ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލް މެޗު ކާމިޔާބުރެވުމުގެ ފަހަތުގައިވެސް ސަޕޯޓަރުން ދެއްކި ހިތްވަރު ވަރަށް ބޮޑަށް ފާހަގަވި ކަމަށާއި، މިރޭގެ ފައިނަލް މެޗަށްވެސް ސޯޝަލް ސެންޓަރު ފުރާލަ ދިނުމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެދިއްޖެއެވެ.
ފޯ ނޭޝަންސް ކަޕްގެ އަންހެން ސެމީ ފައިނަލް މެޗުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރާއްޖޭން ވަނީ މެލޭޝިއާ 3-2 ސެޓުން ބަލިކޮށްފައެވެ. ފޯރިގަދަ މެޗުން މޮޅުވެ، ރާއްޖޭގެ އަންހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް، އަމިއްލަ ފަސްގަނޑުގައި ފައިނަލެއް ކުޅުނު ފުރުސަތު ހޯދައިފައެވެ. މިރޭ 8:30ގައި އޮންނަ ފައިނަލް މެޗުގައި އަންހެން ޓީމުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.
އިއްޔެގެ މެޗަށްފަހު އުފާފާޅުކުރުމުގެ ތެރެއިން މީޑިއާއާ ވާހަކަ ދައްކަމުން ކެޕްޓަން ހައްވަ ބުނީ ޓީމުން ދެއްކީ ޓީމު ރޫހެއްގެ ތަފާތު ކަމަށާއި، އަބަދުވެސް އެ ތަފާތަށް މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
"އަލްހަމްދުލިﷲ. މިއީ ވަރަށް މުހިއްމު މޮޅެއް. ވަރަށް ގިނަ ދުވަހުގެ އުންމީދެއް މި ހާސިލުވީ. ފުރަތަމަ މުބާރާތް ފެށުނު ދުވަހުވެސް އަޅުގަނޑުމެން ފާހަގަކުރަމުން ދިޔައިން، އިންޑިވިޖުއަލީ މި ހުރިހާ ކުޅުންތެރިންވެސް މިއީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެކޭ. ދެން އޭގައި އޮތީ ޓީމެއް ގޮތުގައި ކުޅެގެން މޮޅުވުން. މެލޭޝިއާ ބަލިކުރެވުނީ ޓީމެއް ގޮތުގައި ކުޅެގެން،" ހައްވަ ބުންޏެވެ.
ހައްވަ ބުނީ ދެން އޮތީ ފައިނަލް ކަމަށާއި، ފައިނަލަށް ނުކުންނާނީ މާ ވަރުގަދަ ރޫހެއްގައި ކަމަށެވެ. އެއާއެކު ހައްވަ ފާހަގަކުރީ ސަޕޯޓަރުންގެ މުހިއްމު ކަމެވެ. އޭނާ ބުނީ ސަޕޯޓަރުންނަކީ ޓީމުގެ އެއްބައި ކަމަށާއި، އެ ސަޕޯޓަރުންގެ ހިތްވަރު ފައިނަލަށް ބޭނުންވާ ކަމަށެވެ.
"ކުރިއަށް އޮތީ ފައިނަލް މެޗު. ފައިނަލް މެޗަށް ނުކުންނާނީ މި މެޗަށްވުރެވެސް ވަރުގަދަ ހިތްވަރެއްގައި. މިއަދު ސޯޝަލް ސެންޓަރުގައި އޮތް ވަރަށް ސަޕޯޓުކޮށްދޭން ވަޑައިގަންނަވާށޭ އަޅުގަނޑު ބުނެލަން ބޭނުން. ތިއީ މި ޓީމުގެ އެއްބައި. ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެދެނީ ފައިނަލް މެޗަށްވެސް މިތަން (ސޯޝަލް ސެންޓަރު) ރަތް ކުލައިން ފުރާލަދިނުން. ތި ސަޕޯޓަރުންގެ ފަރާތުން ވަރަށް ވަރަށް ބޮޑަށް ހިތްވަރު ލިބުނު،" ހައްވާ ފާހަގަކުރިއެވެ.
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް