ރާއްޖޭގައި ކުޅެވުނު ފޯނޭޝަންސް ކަޕްގެ ފައިނަލްގައި ރާއްޖެ ބަލިވެ، ސިންގަޕޫރުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ސިންގަޕޫރުން ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު 25-18، 25-22 އިން ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓުގައި ހިތްވަރުކޮށް، ރާއްޖެއިން ވަނީ 19-25 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ހަތަރު ވަނަ ސެޓުގައި އެއަށްވުރެ ވެސް ރަނގަޅަށް ކުޅެ، ރާއްޖެއިން ހަތަރުވަނަ ސެޓުވެސް ގެންދިޔައީ 25-19 އިންނެވެ. އެންމެފަހު ސެޓު ސިންގަޕޫރުން ގެންދިޔައީ 11-15 އިންނެވެ.
މިރޭގެ ފައިނަލަށް ގައުމީ އަންހެން ވޮލީ ޓީމުން ނުކުތީ ތާރީހީ އެތައް ކަމެއް ހާސިލުކުރުމަށެވެ. މިރޭގެ ފައިނަލަކީ ވޮލީ ތާރީހުގައިވެސް ރާއްޖޭގެ ޓީމަކުން އަމިއްލަ ފަސްގަނޑުގައި ނުކުތް ފުރަތަމަ ފައިނަލެވެ. އަދި އަންހެން ވޮލީން ފުރަތަމަ ރަން މެޑައްޔަކަށް އުންމީދު އޮތް ފައިނަލެއްވެސް މެއެވެ. ރާއްޖޭގެ އަންހެން ވޮލީ ޓީމުން މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރު ހޯދި ކާމިޔާބީއެކެވެ. އެއީ އެފަހަރު ބަންގްލަދޭޝްގައި އޮތް އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ހޯދި ރިހި މެޑަލެވެ.
އެ ކާމިޔާބީގައި ހިއްސާވި ބައެއް ކުޅުންތެރިންވެސް މިރޭގެ ފައިނަލަށް ނުކުމެފައިވާ އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި ސެޓަރު ޖޫޒާން ޒަރީރު އަދި ޝަހާ ޝާމިން ފަދަ ކުޅުންތެރިންނަކީ އެ ފައިނަލުގައި ނޭޕާލް އަތުން ބަލިވި ބަލިވުމުގެ ހިތްދަތި ތަޖުރިބާ ކޮށްފައި ތިބި ކުޅުންތެރިންނެވެ.
ސޯޝަލް ސެންޓަރު އެތެރޭ ހޯލު މިރޭ އޮތީ ސަޕޯޓަރުން ފުރިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް މެޗު ބައްލަވައިލެއްވުމަށް ވަޑައިގެންފައިވާ އިރު، މުޅި ސޯޝަލް ސެންޓަރުގައި ދިޔައީ ދިވެހި ދިދަ ވިހުރުވަމުންނެވެ. ރަތް ކުލައިގެން ތިބި އެތައް ސަޕޯޓަރުންނެއް ދިޔައީ ގައުމީ ޖޯޝުގައި އަޑު ގުގުމަމުންނެވެ.
ސިންގަޕޫރު ކައިރިން ލީގު ބުރުގައި އަންހެން ޓީމުން ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ބަލިވެފައި އޮތް ނަމަވެސް، މިރޭގެ މެޗު ފެށީ ރޫހެއްގައެވެ. ގައުމީ އަންހެން ޓީމުން ފެށީ ތަފާތު މޮޅު ކުޅުމަކާވެސް އެކުގައެވެ. މެޗު ފެށިގެން ހައްވަ އާއި އައިޝަތު މާޖިދާގެ އިތުރުން ޝަހާގެ ބާރު ހަމަލާތަކާއެކު ރާއްޖެއިން ދިޔައީ ލީޑު ކުރަމުންނެވެ. ޑިފެންސިވްލީވެސް އެހެން މެޗުތަކަށް ވުރެވެސް ރަނގަޅަށް ރާއްޖެ ފެނިގެން ގޮސްފައިވާ އިރު، 6-1 އިންވެސް ލީޑު ކުރިއެވެ.
އެ ލީޑާއެކު ރަނގަޅު ކުޅުމެއް ރާއްޖެއިން ފެށި ނަމަވެސް ސިންގަޕޫރުން ދިޔައީ މަޑުމަޑުން ގޭމު ތެރެއަށް ވަންނަމުންނެވެ. ސިންގަޕޫރުން އެޓޭކްތައް ރަނގަޅުކޮށް، ސެޓުގައި 9-9 އިން ނަތީޖާ އެއްކުރި އިރު، އެހިސާބުން ރާއްޖެއިން ޓައިމް އައުޓް ނަގައިގެންވެސް ސިންގަޕޫރަށް ހުއްޓުމެއް ނުގެނެވުނެވެ. ސްކޯ ދާދި ގާތްގާތުގައި ގޮސް 15-15 އެއްވަރުވެސް ވިއެވެ. އެހިސާބުން ސިންގަޕޫރުން ކޮންފިޑެންސް ރަނގަޅުކޮށް، ފުލުފުލުގައި ރަނގަޅު ޕޮއިންޓްތަކެއް ނަގައި 23-17 ލީޑު ކުރިއެވެ. އަދި 25-18 އިން ސެޓު ނިންމާލިއެވެ.
ދެވަނަ ސެޓު ފަށައިގެންވެސް ފެނުނީ ދާދި ހަމަހަމަކޮށް ޕޮއިންޓްތައް ދިޔަ ތަނެވެ. ޝަހާގެ ބާރު، ކޮލިޓީ ރަނގަޅު ޝޮޓްތަކެއް ދެވަނަ ސެޓުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، ސެޓުގެ މެދެއްހާ ހިސާބުން ރާއްޖެއަށް ރިސީވިންނާއި ޑިފެންސް ކުރުމުގެ މައްސަލަތައް ދިމާވިއެވެ. 9-9 އިން އެއްވަރުވެފައި އޮތުމަށްފަހު ސިންގަޕޫރުން ވަނީ 15-10 އަށްވެސް ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން ރާއްޖޭގެ ހައްވަ އާއި ނަރީމާ އިދުރީސް (ނައްނި) ރަނގަޅު ސްޕައިކްތަކާއެކު ރާއްޖެއިން ކޮންމެވެސް ވަރެއްގެ ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެހެން ނަމަވެސް ސިންގަޕޫރުން ދިޔައީ ލީޑު ދަމަހައްޓަމުންނެވެ. 18-15 އިންވެސް ސިންގަޕޫރު ލީޑުކޮށްފައިވާ އިރު، ރާއްޖެއިން އޮއިވަރު ރަނގަޅުކޮށްލީ ފާތިމަތު ސަމްހާ އާއި ހައްވާ ނާޒިމާ ކުޅުމަށް ނުކުތުމާއެކުގައެވެ.
ރަނގަޅު ބްލޮކްތަކެއް ކޮށް، ރާއްޖެއިން ވަނީ 20-20 ގައި އެއްވަރުވެސް ކޮށްފައެވެ. އެހެން ނަމަވެސް އޭގެފަހުން މުހިއްމު ދެ ޕޮއިންޓް ގެއްލި، ކޯޗު އަބްދުﷲ ނިޒާރު ޓައިމް އައުޓެއް ނެގިއެވެ. ޓައުމް އައުޓެއް ނެގި ނަމަވެސް ސިންގަޕޫރުން ވަނީ ފަހުކޮޅުގައި ރަނގަޅުކޮށް، ދެވަނަ ސެޓު 22-25 އިން ގެންގޮސްފައެވެ.
ތިންވަނަ ސެޓަށް ނުކުމެވެސް ސިންގަޕޫރުން ފެށީ ރަނގަޅު ރޫހެއްގައެވެ. ރާއްޖެއަށް ރަނގަޅަށް ޑިފެންސް ނުކުރެވި، 8-2 ގެ ލީޑެއްގައިވެސް ސިންގަޕޫރުން އޮތެވެ. އެ ލީޑާ އަރާ ހަމަކުރަން ރާއްޖޭގެ ނަރީމާ އާއި ޝަހާގެ ރަނގަޅު އެޓޭކްތަކެއް ފެނުނު އިރު، ސިންގަޕޫރުގެ އަމިއްލަ ގޯސްތަކަކާވެސް އެކުގައި 11-12 އަށް ރާއްޖެއިން ލީޑު ހަނިވެސް ކުރިއެވެ.
