މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި މިރޭ ކުޅުނު ގއ. އަތޮޅު ފައިނަލް ކާމިޔާބުކޮށް މާމެންދޫން އަތޮޅު ތަށި ދިފާއުކުރި އިރު، ދ. އަތޮޅު އެއްވަނަ ޓީމުގެ ގޮތުގައި މާއެނބޫދޫން ފައިނަލް ޔަގީންކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިރޭ އެންމެ ފުރަތަމަ މެޗަކަށް ކުޅެފައިވަނީ ގއ. އަތޮޅުގެ ފައިނަލް މެޗެވެ. ގއ. އަތޮޅު ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މާމެންދޫން ނުކުތީ ނިލަންދުއާ ދެކޮޅަށެވެ. އެ މެޗު މާމެންދޫން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ދެ ގޯލުވެސް ޖެހީ މާމެންދޫންނެވެ. މާމެންދޫގެ ފުރަތަމަ ގޯލު އެޓީމުގެ ކެޕްޓަން އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަހުޝަމް ހަސަން ދީދީ ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ ޝަމްވީލް މުހައްމަދެވެ. ނިލަންދޫގެ ހަމައެކަނި ގޯލު، ލިބުނު ޕެނަލްޓީއެއްގައި ޖަހައިދިނީ މަމްދޫހު އިބްރާހީމެވެ.
މިރޭގެ ފައިނަލް މެޗުގައި ނިލަންދޫގެ ފަރުހާދު ރަޝީދަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
ގއ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އަތޮޅު ޗެމްޕިއަން މާމެންދޫގެ އަހުޝަމަށެވެ. އޭނާއާއި ނިލަންދޫގެ މަމްދޫހުވެސް މުބާރާތުގައި ހަތަރު ގޯލު ޖެހި އިރު، އަހުޝަމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ތިން މެޗުން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައި އޮތުމުންނެވެ. އެއީ ޓޮޕް ސްކޯރާގެ މަގާމު އެއްވަރު ވެއްޖެނަމަ މުބާރާތު ގަވާއިދުން މަގާމު ހޮވުމަށް އޮންނަ އުސޫލެވެ.
ދ. އަތޮޅު ލީގު ބުރުގެ ފަހު މެޗު މިރޭ ކުޅެފައިވާ އިރު، މާއެނބޫދޫން ދެވަނަ މެޗުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިޔައީ 5-0 އިން ބަނޑިދޫ ބަލިކޮށްފައެވެ. މެޗުގައި މާއެނބޫދޫގެ އަހުމަދު ޝައިހާން ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އަމްޖަދު އަލީއާއި މުހައްމަދު ނަޔާޒް، އަދި އަބްދުﷲ ޝާހީން ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖަހައިފައެވެ.
ދ. އަތޮޅު ދެވަނަ ޓީމުގެ ގޮތުގައި އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫން ފައިނަލަށް ދަތުރުކުރި އިރު، އެޓީމަށް ދެ މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ދ. އަތޮޅު ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް