ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާނެ ބަޔަކު ނިންމުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ގައުމީ މަޖިލިސް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:00 ގައި، ސެންޓްރަލް ހޮޓަލުގައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޓަކައި ދައުވަތުގެ ސިޓީފުޅެއް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް އަރުވައިފައެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގައި ސިޔާމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވިކަން އެ މަޖިލީހާ ހިއްސާކުރައްވައިފައެވެ. ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ކުރިޔަށް ދާނީ ކޯލިޝަނަކާ އެކު ކަމަށް ވެސް މި ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް، ރައީސް ސޯލިހުގެ މަންދޫބުންނާއި ސިޔާމްގެ މަންދޫބުން އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެ ބައްދަލުވުން އޮތީ، އިއްޔެ މެންދުރު ސަން ސިޔާމް ބިލްޑިންގުގައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް "ވަން" އަށް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ، ކޯލިޝަންގައި ބައިވެރިވާން ތިބި ހުރިހާ ޕާޓީތަކާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރުމަށް ކަމަށެވެ. ފައްޔާޒު ވިދާޅުވީ، އެމްޑީއޭއަކީ ރާއްޖޭގައި މިހާރު އޮތް ހަމަޖެހުމުގެ ތެރެއިން މި ގައުމުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ޕާޓީއެއް ކަމަށެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށްދިއުމަކީ ފަހި ފުރުސަތެއް ކަމަށް ވިސްނިވަޑައިގަންނަވާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. މައުރޫފު ވިދާޅުވީ، ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާކުރުމަށް އެމްޑީއޭގެ ރައީސަށް އެންމެ ފުރަތަމަ ސިޓީފުޅެއް ފޮނުއްވީވެސް ރައީސް ސޯލިހު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އެހެންވީމަ ރައީސްގެ ސިޓީފުޅަށް އިޖާބަދިނުމުގެ ގޮތުން އެންމެ ފުރަތަމަ މި މަޝްވަރާތައް ބޭއްވީވެސް އެމްޑީޕީއާ." މައުރޫފު ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، އެމްޑީއޭގެ މައިގަނޑު ވިސްނުމަކީ ކޯލިޝަނެއްގައި ދަތުރު ކުރާއިރު އެންމެ ރަނގަޅު ހުށަހެޅުމެއް ލިބޭ ބަޔަކާއެކީގައި ކުރިއަށް ދިއުން ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ މިވަގުތު ގައުމަށް އެންމެ ފައިދާހުރި، އެންމެ ރަނގަޅު، ސިޔާސީ ގޮތުން އެންމެ ހަމަޖެހޭ ގޮތަކަށް ކަންތައްތައް ވެގެން ދިއުމަށް."
ރައީސް ސޯލިހުގެ މަންދޫބުންނާއެކު، ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެމްޑީއޭގެ ހުރި ކަންބޮޑުވުންތައްވެސް ހުށަހަޅާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ މަންދޫބުންނާއެކުވެސް އެމްޑީއޭއިން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ. ރައީސް ޔާމީން ވެސް ވަނީ އެމްޑީއޭއަށް ކޯލިޝަނުގެ ދައުވަތު ދެއްވައިފައެވެ.
ކޯލިޝަނާ މެދު އެމްޑީއޭއިން މިއަދު ގޮތެއް ނިންމާއިރު، އަދާލަތު ޕާޓީން މިހާރު ވަނީ އެމްޑީޕީއަށް ތާއީދުކުރަން ނިންމައިފައެވެ. ޖުމުހޫރީ ޕާޓީން މިއަދު ފަށާ އެ ޕާޓީގެ ކޮންގުރެހަށްފަހު އެ ޕާޓީންވެސް ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