އެ ލީޑު ހަނިކޮށް ހައްވަގެ ރަނގަޅު ސާވިސްއަކާވެސް އެކު ރާއްޖެއިން 13-13 ގައި ސްކޯ ހަމަހަމަ ކުރިއެވެ. އެހިސާބުން ސިންގަޕޫރުން ވަނީ ޓައިމް އައުޓް ނަގައި ޓީމު ހަމަޖައްސާލަން މަސައްކަތް ކޮށްފައެވެ. އެ ޓައިމް އައުޓަށްފަހު ސިންގަޕޫރުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ރާއްޖެއިން ވަނީ ހިތްވަރާއެކު 16-16 ގައި އެއްވަރު ކޮށްފައެވެ. މުހިއްމު ޕޮއިންޓްތަކަކާއެކު އެއްވަރު ކުރުމުގައި ޝަހާގެ ރަނގަޅު ސާވިސްތަކެއް ފެނިގެން ގޮސްފައިވެއެވެ. އަދި އެ ޖޯޝާއެކު މެޗުގެ ސްކޯ، 19-17 ގައި ރާއްޖެއިން ސެޓުގެ ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
އެ ލީޑާއެކު ހައްވަގެ ތަފާތާއެކު ރާއްޖެއިން 21-17 ގެ ލީޑެއް ނެގިއެވެ. އެ ވަގުތު ސޯޝަލް ސެންޓަރު ދިޔައީ ގުގުމަމުންނެވެ. ސަޕޯޓަރުންގެ ޖޯޝާއެކު ރާއްޖެއިން ވަނީ 25-19 އިން ސެޓު ނިންމާލައިފައެވެ.
މެޗުގެ ހަތަރު ވަނަ ސެޓުގައިވެސް ރާއްޖެ ފެނުނީ ރަނގަޅު ރޫހެއްގައެވެ. ސެޓުގެ ކުރީކޮޅުގައި ސިންގަޕޫރުން ލީޑު ނެގި ނަމަވެސް، ޝަހާގެ ރަނގަޅު ސާވިސްތަކަކާއި ހައްވަގެ ރަނގަޅު އެޓޭކްތަކަކާ އެކު ރާއްޖެއިން ވަނީ 6-6 ގައި ސްކޯ އެއްވަރުކޮށްފައެވެ. އަދި އޭގެ ފަހުން މާޖިދާ އާއި ޝަހާގެ ރަނގަޅު ޝޮޓްތަކަކާއެކު ރާއްޖެއިން 13-9 ގައި ލީޑު ކޮށްފައިވެއެވެ.
ސެޓުގައި ހައްވަ މެދަށް ވަދެ، ޒޯން ތިނަކުން ކުރި އެޓޭކްތައް ކާމިޔާބުކޮށް ފެނިފައިވާ އިރު، ރާއްޖެއިން ވަނީ ސެޓުގެ ފަހު ކޮޅުގައި 20-14 އިން ލީޑު ކޮށްފައެވެ. އަދި ފޯރިގައި ރާއްޖެއިން ސެޓު ގެންދިޔައީ 25-19 އިންނެވެ.
މެޗު ޓައި ބްރޭކް ސެޓަށް ގޮސް ރާއްޖެއިން ފުރަތަމަ ތިން ޕޮއިންޓްގެ ލީޑެއްގައި ލީޑުކުރަމުން ދިޔަ ނަމަވެސް، ކޮޅު ބަދަލުވި އިރު، ސިންގަޕޫރުން ވަނީ 8-6 ގައި ލީޑު ކޮށްފައެވެ. ސެޓުގެ ފަހު ބައިގައި ގާތްގާތުގައި ޕޮއިންޓްތައް ދިޔަ އިރު، 8-9 އަކަށް ރާއްޖެއިން ސިންގަޕޫރުގެ ލީޑު ހަނި ކުރިއެވެ. އަދި ހައްވަގެ ބާރު ހަމަލާއަކާއެކު ސެޓު 9-9 ގައި އެއްވަރު ކުރިއެވެ. ފަހުވަގުތު ކޮޅު ފޯރިގަދަކޮށް ދިޔަ އިރު، 11-11 އިންވެސް އެއްވަރުވިއެވެ.
ސެޓުގެ ފަހު ޕޮއިންޓްތަކުގައި ސިންގަޕޫރުން ކުޅުން ރަނގަޅުކޮށް، ރާއްޖޭގެ ކުޅުންތެރިން މާޔޫސްކޮށްލައި ސެޓު ގެންދިޔައީ 15-11 އިންނެވެ.
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް
ފޯ ނޭޝަންސް ވޮލީ މުބާރާތް