗުގެ ނަތީޖާ 8-7 އަށް އަނބުރާލައި، ކޮޅު ބަދަލު ކުރުމަށްފަހުވެސް ރާއްޖެ ޕޮއިންޓެއް ހޯދައި، ދެ ޕޮއިންޓްގެ ލީޑަކަށް ދިޔައެވެ. ފަހު ސެޓުގައި ރާއްޖޭގެ ފާތިމަތު ސަމްހާ ކުޅެން އަރައި ނެގި ސާވިސްތައް ފާހަގަވެގެން ގޮސްފައިވާ އިރު، މާޖިދާ އާއި ޝަހާގެ ބާރު އެޓޭކްތަކާއެކު ރާއްޖެއިން ވަނީ 15-9 އިން ސެޓު ގެންގޮސްފައެވެ.
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް