ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް، މެލޭޝިއާއިން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 25-14، 25-18 އަދި 25-23 އިންނެވެ. މިރޭގެ މޮޅާއެކު މެލޭޝިއާއިން ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ މާދަމާ ރޭ 8:30 ގައެވެ. ސިންގަޕޫރުން މިއަދު ފައިނަލް ޔަގީންކުރީ އަފްގާނިސްތާން ކައިރިން ތިން ސެޓުން މޮޅުވެގެންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ސެޓުގައިވެސް މެލޭޝިއާގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ހަސަން ނިލާމް (ޕާޓޭ) ގެ އެޓޭކްތަކާއެކު ފުރަތަމަ ކޮޅުގައި ދާދި ހަމަހަމަކޮށް ސްކޯ ދިޔަ ނަމަވެސް، ސެޓުގެ މެދެއްހާ ހިސާބުން މެލޭޝިއާއިން ބޮޑު ލީޑެއް ނަގައި، 14-25 އިން ސެޓު ގެންދިޔައެވެ.

ދެވަނަ ސެޓުގައިވެސް ރާއްޖެއަށް ދިމާވީ ފުރަތަމަ ސެޓުގައި ދިމާވި ހާލަތެވެ. ފުރަތަމަ ކޮޅުގައި ރަނގަޅު ޑިފެންސިވް ބޯޅަތަކެއް ނަގައި، ބްލޮކް ކޮށްގެން މެލޭޝިއާގެ އެޓޭކްތައް ކޮންމެވެސް ވަރަކަށް ހުއްޓި ނަމަވެސް، ސެޓުގެ މެދާ ހަމައިން މެލޭޝިއާއިން ލީޑު ފުޅާކުރިއެވެ. މެލޭޝިއާ ޓީމުގެ މެދުން ޖަހާ ބޯޅަތައް ގިނަކޮށް، އެޓީމުން ރާއްޖޭގެ ކުޅުމުގެ ސްޓައިލަށް ބަލައި ނަތީޖާ ނެރެފައިވާ އިރު، ސެޓު ގެންދިޔައީ 18-25 އިންނެވެ.

ތިންވަނަ ސެޓުގައި ރާއްޖެއިން މެލޭޝިއާއާ ކޮންމެވެސް ވަރަކަށް ޗެލެންޖް ކުރި އިރު، 9-8 އިން ލީޑުވެސް ކޮށްފައިވެއެވެ. އޭގެ ފަހުން މެލޭޝިއާއިން ފަހަތުން އަރައި 13-11 އިން ލީޑު ކުރި ނަމަވެސް ސެޓުގެ ފަހު ކޮޅަށް ގޮސް ރާއްޖެއިން އިތުރު ހިތްވަރެއްލައި ފަހުވަގުތު ކޮޅާ ޖެހެންދެންވެސް އުންމީދު ދެމެހެއްޓިއެވެ. ނިލާމް އާއި އާދަމް ފައިރޫޒްގެ ކުޅުން ސެޓުގައި ފާހަގަވި އިރު، ރާއްޖެ އަތުން ސެޓު ދިޔައީ 23-25 އިންނެވެ.