މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް ސޯލިހާ އެކު ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްޑީޕީން އިއްޔެ އެމްޑީއޭއާއެކު ސަން ސިޔާމް ބިލްޑިންގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް "ވަން" އަށް ވިދާޅުވީ އިންތިހާބަށް ބަދަހި ސަފުތަކެއް އޮންނާނެ ކަމަށާއި އިންތިހާބު ކާމިޔާބުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދި ނަޝީދާ ވެސް މަޝްވަރާ ކުރައްވަމުންގެންދަވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދުދެއްވައި ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" މިއަދު ކުރެއްވި ޓުވީޓެއްގައި އެންމެ ފުރަތަމަ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ މަނިކުފާނު އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ.
ނަމަވެސް އެގޮތަށް ދެންނެވުނީ ގޯހަކުން ކަމަށް ވިދާޅުވެ، ފަހުން ކުރެއްވި ޓްވީޓްގައި ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީއަށް ހެޔޮގޮތް ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބާ ބެހޭގޮތުން ރައީސް ސޯލިހާ މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުއާއި ގުޅޭގޮތުން އަޅުގަނޑު ރައީސް ސޯލިހާ ކުރާނެ މަޝްވަރާއެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިގެން ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީ ތެރޭގައި ވަކި ހަރަކާތެއް ހިންގަމުންނެވެ. އެ ހަރަކާތް ހުއްޓާލައި ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ރައީސް ސޯލިހު، ފައްޔާޒު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ނަޝީދު އަރިހުން އެދިވަޑައިގެންފައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވެސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު